އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސްގެ ކުރީގެ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާ އަވަހާރަވުމުގެ ދުވަސްތަކެއް ކުރިން އެކަމަނާ އަވަހާރަކޮށްލަން އިނގިރޭސިވިލާތުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމުގެ އިންޒާރު އެކަމަނާ އަށް ލިބިވަޑައިގެންނެވި ކަމަށް ޑޮކިއުމެންޓްރީއެއްގައި ބުނެފިއެވެ.

އިނގިރޭސި ޝާހީ އާއިލާ މެންބަރުންގެ ބައޯގްރަފީ ލިޔަމުން އަންނަ އެންޑްރޫ މޯގަން ވިދާޅުވާ ގޮތުގައި ބީބީސީގެ ނޫސްވެރިއެއް ކަމަށްވާ މާޓިން ބަޝީރު ވަނީ ޕްރިންސަސް ޑަޔާނާ އަވަހާރަކޮށްލަން އިނގިރޭސިވިލާތުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން ގެންދާކަމަށް ޕްރިންސަސް ޑަޔާނާ އަރިހު ދަންނަވާފައެވެ.

ޑަޔާނާ އަރިހު މާޓިން އެހެން ދެންނެވުމުން ޑަޔާނާ އަށް ނަފްސާނީ މައްސަލަތަކެއް ވެސް ކުރިމަތި ކަމަށް ޑޮކިއުމެންޓްރީގައި ބުނެފައި ވެއެވެ.

މާޓިން އަކީ ޕްރިންސަސް ޑަޔާނާގެ މަޝްހޫރު ޕެނަރޯމާ އިންޓަވިއު ކުރި ނޫސްވެރިޔާއެވެ. މާޓިން ވަނީ ފޭކް ބޭންކް ސްޓޭޓްމަންޓެއް ޑަޔާނާ އަށް ދައްކަވައިގެން ނާޖާއިޒު މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އޭނާ ވަނީ ޑަޔާނާ އާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު އެކި ފަރާތްތަކާއި ހިއްސާކޮށްފައި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. މާޓިން އަކީ މިހާރު ވެސް ބީބީސީގައި މަސައްކަތް ކުރާ އެޑިޓަރެކެވެ.

ޑަޔާނާ އަވަހާރަވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. އެކަމަނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު އެވެ. ޑަޔާނާ އަވަހާރަވި އެކްސިޑެންޓްގައި ޑަޔާނާގެ އޭރުގެ ލޯބިވެރިޔާ މިސްރުގެ ޑޯޑީ ފާއިދު އާއި ޑްރައިވަރު ހެންރީ ޕޯލް ވެސް މަރުވިއެވެ.

ޑަޔާނާގެ މަރާއި ގުޅިގެން މީގެ ކުރިން ވެސް މިފަދަ ތުހުމަތުތަކެއް ބައެއް ފަރާތްތަކުން ކޮށްފައި ވެއެވެ. ބައެއް ކޮންސްޕިރަސީ ތިއަރީތައް ބުނާ ގޮތުން އިނގިރޭސިވިލާތުގެ ސަލާމަތީ ބާރުތަކުން ޑަޔާނާ އަވަހާރަކޮށްލީ އިނގިރޭސިވިލާތުގެ ތަހުތާއި އެންމެ ކައިރީގައި ތިބި ދެބޭފުޅުން ކަމަށްވާ ޕްރިންސް ވިލިއަން އާއި ޕްރިންސް ހެރީގެ މައްޗަށް މުސްލިމް ދޮންބައްޕައެއްގެ ނުފޫޒު ފޯރާނެ ދުވަސްތަކެއް ކުރިމަތިވެދާނެތީއެވެ. ނަމަވެސް މިވާހަކަތަކަށް ބާރުލިބޭ މާހަރުދަނާ ހެކިތަކެއް ނެތެވެ.

ޑަޔާނާ އާއްމުންގެ މެދުގައި ހޯދާފައިވާ ބޮޑު މަގުބޫލު ކަމުގެ ސަބަބުން ޑަޔާނާ އަވަހާރަވި އެކްސިޑެންޓާއި ގުޅޭ ބަހުސް ވެސް ވަނީ ނިމުމެއް ނެތް ބަހުސަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ފާއިޒު

  ޑަޔާނާ އަވަހާރަވި އެކްސިޑެންޓްގައި ޑަޔާނާގެ އޭރުގެ ލޯބިވެރިޔާ މިސްރުގެ ޑޯޑީ ފާއިދު އާއި ("ޑްރައިވަރު ހެންރީ ޕޯލް ވެސް") މަރުވިއެވެ.
  ("ޑްރައިވަރު ހެންރީ ޕޯލް ވެސް") ؟؟؟؟

  7
  1
 2. ސަންދޯއް

  ޑަޔާނާ އަވަހާރަވީ. އަނެއްދެމީހުން މަރުވީ. ތިންމީހުންވެސް ވަޅުލީ ބިމުގައި.

  14
  2