ފެނުގައި އަލިފާން ހިފާ މަންޒަރޭ ބުނުމުން ގިނަ ބަޔަކު އެއީ ވާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ ފެނުގައި އަލިފާން ނުހިފާނެ ކަމަށެވެ.

ދާދިފަހުން ޗައިނާގެ މީޑިއާއެއް ކަމަށްވާ "ޕީޕަލްސް ޑެއިލީ" އިން އާންމު ކޮށްފައިވާ ވީޑިއޯ އަކާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ. އެ ވީޑިއޯއިން ފެނިގެން ގޮސްފައިވަނީ ފެން އިސްކުރަކުން އައި ފެނުގައި އަލިފާން ހިފާ މަންޒަރެވެ.

މި ވީޑީއޯ ޓުވިޓާގައި ހާހަކަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، އެކި މީހުން އަންނަނީ ވީޑިއޯއާއި ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

މިކަމާއި ގުޅިގެން ޗައިނާގެ މީޑިއާއަކުން ބުނެފައިވަނީ އެގޮތަށް އިސްކުރު ފެނުގައި އަލިފާން ހިފަން މެދުވެރިވެފައިވަނީ ބިމު އަޑީގައި އެ ފެން ހުންނައިރު، އުފެދިފައި ހުންނަ ގުދުރަތީ ގޭހެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު އެކަން ރަނގަޅު ކޮށް ފެނުގައި އަލިފާން ނުހިފާ ގޮތަށް ހަދާފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެެފައި ެވެއެވެ.

އެގައުމުގެ އާންމު ރައްޔިތަކު ބުނެފައިވަނީ އިސްކުރުން އަންނަ ފެނާއި އަޅާބަލާއިރު، އެމީހުންނަށް ލިބޭ ފެނުގައި ކޮންމެވެސް ވަރެއްގެ ތެޔޮ ކަމެއް ހުންނަ ކަމަށެވެ. އަދި ކޮންމެވެސް ކަހަލަ ގޭހެއް ހުންނަ ކަމުގެ ޝަކުވާވެސް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ހައްލެއް ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން ގޭގައި ފެން ބޭނުން ކުރުމަށް ބިރުވެރި ކަމަށާއި އެކަމުގެ ސަބަބުން ސިއްހަތަށް ގެއްލުން ވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގޮތަށް ކަމާއި ބެހޭ އިދާރާތަކަށް އެފަދަ މައްސަލައެއް ޖައްސާފައިވީ ނަމަވެސް އެފަރާތުން އެކަން ހައްލެއް ނުކޮށްދެއެވެ. އެހެން ނަމަވެސް އެންމެ ފަހުން ހައްލު ކޮށްފައިވަނީ މީސްމީޑިއާގައި ވީޑިއޯ ދައުރުވާން ފެށުމުން ކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު