އެމެރިކާގައި ފާހަގަ ކުރާ ބަންދު ދުވަހެއް ކަމަށްވާ ''ތޭންކްސްގިވިން'' ދުވަހު އެޓްލާންޓާގައި ކާން ނުލިބިފައި އެއްވެސް މީހަކަށް ހުންނަން ބޭނުން ނުވާތީ އެކްޓަރ ޓެއިލަ ޕެރީ 5000 އާއިލާއަކަށް ކާބޯތަކެއްޗާއި ''ގިފްޓް ކާޑްސް''ތަކެއް ހަދިޔާ ކޮށްފިއެވެ.

ޓެއިލަގެ ސްޓޫޑިއޯ ''ޓެއިލަ ޕެރީ ސްޓޫޑިއޯ''ގައި ކާބޯތަކެއްޗާއި 25 ޑޮލަރުގެ އަގުހުރި ހަދިޔާ ފޮށިތައް ބަހުމަށްޓަކައި އެ ސްޓޫޑިއޯ ވަނީ އެތައް އިރެއް ވަންދެން ހުޅުވާފައެވެ. އަދި މި ހަދިޔާ ބަލައި އާއިލާތަކުން ވަނީ އައިސްފައެވެ.

ބޭނުން ޖެހިފައިވާ ހުރިހާ އާއިލާތަކަކަށް ކާބޯތަކެތި ފޯރުކޮށްދެން ބޭނުންވި ނަމަވެސް 5000 އާއިލާއަށް މި ތަކެތި ދިނުމަށްފަހު ސުޓޫޑިއޯ ބަންދު ކޮށްފައިވާ ކަމަށް ޓެއިލާ ސްޓޫޑިއޯއިން ކުރި ޓުވީޓެއްގައިވެއެވެ.

ނޮވެމްބަރު 22 ވީ އާދީއްތަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން މެންދުރު 12އަށް ކުރިއަށް ދިޔަ ކާބޯތަކެއްޗާއި ހަދިޔާ ފޮށިތައް ބެހާނެކަމަށް ބުނެފައިވަނީ ޓެއިލަ ޕެރީ ސްޓޫޑިއޯގެ ޓްވިޓާ އެކައުންޓްގައެވެ.

ޓެއިލަ ޕެރީގެ މި ހަދިޔާ ލިބިގަތުމަށް 12 ގަޑިއިރު ވަންދެން ކާރުތަކުގައި މީހުން ސަފުތައް ހަދައިގެން ތިބިކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޓެއިލަ މިކަން ކުރަން ނިންމާފައިވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފުޑް ބޭންކުތައް ކައިރީގައި މީހުން ސަފުތައް ހަދާފައި ތިބޭ ތަން ފެނުމުންނެވެ.

''ކާބޯތަކެތި ހޯދުމަށް ސަފުތައް ހަދައިގެން މީހުން ތިބޭ ތަން ފެނުމުން ޓެއިލަ ވަރަށް ދެރަވި. އެހެންކަމުން އޭނާ ބޭނުންވީ އޭނާގެ އަވަށުގެ މީހުންނަށް ކާބޯތަކެއްޗާއި ހަދިޔާ ފޮށްޓެއް ވެސް ދޭން. މިކަމުގެ ސަބަބުން އެހެން ފަރާތްތަކުން ވެސް މިގޮތަށް ކަންތައް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް އުއްމީދު ކުރަން'' ޓެއިލައާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން ހާމަކޮށްފައިވެއެވެ.

''ގޯން ގަރލް''، ''ސްޓަރ ޓްރެކް'' ފަދަ ފިލުމުތަކުގައި މަސައްކަތް ކޮށްފައިވާ ޓެއިލަ އަކީ އަބަދުވެސް މިގޮތަށް މީހުންނަށް އެހީތެރިވެދޭ ފަރާތެކެވެ.