"ކުޗް ކުޗް ހޯތާ ހޭ" އަކީ ބޮލީވުޑްގެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެ ފިލްމަކީ ބައެއް މީހުން ބަލާ ފޫހިނުވާ ފިލްމެކެވެ. އަދި މިހާރުވެސް ތަކުރާރުކޮށް ސިނަމާތަކުގައި އެ ފިލްމެއް އަޅުވާ ފިލްމަކަށް ކުޗްކުޗްހޯތާހޭ ވާނެއެވެ.

"ކުޗް ކުޗް ހޯތާ ހޭ" އަކީ 1998 ވަނަ އަހަރުގެ ފިލްމެކެވެ. މިއީ ބޮލީވުޑްގެ ބޮޑު ހިޓެކެވެ. މި ފިލްމު ނުބަލާ އެއްވެސް މީހަކު އެބަހުރި ހެއްޔެވެ؟ މަދުންނޫނީ ނުހުންނާނެކަން ގައިމެވެ. އެކަމަކު ފިލްމު ފުރިހަމަ ނުކުރެވިދާނެ ކަމުގެ ބިރަށްޓަކައި ކަރަން ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

އެއީ ފިލްމްގެ ޝޫޓިންގެ ތެރޭގައި ފިލްމްގެ ބަތަލާ ކާޖަލް ވެއްޓި ބޮލަށް ލިބުނު އަނިޔާއަކުން ކާޖަލް ހުރިހާކަމެއް ހަނދާން ނެތުމުންނެވެ. އެ ފިލްމްގެ ޔެ ލަޑްކާ ހެ ދިވާނާ ލަވަ ޝޫޓް ކުރަނިކޮށް ވެއްޓި ކާޖަލް ވަރަށް ގިނަ އިރު ވަންދެން ހޭނެތިފައި އޮތެވެ.

އެ ވާހަކަ ފޭނުންނާއި ހިއްސާ ކުރީ ކުޗްކުޗް ހޯތާހޭ އަށް 20 އަހަރު ފުރުނު މުނާސަބަތުގައި ފިލްމުގެ ލީޑް ރޯލުން ފެނުނު ޝާހްރުކް ޚާންއެވެ. ކާޖަލް ވެއްޓުނީ ބައިސްކަލް ދުއްވާ ސީން އެއް ކުޅެނިކޮށެވެ.

އޭނާ ގާތްގަނޑަކަށް އެއް ދުވަސް ވަންދެން އެއްވެސް އެއްޗެއް ހަނދާން ނެތި ހުރި އިރު ޑޯކްޓަރުން ވެސް އެންމެ ފުރަތަމަ ބުނީ ކާޖަލް އަށް ދެން އޭނާގެ ދިރިއުޅުމާއި ގުޅޭ ކަންކަން ހަނދާން ވާނެ ވަގުތެއް ބުނަން ނޭނގޭ ކަމަށާ، އެކަމަށް އަހަރުތަކެއް ވެސް ނަގާފާނެ ކަމަށެވެ.

އެ ހިސާބުން ކަރަން އާއި ޕްރޮޑަކްޝަން ޓީމު ގޮތް ހުސްވެ ޝޫޓީން މެދުކަނޑާލަން ވެސް ނިންމިއެވެ. އެހެންނަމަވެސް ކަންދިމާކުރި ގޮތުން އެ ރޭ އަޖޭއަށް ގުޅާ ދީގެން ވާހަކަދައްކަނިކޮށް ކާޖަލްގެ ހަނދާންތައް އެނބުރިއައެވެ.

ފިލްމުތަކުން މީހުންގެ ހަނދާން ނެތޭ މަންޒަރު އާއްމުކޮށް ފެންނަ އިރު މިއީ އާއްމު ދިރިއުޅުމުގައި ވުން ނާދިރުކަމެކެވެ. އަދި އެކްޓަރަކަށް އެފަދަ ކަމެއް ދިމާވުމުން އެތައް ބަޔަކު ހައިރާންވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޭހޫ އަޖޭ

    އަޖޭ ގަދަ ކަލޭ ހަމަ. އެހެން ނޫނަސް އަޖޭއަކީ އާދައިގެ މީހެއްނޫން. ކުރިންވެސް އަދި މިހާރުވެސް ދިވެހި ރާއްޖޭގަވެސް އަޖޭ ކިޔާ މީހުން އަދި އަޖޭއަށް ވެގެން އުޅޭ މީހުންވެސް މަދެއްނުވާނެ. ހަމަ ގަދައީ އެސޮރު.

    15
    1