މީގެ އަހަރުތަކެއް ކުރިން ފުޓުބޯޅައިގެ ޖާދޫގައި އެތައް ބަޔަކު ޖެއްސި ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ މި އަހަރުގެ ތެރޭގައި އެއްފަހަރާ ދެ އަންހެނުންނާއި ކައިވެނި ކުރަން އުޅޭ ކަމަށް ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓު ކުރި ހަބަރު އޭނާ ދޮގުކޮށްފިއެވެ.

ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ ރޮނާލްޑީނިއޯ މިދިޔަ އަހަރުގެ ތެރޭގައި ޕްރިސިލާ ކިޔާ އަންހެނަކާއި ބީޓްރިޒް ކިޔާ އަންހެނަކާއި އެންގޭޖް ވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޮގަސްޓުމަހުގައި އެ ދެމީހުންނާއި އެއްފަހަރާ ކައިވެނިކުރަން އޭނާ ނިންމާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެހެން ނަމަވެސް އެކަމާއި ގުޅިގެން 38 އަހަރުގެ ރޮނާާލްޑީނިއޯ ބްރެޒިލްގެ ޓީވީ ޗެނަލް "ސްޕޯޓީވީ" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކައިވެނި ކުރަން ނޫޅޭ ކަމަށެވެ. އަދި އޭނާއާއި ބެހޭގޮތުން ފަތުރަމުން ދަނީ ބޮޑު ދޮގެއް ކަމަށް ރޮނާލްޑީނިއޯ ބުންޏެވެ.

އެއްފަހަރާ ދެމީހުންނާއި ކައިވެނިކުރުމަކީ ބްރެޒިލްގައި ގާނޫނާއި ހިލާފު ކަމެކެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ހަ އަހަރަށް ޖަލަށްވެސް ދާން ޖެހިދާނެއެވެ. ކަން މިހެން އޮތް އިރު މީޑިއާތަކުގެ ރިޕޯޓަށް ފަހު ބެލެވިފައި ވަނީ ރޮނާލްޑީނިއޯ ކައިވެނި ކުރަން ރަސްމީ ދަފްތަރުތަކުގައި ނުހިމެނޭ ގޮތަކަށް ރަމްޒީ ގޮތުން ކަމަށެވެ.

ރޮނާލްޑީނިއޯ ކައިވެނި ކުރަން އުޅޭ ކަމަށް ހަބަރު ފެތުރުނު ދެ އަންހެނުންގެ ތެރެއިން އެންމެ ފުރަތަމަ ރައްޓެހިވީ ޕްރިސިލާއާއެވެ. އޭނާއާއި ރައްޓެހިވެގެން އުޅެމުން ބީޓްރިޒް އާއި ދިމާވީ 2016 ވަނަ އަހަރުއެވެ.

ފުލުމިނެންސް އަށް 2015 ވަނަ އަހަރު ކުޅުނު ފަހުން ރޮނާލްޑީނިއޯ ޕްރޮފެޝަނަލް ފުޓްބޯޅައެއް ނުކުޅެއެވެ. ނަަމަވެސް އޭނާ ރިޓަޔާ ކުރިކަން އިއުލާން ކުރީ މިއަހަރުގެ ޖަނަވަރީ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެނެޑީ

    ކެތްކުރޭ 3 ވަނަ ކުއްޖާއާ މިއަހަރު އަދި ދިމާވާނެ