ބޮލީވުޑްގެ ތަރިން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ގިނައިން އަންނަ އެއް މަންޒިލަކަށް ރާއްޖޭގެ ހިތްގައިމު ރިސޯޓްތައް ވާނެއެވެ. އިންޑިއާ ސަރުކާރުން ހަމަަޖައްސާފައިވާ "އެއާ ޓްރެވަލް ބަބްލް" އާ އެކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ދަތުރުކުރެވޭ ފްލައިޓްތައް އިތުރު ކުރި ފަހުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އައިސްވާކަން މީޑިއާގައި ވެސް ރިޕޯޓް ކޮށްފިއެވެ.

ސްޓޭޖް ޑްރާމާތަކާއި ސްޓޭންޑް އަޕް ކޮމެޑީ ޝޯތަކުން ފެށިގެން ކޮމެޑީ ފިލްމީ ސިލްސިލާތަކުން މަޝްހޫރުވެގެން އައި ކޮމީޑިއަން ވިރްދާޝްގެ ޓްވީޓާ އެކައުންޓަށް ބަލާ ލުމުން މުޅިން ވެސް ފެންނާނީ ހަގީގަތުގައި ހިނގާ ކަންކަމަށް "މީމް ޖޯކް" ލިޔެފައި ހުންނަ ތަނެވެ. ރާއްޖެއަށް މި ވޭތުވެދިޔަ މަދު ހަފުތާތަކެއްގައި ބޮލީވުޑްގެ ތަރިން އައުމުން އެ ކަމަށް ވެސް ޓްވީޓާގައި ޖޯކެއް ލިޔެލިއެވެ.

"ރާއްޖޭގައި މި ވަގުތު ބޮޑު ފިލްމެއް ކުޅެވޭ ވަރަށް ބޮލީވުޑްގެ ފިލްމީ ތަރިންނާއި ފިލްމު އިންޑަސްޓްރީގެ މީހުން އެބަ ތިބި. ފިލްމުގެ ސްކްރިޕްޓަކާއި ކެމެރާއެއް ރާއްޖެއަށް ފޮނުވާލުމުން އެ މީހުން އެނބުރި [އިންޑިއާއަށް] އަންނާނީ ފިލްމެއް ކުޅެފައި،" ވިރްދާސްގެ ޓްވީޓްގައި ލިޔެފައިވެއެވެ.

ކޮމީޑިއަންއެއްގެ ގޮތުގައި ވީރްދާސްއަށް އެންމެ ބޮޑު މަގްބޫލެއް ކަމެއް ލިބުނީ ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ އަމިއްލަ ސްޓޭންޑް އަޕް ކޮމެޑީ ޝޯ "ވީރް ދާސް: އެބްރޯޑް އަންޑަސްޓޭންޑިން" އިންނެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތައް ކުޅެފައިވާ ވީރްދާސް ވަނީ އެމެރިކާގެ ޓީވީ ސީރީޒް "ވިސްކީ ކެވޭލިއާ" ގައި ވެސް ރޯލެއް ކުޅެފައެވެ.

ރާއްޖޭގައި ތިބި ބޮލީވުޑްގެ ތަރިންގެ އަދަދަށް ވީރްދާސްގެ އަމިއްލަ ޓްވީޓާގައި ޖޯކެއް ލިޔުނުއިރު ގިނަ އަދަދެއްގެ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މިދިޔަ މަދު ހަފްތާއެއްގައި ރާއްޖެ އައި ބޮލީވުޑް ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާއާއި، ރަކުލް ޕްރީތް ސިންގްއާއި، ކާޖަލް އަގަރްވާލްއާއި، ކެޓްރީނާ ކެއިފްއާއި، ތާރާ ސުތާރިއާއާއި، ވެދިކާ ކުމާރްއާއި، ޓައިގާ ޝްރޮފްއާއި، ދިޝާ ޕަތާނީއާއި، ވަރުން ދަވަން ހިމެނެއެވެ.