އަހަންނަކީ މާލޭގެ ރަށްވެއްސަކީމެވެ. އަދި މާލޭގެ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ މީހަކީމެވެ. އާއިލީ ތަނަވަސްކަމުގައި އަހަރެން އުޅެމުން އައީ ވަރަށްވެސް ފުދިގެންނެވެ. އަހަރެންގެ އާއިލާގެ އެންމެ އިސްމީހަކީ އަހަރެންގެ ބައްޕަ ކަމުން އާއިލީ ވިޔަފާރީގެ ބޮޑު ހިއްސާއެއްވެސް އޮންނަނީ ބައްޕަގެ އަތުގައެވެ. އަހަރެންގެ އުމުރުން 18 އަހަރު ފުރި 19 އަހަރަށް އަޅާފައިވި ނަމަވެސް އަހަރެން ލައްވާ އެއްވެސް މަސައްކަތެއް ކުރުމަށް ބައްޕަ ހިތްހަމައެއް ނުޖެހެއެވެ.

ތަނަވަސް ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އަހަރެން އައީމެވެ. ދުނިޔޭގެ ތަނަވަސްކަން އަހަންނަށް ލިބުންވީ އާހިރަތްދުވަސް މަތިން އަހަރެން ހަނދާން ނެތި އެއްކައުވަންތަ ﷲ އާއި އަހަރެން ދުރުކުރުވި ކަމަކަށެވެ. ނަމާދު ވަގުތު ފަހަނަ އަޅައި ދާއިރުވެސް ކުޅިވަރާއި މަޖަލުގައި ވަގުތުތަށް ހޭދަކުރުން އަހަރެންގެ އާންމު ކަމަކަށްވެއްޖެއެވެ. އަހަރެންގެ އަތްމަތި ކިތަންމެ ތަނަވަސްކަމުގައި ވިޔަސް ބޮޑާކަމާއި ދަހިވެތިކަމުގެ ސިފަ އަހަރެންގެ ގައިގައި އަށަގަންނަން ފަށައިފިއެވެ.

އަދި ދުނިޔޭގެ އުފަލާއި އަރާމަކީ އަހަރެންގެ ދިރިއުޅުން ކަމުގައިވެއްޖެއެވެ. ޕާޓީ ކުރުމާއި ދެ ޖިންސު މަސްހުނިވެގެން ހުތުރު ވައްތަރުތަށް ޖައްސާ ނައިޓްކުލަބުތަކަށް ދިޔުން އަހަރެންގެ އާންމު ކަމަށްވެއްޖެއެވެ. އަދި ހަރާމް އެތަކެއް ކަމަކަށް އަހަރެންގެ އަމިއްލަ ހަރަދު ކުރާއިރު އެކަންކަމުގައި އަހަރެންގެ ރައްޓެހިން ބައިވެރިކުރުމަށް އެމީހުންނަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައީމެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މުދަލާއި ފައިސާއިން އިސްރާފުކުރުމުގައި އަހަރެން ދެމިހުރީމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. އާދައިގެ މަތިން ނަމާދު ވަގުތު ފަހަނަ އަޅައި ދިޔައިރުވެސް އަހަރެމެން ( އަހަންނާއި އަހަރެންގެ ރަށްޓެހިން ) ތިބީ މާލޭގެ ނަން މަޝްހޫރު ކެފޭއެއްގައި ކޮފީއެއްގައެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފަށައިފިއެވެ. ދެތިން ފަހަރަކު ރިންގު ވުމުން އަހަރެން ފޯނު ނެގީމެވެ. ގުޅީ އަހަރެންގެ މަންމައެވެ. ފޯނު ކަންފަތުގައި ޖެއްސި ތަނުން ގިސްލަމުންދިޔަ ހާލު މަންމަ ބުންޏެވެ.

" ދަރިފުޅާ ބައް، ބައްޕަ ނިޔާވެއްޖެ... " އަހަރެންގެ ހިތް ހީވީ މޭ ފަޅާފައި ނުކުތް ހެނެވެ. ބޯން އިން ކޮފީތަށި ދޫކޮށްލުމަށްފަހު އަވަހަށް ހޮސްޕިޓަލަށް ދިޔައީމެވެ. އެއިރު ހޮސްޕިޓަލުގައި ބައްޕަގެ އެކުވެރިންގެ އިތުރުން ގާތްތިމާގެ އެތަކެއް ބައެއް ތިއްބެވެ. ބައްޕާއޭ ކިޔާ ހަޅޭލަވަމުން ހޮސްޕިޓަލުގެ އެމެޖެންސީ ރޫމާއި އަރާހަމަވި އިރު ދުނިޔެއިން މޮޔަވެފައި އިން ހާލު އަހަރެންގެ މަންމަ އިނެވެ. މަންމަގެ ދެފަރާތުގައި ތިމާގެ މީހުން މަންމައަށް ހިތްވަރުދޭން ތިއްބެވެ. މަންމައަށް އަހަރެން ފެނުމުން ކޮށްޅަށް ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މަންމަގެ ހަށިގަނޑުގައި ކޮޅަށް ތެދުވެވޭހާ ހިތްވަރެއް ނެތެވެ. މަންމަ ފެނުމުން ގިސްލަމުން ދިޔަ ހާލު މަންމަގައިގައި ބައްދާލެވުނެވެ. އަދި ތުރުތުރު އަޅަމުންދިޔަ އަޑުން އަހަރެން ވީ ގޮތް މަންމަގެ ކިބައިން އެހީމެވެ.

މަންމަގެ ފަރާތުން އެނގުން ގޮތުގައި ބައްޕަ މަރުވީ ހަމަ ކުއްލިއަކަށެވެ. ބައްޕަގެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުން ނެރުނީ އަހަރެން ހޮސްޕިޓަލަށް ދިޔަތާ 30 މިނެޓް ފަހުންނެވެ. އެއިރު ބައްޕަގެ މޫނުމަތީގައި ހުދު ފޮތި އަޅާ ނިވާކޮށްފައިވާއިރު ބައްޕަ ގެންދެވުނީ އާސަހަރާއަށެވެ. އާސަހަރާއަށް ގެންދިޔުމަށް ފަހު ކަށުކަމާކެމީގެ ކަންކަން ނިންމާލުމަށް ފަހު ބައްޕަ ފަސްދާނުލެވުނީ އެ ދުވަހުގެ އިޝާނަމާދަށް ފަހުގައެވެ.

ކުޅިވަރާއި މަޖަލާއި ސަކަރާތުގައި ދުވަސްތަށް ހޭދަކުރަމުން އައި އަހަރެން މިއަދު މުޅި ދުނިޔެމަތިން ފޫހިވެއްޖެއެވެ. އަދި މުދަލާއި ފައިސާގެ މަތިން ފޫހިވެއްޖެއެވެ. ނަމަވެސް ބައްޕަ އަހަންނަށް ދޫކުރި އާއިލީ ވިޔަފާރު ނަގަހައްޓާ ދަމަހަށްޓަން އަހަރެން ބޭނުންވިއެވެ. އެހެންކަމުން އާއިލީ ވިޔަފާރީގެ ހުންގާނުގައި އަހަރެން ހިފީމެވެ. އަދި ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރަން ފެށީމެވެ.

ނަމަވެސް ބައްޕަގެ މަރަށްފަހު ވިޔަފާރި ދިޔައީ ދަށްވަމުންނެވެ. އެންމެ ފަހުން ބޮޑުތަކުން ގެއްލުންވެ ވިޔަފާރި ބަނގުރޫޓުވާ ހިސާބަށް ކަންތަށް ދިޔައެވެ. އަދި އެ ދުވަސްވަރާއި ދިމާކޮށް ބައްޕަ ނިޔާވުމަށްފަހު ނަފްސާނީ ގޮތުން ގެއްލުންވެފައި ހުރި އަހަރެންގެ މަންމަވެސް އިތުރަށް ގޯސްވިއެވެ. ޑަކްޓަރީ އެތަކެއް ބޭހެއް ދިނުމުންވެސް މަންމަގެ ހާލަތު ރަގަނޅުވާ ގޮތެއް ނުވިއެެވެ. މަންމަގެ ބަލި ގޯސްވެ ވިޔަފާރި ބަނގުރޫޓުވާ ހިސާބަށް ދިޔުމުންވެސް އެއްކައުވަންތަ ﷲ ހަސްރަތަށް ދުޢާ ދެންނެވުމަށް އަހަރެން ކުޑަކޮށްވެސް ހަނދުމައެއް ނެތެވެ. އަދި ނަމާދު ކޮށް ހެޔޮކަންކަން ކުރުމަށް ކުޑަކޮށްވެސް ހަނދުމައެއް ނެތެވެ.

ބަލިހާލުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އަހަރެންގެ މަންމަވެސް މިދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. އަހަރެން މުޅިން އެކަނިވީއެވެ. މަންމައާއި ބައްޕަގެ މަރަށްފަހު އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އަބަދުވެސް ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ. މިކަމަށް އަހަރެން ޑޮކްޓަރީ ގޮތުން ހައްލެއް ހޯދުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ. އެތަކެއް ބޭސްތަކެއް ކެވިއްޖެެއެެެވެ. ނަމަވެސް އެތަކެތިން އަހަންނަށް އެއްވެސް އެހީއެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ނިންމީ އަހަންނަށް ދިމާވެފައިވާ ކަންކަން އެއިރު ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޝައިހް އަކަށް ކިޔާދިނުމަށެވެ. އެހެންކަމުން އަހަރެން އެކަން ކުރީމެވެ. އަދި ޝައިހް އަށް އަހަރެންގެ ވާހަކަތަށް ހިއްސާކުރީމެވެ. އަހަރެންގެ ވާހަކަތަށް ނިމުނުން ޝައިހް އަހަންނަށް ދިނީ ނަސޭހަތެކެވެ. އެއީ ހެޔޮއަމަލު ކުރުމަށާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށެވެ. އަދި ފައިސާއިން އިސްރާފުނުކޮށް ﷲގެ މަގުގައި ހޭދަކުރުމަށެވެ. އަދި އޭރުން އާހިރަތުގައިވެސް މައިންބަފައިންނަށް ސަވާބާއި ދަރުމަ ލިބޭނެ ކަމުގައި ބުންޏެވެ.

އެ ދުވަހަށް ފަހެވެ. އަހަރެން ނަމާދު ކުރުމާއި އެނޫންވެސް ހެޔޮކަންކަން ކުރަން ފެށީމެވެ. އަދި މުދަލުން ހޭދަކުރަން ފެށީމެވެ. މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތަށް ފިނިކަން ލިބެން ފެށިއެވެ. އަދި ބަނގުރޫޓުވަމުން ދިޔަ ވިޔަފާރީގައި އާރުލާ އަލުން ކުރި ފަޅާ ހެދެން ފަށައިފިއެވެ. އަހަރެން މިހާރު ހިތަށް އަރައެވެ. ކުރިން އިސްލާހު ވެވުނު ނަމައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުކި

    އެހެންވީމާ އެނގިއްޖެނު ލިބުނު ހިތާމައިގަ ބުއްދި ފިލާ ބޯހަމަ ނުޖެހުނީމަކަން ތި ވިޔަފާރިވެސް ބަނގުރޫޓުވީ. ޢެއީ ކޮންމެހެން ދީނީނުވެގެނެއްނޫން. ޕޮއިންޓަކީ މީހާހުރީ ހަމަ ހޭގަތޯ. ދީނާ މިކަމާނާޅުވާ. ޢެމީހާ ހަމަ ބުއްދިލިބޭފަދަ ކޮންމެ ސަމަލެއް ކުރިޔަސް ކާމިޔާބުމީހަކަށް ވާނެ. ބެންކޮކްވެސް ހަމައޯކޭވާނެ.

    • ކިމު

      މުކި، އަޅެ ބޯ ހަމަ ޖެހުމަށް މެދުވެރިވި ސަބަބަކީ ކޮބާ؟ ކީމިޔާބު ދެއްވާނީ އެކަމަށް އެދި ދެންނެވުމުން. ދެން ކާމިޔާބު ދެއްވަނީ އެމީހަކު އިމްތިހާން ކުރެއްވުމަށް.

  2. ޕޮފުބާ

    ލަދެއްނުގަނޭތަަ؟

  3. ހބބ

    ފޭކް

  4. މ

    މާޝާﷲ