ކެންޔާ މީހަކު މަރުވެއްޖެ ކަމަށް ނިންމައި މޯޗަރީގައި ތިން ގަޑިއިރު ވަންދެން އޭނާ ބޭއްވުމަށް ފަހު ވަޅުލާން ޖަނާޒާއަށް އޭނާ ތައްޔާރު ކުރަމުން ދަނިކޮށް ހޭއަރައިފިއެވެ.

ކެންޔާގެ މީޑިއާތަކުން ބުނާ ގޮތުގައި މަރުވެފައި އޮތް މީހާ ޖަނާޒާއަށް ތައްޔާރު ކުރަމުން ދަނިކޮށް "ގަބުރު" ހޭއަރައިގެން ހަރަކާތް ކުރަން ފެށުމުން އެތަނުގައި ތިބި ނަރުހުންތައް ވަނީ ބިރުން ދުވެ ފިލާފައެވެ. "ނަރުހުންތައް ގަބުރު އަލުން ދިރިއްޖެއޭ ބުނެ ދުވަން ފެށީ." ކެންޔާގެ ނޫހެއްގައި ބުނެފައި ވެއެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި މަރުވި ކަމަށް ނިންމި މީހާ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ގަނެގެންނެވެ. ނަމަވެސް ޑޮކްޓަރުން އޭނާ ބެލުމަށްފަހު ބުނީ ހޮސްޕިޓަލަށް ގެނައިއިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ވަގުތުން މޯޗަރީއަށް ލާފައެވެ.

މޯޗަރީގައި އޮއްވާ ބަލި މީހާ ހޭއެރުމާއިއެކު އޭނާ ވަނީ ވޯޑަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ކެންޔާގެ ނޫސްތަކުން ބުނެއެވެ.

އޭނާގެ އާއިލާ އިން ވަނީ ހޮސްޕިޓަލުން އޭނާ އާއި މެދު ކަންތައް ކުރި ގޮތައް އިންސާފު ހޯދައި ދިނުމަށް ގޮވާލާފައެވެ. އާއިލާ އިން ވަނީ މިހާރު މިމައްސަލަ ރަސްމީކޮށް ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފައެވެ.

ކެންޔާގެ ނޫސްތަކުން ބުނާ ގޮތުގައި މަރު ނުވަނީސް މީހަކު މޯޗަރީއަށް ލީމައްސަލައިގައި އަދި މިހާތަނަށް ހޮސްޕިޓަލުންނާއި ހެލްތު މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެއެވެ.