ނިއުޒިލޭންޑްގެ ހިސާބެއް ކަމަށް ކަނޑައަޅާފައިވާ ޗަތަމް އައިލޭންޑްސްގެ ހިކި ދިޔައިގައި ތާށިވެ، 100 ވަރަކަށް ބޮޑު މަހާއި ތިން ކޯމަސް މަރުވެއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

ނިއުޒިލޭންޑްގެ ޑިޕާޓްމެންޓް އޮފް ކޮންޒަވޭޝަން (ޑީއޯސީ) އިން ބުނެފައިވަނި އޭގެ ތެރެއިން ގިނަ މަސްތައް ސަލާމަތް ކުރުމުގައި އޮފިޝަލުންނާއި ގުޅިގެން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑީއޯސީން ބުނެފައިވަނީ ތާށިވެފައިވާ ބޮޑުމަހުގެ ތެރެއިން 97 ބޮޑުމަހާއި 3 ކޯމަސް މިކަމުގެ ސަބަބުން މަރުވެފައިވާ ކަމަށެވެ.

"މިހާ ހިސާބަތް އާދެވުނު އިރު 26 ބޮޑު މަސް ދިރި ހުރީ. ދެން ހުރި އެއްޗެހި ވަރަށް ވެސް ބަލިކޮށް އުޅުނީ. ބައެއް ތަކެތި ކަނޑު ގަދަވެ ރާޅު ޖަހާފައިވާތީ އަނިޔާ ލިބިފައި. ބެލެވޭ ގޮތުގައި ހިކި ތަނަށް މި މަސްތަކަށް އެރިފައިވަނީ މިޔަރުގެ ސަބަބުން،" ޑީއޯސީގެ އޮފިޝަލަކު ބުންޏެވެ.

މިއީ ޗަތަމް އައިލޭންޑްސްގައި އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް 1918 ވަނަ އަހަރު އެއް ދުވަހެއްގެ ތެރޭގައި 1000 ވަރަކަށް ޖަނަވާރުން އެފަދަ ގޮތަކަށް މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ދައްކައިފައެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ހިކި ތަނެއްގައިވެސް 100 ވަރަކަށް ބޮޑުމަސް މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ދައްކާފައެވެ.

ބޮޑުމަހަށް މިފަދަ ގޮތްތައް ދިމާވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ޝަކުވާ ކުރަމުންނެވެ. އަދި އެފަދަ ދިރުން ނެތިގެން ދާނެ ކަމުގެ ބިރު އޮތުމުން ސައިންސްވެރިންނާއި އެކަން ހިއްސާކޮށް އެފަދަ ތަކެއްޗަށް ރައްކާތެރި ކަމާއި އެކު އެޅެ، އެފަދަ ތަކެއްޗަށް އެގޮތަށް ދިމާވަނީ ކީއްވެގެންތޯ ބެލުމަށް ވަނީ އެދިފައެވެ.