މި އަހަރުގެ ނޮވެމްބަރ މަހުގެ ކޮރެއަން ޑްރާމާ އެކްޓަރުންގެ ބްރޭންޑް ރެޕްޓޭޝަން ރޭންކިންގެ އެއްވަނައަށް ''ސްޓާޓް އަޕް''ގެ ދެވަނަ ލީޑު ރޯލުން ފެނިގެން ދާ ކިމް ސިއޯން ހޯ ހޮވިއްޖެއެވެ.

ކޮރެއަން ބިޒްނަސް ރިސާޗް އިންސްޓިޓުން ''ސޫމްޕީ'' މެދުވެރިކޮށް ކުރި ދިރާސާއިން 6،024،503 ވޯޓާއިއެކު އެއްވަނައިގައި ވަނީ ސިއޯން ހޯއެވެ. މި ރޭންކިންގެ ދެވަނައިގައިވަނީ 5،787،606 ވޯޓާއިއެކު ''ސްޓާޓް އަޕް''ގެ ލީޑު ރޯލުން ފެނިގެންދާ ނަމް ޖޫ ހުއަކްއެވެ. ތިންވަނައިގައި ވަނީ 5،503،107 ވޯޓާއިއެކު ''ޓޭލް އޮފް ދަ ނައިން ޓެއިލްޓް'' ޑުރާމާގެ ލީޑު ރޯލުން ފެނިގެންދާ ލީ ޑޮން ވުކްއެވެ.

ދެކުނު ކޮރެޔާގެ ޑްރާމާ އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ގިނަ ބަޔަކަށް ކަމުދާ، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެކްޓަރއަކީވެސް ކިމް ސިއޯން ހޯއެވެ. ''ސްޓާޓް އަޕް'' ޑްރާމާގެ ފުރަތަމަ އެޕިސޯޑު ފެށުނުއިރު އިންސްޓަގުރާމުގައި 6000 ފޮލޯވަރުން ތިބި ނަމަވެސް ޑްރާމާގެ 14 ވަނަ އެޕިސޯޑަށް އައިއިރު ސިއޯން ހޯގެ 2.7 މިލިއަން މީހުން ފޮލޯ ކުރެއެވެ.

ކޮރެޔާގެ ކާމިޔާބު ޝޯއެއް ކަމަށްވާ ''2 ޑޭސް 1 ނައިޓް''ގައި ވެސް ހަރަކާތްތެރިވަމުން އަންނަ ސިއޯން ހޯއަށް އިތުރު ޑުރާމާތަކުގެ ހުށަހެޅުންތައް ލިބެމުންދާތީ ''2 ޑޭސް 1 ނައިޓް'' ޝޯ ދޫކޮށްލާ ކަމުގެ އަޑުތައް އަރާފައިވީ ނަމަވެސް ސިއޯން ހޯ ބުނެފައިވަނީ އެ ޝޯ އޭނާ ދޫކޮށް ނުލާނެ ކަމަށެވެ.

ސިއޯން ހޯގެ ފާހަގަ ކޮށްލެވޭ ބައެއް ޑުރާމާތަކަކީ ''100 ޑޭސް މައި ޕްރިންސް''، ''ސްޓްރޯންގަސްޓް ޑެލިވަރީމެން'' ފަދަ ޑްރާމާތަކެވެ.

<span;>