މުޅި ދުނިޔެއަށް ކޮރޯނާ ވައިރަސް ފެތުރުނީއްދުރެން އެކަމުގެ އެންމެ ކުރީގައި ސަފުގައި މަސައްކަތް ކުރާ ބަޔަކީ ސިއްހީ ދާއިރާގެ ފަރާތްތަކެވެ. ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ސީދާ ބައްދަލުވެ އެމީހުންނަށް ފަރުވާ ދިނުމުގައި ވެސް އުޅޭ ބަޔަކީ އެއީއެވެ.

އެހެންކަމުން ކޮވިޑް-19 ޓެސްޓު ކުރުން ފަދަ ކަންތައްތަކަށް އެންމެ ރަނގަޅީ ރޮބޮޓެއް ކަމަށް ދެކެމުން އައި މީހުން ވެސް މަދެއް ނޫނެވެ. މިކަން ވެސް މިއަދު މިވަނީ ހަގީގަތަކަށްވެފައެވެ.

އިޖިޕްޓްގެ އިންޖިނިއަރެއް ކަމަށްވާ އުމުރުން 26 އަހަރުގެ މަހަމޫދު އަލް ކޮމީ އީޖާދު ކުރި ރިމޯޓް ކޮންޓްރޯލް ރޮބޮޓަކީ މާސްކު އެޅުން ފަދަ ކަންތައްތައް ބުނެދިނުމުގެ އިތުރަށް ކޮވިޑް-19 ޓެސްޓު ހެދުމާއި ޓެމްޕަރޭޗަރ ބެލުން ފަދަ ކަންތައްތައް ވެސް ކުރެވޭ ރޮބެޓެކެވެ.

ސިރާ-03ގެ ނަމުން ނަންދެވިފައިވާ މި ރޮބޮޓް އުފައްދާފައިވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި އެހެން އިންސާނުން ދިމާވުމުގެ ފުރުސަތު ކުޑަ ކުރުމަށާައި ވައިރަސް ފެތުރުން ކޮންޓުރޯލު ކުރުމަށް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސިރާ-03 ހުންނަނީ އިންސާނެއް ވައްތަރުގެ މޫނަކާއި ރޮބޮޓް އަތެއް ލައިފައެވެ. މި ރޮބޮޓަށް ކޯވިޑް ޓެސްޓް ކުރުމުގެ އިތުރުން ލޭ ޓެސްޓު ކުރުމާއި އީކޯކާޑިއޯގްރަމްސް ހެދުމާއި އެކްސްރޭ ނެގުމާއި މޭމަތީގެ ޓެސްޓްތައް އޮން ސްކްރީނުން ދައްކައިދިނުން ފަދަ ކަންތައްތައް ކުރެވޭ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

''އަހަރެން މި ރޮބޮޓް ތައްޔާރު ކުރެވޭތޯ ބެލީ އިންސާނުންނާއި ވައްތަރުވާނެ ގޮތަށް. އެއީ ބަލިމީހުން ބިރުނުގަންނާނެ ގޮތަށް. ބަލިމީހުންގެ ފަރާތުން ވަރަށް އެދެވޭ ކޮމެންޓްތައް ލިބޭ'' މަހަމޫދު ބުނެފައިވެއެވެ.