މީގެ ފަސްއަހަރު ކުރިން ނިކުތް ފިލްމު، ތަމާޝާގައި ނުފެންނަ މަންޒަރުތަކެއްގެ ފޮޓޯތަކެއް އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ބަތަލާ ދީޕިކާ ޕަދުކޯން ދައްކާލައިފިއެވެ. ތަމާޝާގައި ލީޑު ރޯލުން ފެނިގެން ދަނީ ދީޕިކާގެ އިތުރުން އޭނާގެ ކުރީގެ ލޯބިވެރިޔާ ބަތަލު ރަންބީރު ކަޕޫރްއެވެ. އިމްތިއާޒް އަލީ ޑައިރެކްޓުކޮށް ސާޖިދް ނާޑިއަޑްވާލާ ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައިވެއެވެ.

ތަމާޝާގެ ނުފެނި ހުރި މަންޒަރުތަކުގެ ތެރެއިން ދީޕިކާ މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ފުރަތަމަ ފޮޓޯގައި ފެނިގެން ދަނީ ދީޕިކާ އާއި ރަންބީރު ވާހަކައެއް ދައްކަން ތިބި މަންޒަރެވެ.

އެ ފޮޓޯގައި އަލި އަޅުވާ މީހަކު ލައިޓެއް ދުރުގައި ހުރެ ދެމީހުންނާއި ދިމާލަށް ދިއްކޮށްގެން ހުއްޓާ ފެނެއެވެ. ދެ ވަނަ ފޮޓޯއިން ފެނިގެން ދަނީ ކްލެޕާ ބޯޑެއްގެ ކުރިމަތިން ނަގާފައިވާ ފޮޓޯއެކެވެ. އެ ކްލެޕާ ބޯޑުގައި ސީން ގެ އަކީ ކޮން ބައެއްކަން ލިޔެފައި ވެއެވެ.

ދީޕިކާ ހިއްސާކޮށްފައިވާ ތިންވަނަ ފޮޓޯގައި ފެނިގެން ދަނީ ކްލައިމެކްސް ގައި ކުޅޭއިރު ސްޓޭޖުގައި ރަންބީރު ތަމްސީލުކުރާ މަންޒަރެވެ. އޭނާ ފެނިގެން ދަނީ ރޮބޮޓް ކޮސްޓިއުމެއްގައި އެވެ. ރަންބީރާއި އެއްކޮށް ނަގާފައި ހުރި މި ފޮޓޯތައް ދީޕިކާ މީސްމީޑިއާގައި ހިއްސާކުރި އިރު އޭނާ ވަނީ މީގެ ކުރީން ރަންބީރާއި އެކު ހުރި ފޮޓޯތަކެއް ބައެއް މީސްމީޑިޔާ ގެ ޕްރޮފައިލް ފޮޓޯ އަށްވެސް ލާފަ އެވެ. އަދި އޭނާ ވަނީ އޭނާގެ ނަން ތާރާ އަށް ވެސް ބަދަލުކޮށްފައެވެ.

ތަމާޝާގައި ދީޕިކާ ކުޅުނު ރޯލުގައި އޭނާގެ ނަމަކީ ތާރާއެވެ. އަދި ރަންބީރު ކުޅުނު ރޯލުގައި އޭނާގެ ނަމަކީ ވެދްއެވެ. ތަމާޝާގެ ޝޫޓިން އެކި ހިސާބުތަކުގައި ކޮށްފައިވާއިރު އޭގެ ތެރޭގައި ކޯސިކާ، ޝިމްކާ، ދިއްލީ، ކޮލްކަތާ، ޓޯކިޔޯ ހިމެނެއެވެ. ފިލްމުގައި ރަންބީރާއި އެއްކޮށް ކުޅެން ޖެހުމުން އެއްވެސް ތަފާތެއް ނުފެންނަ ކަމަށާއި ދެމީހުންވެސް މަސައްކަތް ކުރީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށް ދީޕިކާ ބުނެފައިވެއެވެ.

ދީޕިކާ އަކީ ބޮލީވުޑްގެ ފިލްމީ ތަރީންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ފަންނާނެވެ. ފިލްމީ ހަޔާތުގައި މިހާތަނަށް ތިން ފިލްމު ފެއާ އެވޯޑު ލިބިފައިވާ ދީޕިކާ އަކީ ޓައިމްސް އޮފް އިންޑިޔާއިން 2018 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ހިމެނޭ އެކެކެވެ. 34 އަހަރުގެ ދީޕިކާ ރަންބީރާއި ވަކިވި ފަހުން އަދި މީހަކާއި ލޯބީގެ ގޮތުން ގުޅިފައި ނުވެއެވެ.