ޕްލޭސްޓޭޝަން (ޕީއެސް) 05 ގަނެގެން އެއްބަޔަކު އުފަލުން ގޭމް ކުޅެމުން ދާއިރު ދުނިޔެ އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އޯޑަރު ކުރި ޕީއެސް-5 އުއްމީދު ކުރި މުއްދަތުގައި ނުލިބިގެން އުޅޭ މީހުން ވެސް އެބަތިއްބެވެ. ނަމަވެސް މިފަހަރު މިއޮތީ އެހެން މައްސަލައެކެވެ. އެމެޒަން އިން ޕީއެސް-5 އެއް ގަންނަން ފައިސާ ދެއްކި މީހަކަށް މިއޮތީ ޕީއެސް-5 އެއްގެ ބަދަލުގައި ކެޓް ފުޑް ނުވަތަ ބުޅަލަށް ކާންދޭ އެއްޗެހި ހުރި ޕެކެޓެއް ލިބިފައެވެ.

އިނގިރޭސިވިލާތުގެ މީހަކު އެމެޒަން އިން ގަތް ޕީއެސް-5ގެ ބަދަލުގައި ކެޓް ފުޑް ޕެކެޓެއް ލިބުމުން އެމައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެމެޒަން އިން މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ ވިއްކާ ކަމުގެ ތުހުމަތު ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ނަމަވެސް އެމެޒަންގެ ތަރުޖަމާން ވިދާޅުވަނީ އެއީ ގަސްދުގައި އޮޅުވާލި އޮޅުވާލުމެއް ނޫންކަމަށާއި ޕީއެސް-5 އެއްގެ ބަދަލުގައި ކެޓް ފުޑް ޕެކެޓެއް ފޮނުވުނީ އޮޅުމަކުން ކަމަށެވެ. އެހެންކަމުން މައްސަލަ ހައްލުކޮށް ޕީއެސް-5 ގަތް ފަރާތައް އަސްލު ޕީއެސް-5 އެއް ފޮނުވައިދޭނެ ކަމަށް އެމެޒަން އިން ވައުދުވެއެވެ. އެމެޒަން އިން ވަނީ ޕީއެސް-5 އެއްގެ ބަދަލުގައި ކެޓް ފުޑް ޕެކެޓެއް ފޮނުވުނީތީ އެކަމަށް މަޢާފަށް ވެސް އެދިފައެވެ.

އެމެޒަން އިން މާފަށް އެދުނު ނަމަވެސް ކަސްޓަމަރަށް ވަނީ މިކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ. ސަބަބަކީ އޭނާ ޕީއެސް-5 އެއް ގަތީ ދަރިފުޅުގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ކަމަށްވެފައި ދިމާވި މައްސަލައިގެ ސަބަބުން އުފަންދުވަހު ހަދިޔާއެއް ދިނުމުގެ ފުރުސަތު ގެއްލިފައި ވާތީއެވެ.

އޮންލައިންކޮށް ތަކެތި ގަންނަން މީހުންނަށް މިފަދަ ލަނޑު ވަރަށް ގިނައިން ލިބެއެވެ. އެމައްސަލަ ހައްލު ކުރަން އޮންލައިން ވިޔަފާރީގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތައް ވެސް އަޅަމުންނެވެ.