ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒަންގެ ވެރިޔާ ޖެފް ބެޒޮންގެ މިލްކިއްޔާތުގައި 181.4 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އޭނާގެ މުއްސަނދިކަން އަދިވެސް ދަނީ ދުވަހަކަށްވުރެ ދުވަހަކު އިތުރު ވަމުންނެވެ. ކާމިޔާބު މީހަކަށް ވުމަށްޓަކައި މިހާތަނަށް ކާމިޔާބު ހޯދި މީހުންގެ ދިރިއުޅުމުގެ ކަންކަން ބަލައި ދިރާސާކޮށް އެގޮތައް ބައެއް ކަންކަން ކުރުމަކީ ނެތްކަމެއް ނޫނެވެ.

ޖެފް އަލަށް ލިޔުނު އޭނާގެ ފޮތް "އިންވެންޓް އެންޑް ވޮންޑާ" ގައި ބުނެފައި ވަނީ އޭނާ ކާމިޔާބު މީހަކަށް ވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއްކަމަކީ ކޮންމެ ރެއަކު ވެސް އަށް ގަޑިއިރު ނިދުން ކަމަށް ގަބޫލު ކުރާކަމަށެވެ. ޖެފް ބުނާ ގޮތުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ ރޭގަނޑު ވަރަށް އިރައިކޮޅު ނިދުމަށްފަހު އަށް ގަޑިއިރު ހަމަކޮށް ވީހާވެސް ހެނދުނު ހޭލުމަށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ޖެފް އަށް ވެވޭނީ އަދި އެމަގާމުގައި އޭނާ އަށް ހުރެވޭނީވެސް ޔަގީނުން ވެސް ވަރަށް މުހިއްމު ނިންމުންތަކެއް ނިންމިގެންނެވެ. ޖެފް ބުނާ ގޮތުގައި އޭނާ ދިރިއުޅުމުގައި އެއްވެސް ނިންމުމެއް ނިންމުމުގެ ކުރިން ވީއެންމެ ބޮޑަކަށް އެކަމަކާއި ވިސްނައެވެ. އަދި ކޮންމެ ދުވަހަކު ވެސް ތިން ނިންމުމަށްވުރެ އިތުރަށް އެއްވެސް ނިންމުމެއް ނުނިންމާ ކަމަށް ޖެފް ބުނެއެވެ. ތިން މައްސަލައަށް ވުރެ ގިނަ މައްސަލަ އޭނާގެ މައްޗަށް ހުށަހެޅިއްޖެނަމަ ގޮތެއް ނިންމުން ލަސް ކުރެއެވެ.

"އެއްވެސް ކަމެއްގައި ދެގޮތުން ކުރެ ގޮތެއް ކަނޑައަޅަން ޖެހިއްޖެނަމަ ގޮތެއް ކަނޑައެޅުމުގައި އަދި ވަކިން ހާއްސަކޮށް އެކަމަކާއި ވިސްނަމެވެ." ޖެފް ލިޔެފައި ވެއެވެ.

ޖެފްގެ ކިބައިން ދެން ފާހަގަ ކުރެވޭ ކަމަކީ އޭނާގެ ހުރިހާ މުހިއްމު ބައްދަލުވުންތަކެއް ކޮންމެ ދުވަހެއްގެ ވެސް ހެނދުނަށް ޝެޑިއުލް ކުރުމެވެ. އަދި ޖެފްގެ މަސައްކަތުގެ ގަޑި އަތް ގަޑިއިރަށް ވުރެ އިތުރު ނުވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

އޮންލައިންކޮށް ފޮތް ވިއްކަން ފެށި ޖެފްގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ ކުރިއަށް އޮތްތަނުގައި ރަނގަޅު ވެދާނެ ވިޔަފާރިތައް ފުޅާކުރަން އޭނާ ދިން ހާއްސަ އިސްކަން ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.