ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން ގިނަ ބައެއްގެ ޗުއްޓީ ހޭދަ ކޮށްލުމުގެ މަންޒިލަކަށް ވެފައިވާ ރާއްޖެއަށް މި ފަހަރު އައި ފަންނާނަކީ ވިވެކް އޮބްރޯއީއާއި އޭނާގެ އާއިލާއެވެ. ވިވެކް އޭނާގެ އަންހެނުން ޕްރިޔަންކާއާއި ދެ ދަރިން ކަމަށްވާ ވިވާން ވީރު އޮބްރޯއީއާއި އަމެޔާ ނިރުވަނާ އޮބްރޯއީއާއިއެކު ރާއްޖެ އައިސް ތިބީ ކްރޮސްރޯޑުގައެވެ.

ވިވެކްގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުގައި ވިވެކްއާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ވަރަށް އުފަލުންކަން އެނގެއެވެ. ހަތަރު މީހުންގެ މި އާއިލާ ނޫކުލައާއި ރީނދޫ ކުލައިން ހެދުން އަޅައިގެން ތިބެ ރާއްޖޭގެ ހިތްފަސޭހަކަން ހޯދަމުންދާކަން ވިވެކްގެ އިންސްޓަގުރާމު އެކައުންޓުން އެނގެއެވެ.

މީގެ އިތުރަށް ވިވެކްއާއި ޕްރިޔަންކާ އިރުއޮއްސޭ މަންޒަރާއިއެކު ޕޫލުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ އެއީ އެމީހުންގެ ޖާދޫގެ ވަގުތު ކަމަށެވެ.

ވިވެކްގެ ފިލްމީ މަސައްކަތަށް ބަލާއިރު 2019 ވަނަ އަހަރު ވިވެކް ވަނީ ނަރެންދުރަ މޯދީގެ ބަޔޯޕިކްގައި މަސައްކަތް ކޮށްފައެވެ. ވިވެކް އެންމެ ފަހުން ކުޅެފައިވަނީ ކަންނާޑާ ފިލުމެއް ކަމަށްވާ ''ރުސްތުމް''އެވެ. ވިވެކްގެ ކުރިއަށް އޮތް ފިލުމަކީ ބިރުވެރި ފިލުމެއްކަމަށްވާ ''ދަ ސެފްރޯން ޗެޕްޓަރ''އެވެ.

ކޮވިޑު-19 ފުރަބަންދަށްފަހު ރާއްޖޭގެ ރިސޯޓުތައް ހުޅުވައިލުމުން ބޮލީވުޑުގެ ފަންނާނުންގެ ޗުއްޓީ މަންޒިލަކަށް ވެފައިވަނީ ރާއްޖެއެވެ. މިގޮތުން ރާއްޖެ އައިސްފައިވާ ބައެއް ތަރިންނަކީ ޓައިގަރ ޝްރޯފް، ދިޝާ ޕަޓާނީ، ވަރުން ދަވަން، ހީނާ ޚާން، ފަރުޚާން އަޚްތަރު، ކެޓްރީނާ ކެއިފް، ތާރާ ސްތާރިއާ، އާދަރު ޖެއިން، ކާޖޮލް އަގަރްވާލް ފަދަ އެތައް ތަރިންނެއް ހިމެނެއެވެ.