ލޯބީގެ ގޮތުން ގުޅިފައިވާ ބައިވެރިޔާ ބޭވަފާތެރިވޭތޯ ނުވަތަ ނޫންތޯ ބަލައިދިނުމުގައި މަޝްހޫރުކަން ހޯދައިފައި މިވަނީ އިންސްޓަގުރާމުގެ މޮޑެލްއެކެވެ.

ކެލިފޯނިއާއަށް އުފަން ޕެއިގެ ވޫލަން އަންނަނީ އަންހެން ވެރިންނަށް އެ މީހުންގެ ބައިވެރިޔާ ބޭވަފާތެރިވޭތޯ ނުވަތަ ނޫންތޯ ބަލައި ދިނުމުގައި އެހީތެރިވެދެމުންނެވެ.

އިންސްޓަގުރާމުގައި 2،00،000 މީހުން ފޮލޯ ކުރާ އުމުރުން 28 އަހަރުގެ ޕެއިގެ ބުނެފައިވަނީ އިންސްޓަގުރާމުން އޭނާއަށް އެތައް ފިރިހެނުންނެއް ޑީއެމް ކުރާ ކަމަށެވެ. އޭގެ ތެރޭގައި ލޯބިވެރިން ތިބޭ ފިރިހެނުން ވެސް ހިމެނޭ ކަމަށެވެ.

''އަހަރެންނަށް މެސެޖު ކުރާ ބައެއް މީހުންގެ ޕްރޮފައިލް ފޮޓޯގައި އެ މީހުންގެ ލޯބިވެރިންނާއެކު ވެސް ތިބޭ މީހުން މެސެޖު ކުރާތީ އަހަރެން ހިތަށް އެރީ އެ މީހުންގެ ލޯބިވެރިން އެގޮތަށް މެސެޖު ކުރުމުން ވެސް އަޅާނުލަނީ ބާއޭ؟ މި ގޮތަށް އަންނަ މެސެޖުތަކުގެ ސަބަބުން އެއްދުވަހު އަހަރެން ނިންމީ ލޯބިވެރިން ތިބޭ ފިރިހެނުންގެ ބައިވެރިޔާއަށް ހަގީގަތް ހާމަކޮށްދީ އެ މީހުން މެސެޖު ކުރި ކަމަށް އިޢުތިރާފް ކުރުވަން'' ޕެއިގެ ބުނެފައިވެއެވެ.

ފަހުން ޕެއިގެ ވަނީ އެހެން ނަމެއްގައި އިންސްޓަގުރާމު އެކައުންޓެއް ހުޅުވައި މި ގޮތަށް މެސެޖު ކުރާ ފިރިހެނުން އޭނާއަށް ކުރާ މެސެޖުތަކުގެ ސްކްރީން ޝޮޓްތައް ނަގައި އެންމެންނާއި ހިއްސާ ކޮށްފައެވެ.

މީގެ އިތުރުން ޕެއިގެ ދަނީ އަންހެނުން އެ މީހުންގެ ބައިވެރިޔާ ބޭވަފާތެރިވާ ކަމަށް ޝައްކު ކުރެވިގެން އޭނާއަށް އެހީއަށް އެދޭ ފަރާތްތަކަށް އެހީތެރިވަމުންނެވެ. އެއީ އެފަދަ ފިރިހެނުންނަށް މެސެޖު ކޮށްގެން ކަމަށް ވެސް ޕެއިގެ ބުނެފައިވެއެވެ.

އޭނާ އެކަން ކުރަނީ އެހެން އަންހެނުންނަށް އޭނާގެ ފަރާތުން އެހީތެރިވެވުމުން އެކަމާ އުފާވާތީ ކަމަށް ވެސް ބުނެފައިވެއެވެ.