ރެޑްބުލް އާއި މި ނޫނަސް އެކި ކަހަލަ އެނާޖީ ބުއިންތަކުން ހާޓްއެޓޭކަށް މަގުފަހިވާކަން އެއީ ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް އާޓިފިޝަލް ހަކުރު އަޅާފައި ހުންނަ ޖޫހަކީވެސް ހަމައެހާ ނުރައްކާތެރި އެއްޗެއްކަން ވަރަށް ގިނަ ފަހަރު މީހުން ހަނދާނެއް ނުހުރެއެވެ.

އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީއިން ކުރި ދިރާސާއަކުން އެނގޭ ގޮތުން އާޓިފިޝަލް ހަކުރު ބޭނުން ކުރުމަކީ ވަރަށް ގިނަ ގޮތް ގޮތުން ސިއްހަތަށް ގެއްލުންވާ ކަމެކެވެ. އެގޮތުން ހަންގަނޑު ހަޑިވުމާއި މީހާ އުމުރުން ދުވަސްވީ ކަމަށް ދެއްކުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.

އަދި ކެއުމުގައި ހަކުރު ގިނަ އަދަދަކަށް އެކުލެވުމަކީ ސިއްހަތަށް ނުރަނގަޅު ކަމަކަށްވާ އިރު އާޓިފިޝަލް ހަކުރު ގިނައިން ބޭނުން ކުރުމަކީ މީހާ އާދަޔާ ޚިލާފަށް ފަލަވެ، ސަރުބީ އިތުރުވާ ކަމެއް ކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ.

މި ދިރާސާ އިން ހަކުރު ބޭނުން ކުރާ މިންވަރުން ހިތަށް ކުރާ ސީދާ ނޭދެވޭ އަސަރު ދެނެގަނެވިފައި ނުވި ނަމަވެސް އާޓިފިޝަލް ހަކުރު ބޭނުން ކުރާ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން އޭގެ ނުރައްކާވެސް ބޮޑު ކަމަށް ހޯދިފައިވެއެވެ.

އާޓިފިޝަލް ހަކުރު އެއްކޮށްފައި ހުންނަ ތަކެތީގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ ޕެކެޓް ޖޫސް ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ބައެއް ކޮފީ އާއި އެ ނޫނަސް އެހެން ބުއިންތަކަށް ގިނަ އަދަދަކަށް އާޓިފިޝަލް ހަކުރު އެއްކުރެއެވެ. މި ފަދަ ތަކެއްޗަކީ ކުޑަކުދިންނަށް ވެސް އާއްމުކޮށް ދީ އުޅޭ އެއްޗަކަށް ވާއިރު މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. އެހެން ނޫނީ ފަހުން ދެރަވެދާނެއެވެ.