އިންޑިއާގެ ގުޖްރާތްގެ ރާޖްކޮޓްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އައިސީޔޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކޮވިޑް-19 ބަލީގެ ފަސް މީހަކު މަރުވެ، އިތުރު ހަ މީހަކަށް އަނިޔާވެއްޖެ އެވެ.

ޗީފް މިނިސްޓަރ ވިޖޭ ރުޕާނީ ވަނީ އެކަން ހިނގާދިޔަ ގޮތް ބަލަުންދާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ 12:30 ހާއިރު އުދޭ ޝިވަނަންދާ ހޮސްޕިޓަލްގެ އައިސީޔޫ ޔުނިޓްގައި ކަަމަށެވެ.

"ފަސް މީހަކު ވަނީ މަރުވެފައި، ހަ މީހަކަށް އަނިޔާވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްވެފައި ވަނީ އެއް ގަޑިއިރާއި 30 މިނިޓުން". ފުލުހުން ބުނެފައި ވެއެވެ.

ރާޖްކޮޓްގެ ޗީފް ފަޔަރ އޮފިސަރ ބުނީ، އަލިފާނުގެ ހާދިސާ ހިނގިއިރު އެ ހޮސްޕިޓަލްގައި 33 ބަލި މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން 11 މީހަކަށް ފަރުވާދެމުން ގޮސްފައި ވަނީ އައިސީޔޫގައި ކަމަށެވެ.

"ތިން މީހުން މަރުވީ އެތަނުގައި، އަހަރުމެންނަށް 30 މީހުން އެތަނުން ސަލާމަތް ކޮށް ވިދްޔާގެ ގޯކުލް ހޮސްޕިޓަލަށް ގެންދެވޭވަރުވި،"،

އެހެން ނަމަވެސް ކޮވިޑް-19 ބަލީގެ އިތުރު ދެ މީހަކު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިލެކްޓްރިކް ސޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލަކީ ކޮވިޑް-19 ބަލީގެ މީހުންނަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހިންގަމުން ދަނީ ގޯކުލް ކުންފުނީގެ ދަށުންނެވެ.

ރާޖްކޮޓްގެ މުނިސިޕަލް ކޮމިޝަނަރ އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަލިފާން ރޯވެފައި ވަނީ އަލިފާން ކަނިތައް ބުރައިގެންނެވެ. އަދި އަލިފާން ރޯވުމުން އެ ހޮސްޕިޓަލްގެ ސްޓާފުން ނިއްވަން މަސައްކަތް ކުރި ކަމަށާއި، އެކަން ކާމިޔާބުވާ ގޮތް ނުވުމުން އަލިފާން ނިއްވާ ފަރާތްތަކަށް ގުޅީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު