1990ގެ އަހަރުތަކުގައި ''އާޝިގީ''އިން ގިނަ ބައެއްގެ ހިތްތައް އަތުލައިފައިވާ ފިލްމީ ތަރި ރާހުލް ރޯއީ، މިހާރު ކުޅެމުންދާ ފިލުމު ''ބެޓްލް އިން ކާގިލް''ގެ ޝޫޓިންގައި އުޅެނިކޮށް ސްޓްރޯކެއް ޖެހިއްޖެ އެވެ.

އޭނާއަށް ސްޓްރޯކެއް ޖެހުނީ ޝޫޓިން ކުރިއަށް ދިޔަ ސަރަހައްދުގެ މޫސުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ރާހުލް މިހާރު ވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ. އަދި ރާހުލްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާގެ ބޭބެ ރޯމީރް ސެން ބުނެފައިވެއެވެ.

ރާހުލްގެ އެންމެ ފާހަގަ ކޮށްލެވޭ ފިލުމަކީ 90ގެ އަހަރުތަކުގެ މަޝްހޫރު ފިލުމު، މަހޭޝް ބަޓްގެ ''އާޝިގީ''އެވެ. މި ފިލުމުގައި ރާހުލްއާއިއެކު ލީޑް ރޯލުން ފެނިގެން ދިޔައީ އަނޫ އަގަރުވާލްއާއި ދީޕަކް ތިޖޯރީއެވެ.

ރާހުލް ރޯއީއަކީ 2006 ވަނަ އަހަރު ބިގް ބޮސްގެ އެންމެ ފުރަތަމަ ސީޒަން ވެސް ކާމިޔާބު ކޮށްފައިވާ ފަރާތެވެ.

ފިލުމު އާޝިގީގެ ކާމިޔާބަށް ފަހު ގިނަ ފިލުމުތަކެއްގައި މަސައްކަތް ކުރުމުގެ ހުށަހެޅުންތަކާއި ފުރުސަތުތައް ލިބުނު ނަމަވެސް އޭގެ ތެރެއިން ބައެއް ހުށަހެޅުންތައް ގަބޫލު ނުކޮށް ދޫކޮށްލާފައިވަނީ އަބަދު އެއް ކަމެއް އެއް ގޮތަކަށް ކުރަން ބޭނުން ނުވާތީ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ''ޕިންކްވިލާ''އަށް ދިން އިންޓަވިއުއެއްގައި ރާހުލް ބުނެފައިވެއެވެ.

ރާހުލް ވަނީ ފިލުމު ''އާޝިގީ''، ''ޖުނޫން''، ''ޖާނަމް''، 2016 ދި އެންޑް''، އެލާން''، ''ޕިޔާރްކާ ސާޔާ'' ފަދަ ފިލުމުތަކުގައި ވެސް އޭނާގެ އެކްޓް ކުރުމުގެ މޮޅު ހުނަރު ދައްކައިލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރީދޫރާނީ

    ދުވަސް ވުމަކީ ރިތި ކަން ގެއްލޭ ކަމެއް ގިނަ މީހުންނަށް!