(އައްޑޫ ސިޓީ މީދޫ) ރަށުގެ ބޮޑު ސަރަހައްދެއް އޮންނަނީ ދަނޑުވެރިކަން ކުރާށެވެ. ކޮންމެ އާއިލާއަކަށް ދަނޑުވެރިއެއް ހުންނަ އިރު، ދަނޑުވެރިކަން ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާ އެތައް ބަޔަކު ރަށުގައި އުޅެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ރަށުގައި އެންމެ ގިނަ ދުވަސްވީ ދަނޑުވެރިޔާ މުހައްމަދު ވަހީދު، 51، އެވެ. އޭނާއަކީ ރަށުގައި މި މަސައްކަތް ވަރަށް ކުރާ ހިތުން ކުރަމުން އަންނަ މީހެކެވެ.

ވަހީދު ދަނޑުވެރިކަން ކުރަމުން އަންނަތާ 30 އަހަރު ވެދާނެއެވެ. ވަހީދު އޭގެ ކުރިން ވަޒީފާ އަދާކުރީ ކުރުނބާ މޯލްޑިވްސްގެ ލޯންޑަރީ ޑިޕާޓްމެންޓްގައި އާއި ރޫމް ބޯއީއެއްގެ ވަޒީފާގަ އެވެ. އޭނާ އަހަރީ ޗުއްޓީއެއްގައި ރަށަށް އައި ފަހަރެއްގައި ރިސޯޓަށް އެނބުރި ދާން ބޭނުން ނުވީއެވެ. ކުރިއަށް ދާން ބޭނުންވީ ދަނޑުވެރިކަމުގެ ދާއިރާއިންނެވެ. ކޮވިޑް-19 ގެ ކުރިން އޭނާގެ ދަނޑުތަކުން ހައްދާ ތަކެއްޗަކީ ރިސޯޓުތަކަށާއި ރަށްރަށަށް ސަޕްލައި ކުރާ ތަކެއްޗެވެ. އޭނާ ހައްދާ ތަކެއްޗަށް ޑިމާންޑު ބޮޑެވެ. އަދި އޭނާ ކުރާ މަސައްކަތުން ލިބޭ އާމްދަނީ ވެސް ބޮޑެވެ.

މީދޫ ގައި ހުރި އެންމެ ދުވަސްވީ ދަނޑުވެރިޔާ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އެއީ 1990 ވަނަ އަހަރު ރިސޯޓްތައް ދޫކޮށްލާފައި ރަށަށް އައިތަނުން، މި ރާއްޖެއަށް އައިގަދަ ވިއްސާރަ ދުވަސްވަރަށްވީ، ހާއްސަކޮށް އައްޑޫއަށް އައި އެ ވިއްސާރަ. އެ ދުވަސްވަރުގައި ސަރުކާރުން މިރަށަށް އައިސް ދަނޑުވެރިކަމުގެ ކޯސްތަކެއް ހިންގީމަ އޭގައި ބައިވެރިވީ، އެހާ ހިސާބުން އެކަމަށް އަހަރެން ޝައުގުވެރިކަން އުފެދިގެން އައިސް ފެށުނު ގޮތަށް މި އުޅެނީ،" ވަހީދު ބުންޏެވެ.

އެއީ 15 ދުވަހުގެ ކުރު ކޯހެކެވެ. އެ މަސައްކަތް އޭނާ ފަށައިގަތީ އެއްވެސް ފައިސާއެއް ނެތިއެވެ. އޭގެން އޭނާއަށް ލިބުނު ތަމްރީނުން އޭނާ ފަށައިގަތެވެ. އޭނާގެ ދަނޑުވެރިކަމުގެ ދަތުރު ފަށައިގަތީ އެއްވެސް އެއްޗެއް އިންވެސްޓްކޮށްގެން ނޫނެވެ.

ވަހީދު ބުނީ، ފުރަތަމަވެސް ދަނޑުވެރިކަން ފަށައިގަތީ އާ ބާވަތްތަކަކުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހައްދަން ފެށީ ވައިޓް ކެބެޖާއި، ކިއުކަމްބާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ފުރަތަމަ ވަރަށް ކުޑަކުޑަކޮށް، ފަށައިގަތީ ނާސަރީއެއް ހަދައިގެން ކަމަށެވެ.

މީދޫ ދަނޑުވެރިކަން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އެ ގަސްތައް ރުވައިގެން، މީހުންނަށް އެ ގަސްތައް ދައްކައިގެން، މީހުންނަށް ތައާރަފްކޮށްގެން، މީހުންނަށް ކިޔައިދީގެން މިއީ ކާއެއްޗެއްކަމާއި، ކާން ބޭނުން ކުރާ، އަދި ވިޔާފާރީގައިވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް ވިސްނައިދީގެން ވަރަށް ކުޑަކުޑަކޮށް ގޯތި ތެރޭގައި އާއި އެކި ސަރަހައްދުތަކާއި އެކި ގޭގެ ފަޅު ގޯތި ތެރޭގައި ހެއްދީ". ވަހީދު ބުންޏެވެ.

ވަހީދު އެ ފަހުން އެ މަސައްކަތް ފަށައިގަތީ ދަނޑުބިންތަކުގައެވެ. އަދި މިހާރު އެ ދަނޑުބިންތައް ބަދަލުވެގެން އައިސް، އެކަން ކުރަމުން ދަނީ އެއަށްވުރެ ބޮޑެތި ދަނޑުބިންތަކުގައެވެ. އަދި އޭނާ އެ މަސައްކަތުގެ ތެރެއިން ވަނީ ގްރީން ހައުސްތައްވެސް އަޅާފައެވެ.

ވަހީދު މިހާރު 17 ވަރަކަށް އުފެއްދުންތައް ހައްދައެވެ. އޭގެ ތެރޭގައި ސްވީޓް ކޯން، ޗިޗަންޑާ، އޮޅުއަލަ، ރުކާއި، ކިއުކަމްބާ އަދި މެލަންގެ ތިން ވައްތަރެއް އޭނާ ހައްދައެވެ.

އޭނާ އެންމެ ފުޅާދާއިރާއެއްގައި ހައްދަމުން ދަނީ ކިއުކަމްބާއެވެ. ކިއުކަމްބާ ހައްދަމުން ދަނީ އޮޓޯޕޮޓްސްގައެވެ. އޭނާ ހައްދާ ކިއުކަމްބާގެ ބާވަތްތަކުގެ ތެރޭގައި ޗައިނީސް ކިއުކަމްބާ ހިމެނެއެވެ.

ސ.މީދޫ ދަނޑުވެރިކަން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އެއީ ދެން އެންމެ ގިނަ މީހުން ބޭނުން ކުރާ އެއްޗަކަށް ވީމަ އާއި ހުރިހާ މީހުންވެސް ބޭނުންކުރާ އެއްޗަކަށް ވީމަ". ވަހީދު ބުންޏެވެ.

ވަހީދު ހައްދަމުންދިޔަ ތަކެތި އެންމެ ފުރަތަމަ ވިއްކަމުން ދިޔައީ ރަށުގެ ރައްޔިތުންނަށެވެ. އަދި އަތޮޅުގެ އެހެން ރަށްތަކަށްވެސް އޭނާ ހައްދާ ތަކެތި ވިއްކަން ފެށިއެވެ. އަދި އޭގެ ފަހުން ރިސޯޓްތައް އުފެދިގެން ރިސޯޓްތަކަށް އެއްޗެހި ސަޕްލައި ކުރަން ފެށިއެވެ.

"އެކަމަކު މިހާރު ރިސޯޓްތައް މި އޮތީ ހުއްޓިފައި، އަނެއްކާވެސް މި ތިބީ ވިޔަފާރި ދަށްވެފައި".

މީދޫގެ ދަނޑުވެރިންނަށް ހާއްސަ ޖަމިއްޔާއެއް އޮވެއެވެ. މީދޫ ކޯޕަރޭޓްސްގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން އެރަށުގައި ދަނޑުވެރިން ހައްދާ ތަކެތި ރިސޯޓްތަކަށް ސަޕްލައި ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.

ސ.މީދޫ ދަނޑުވެރިކަން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"އެ ކޯޕަރޭޓިވްސްއަށް މިހާރު ދަނޑުވެރިން އެއްޗެހި ގެންދަނީ، އެތަނުން ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަނީ".

އޭނާ ދަނޑިވެރިކަން ކުރިއަރުވަން ލޯނެއްވެސް ނެގިއެވެ. 2010 ވަނަ އަހަރު އިފާޑުން ނެގި އެ ލޯން އޭނާ ވަނީ ދައްކާ ނިންމާފައެވެ. އަދި އޭނާ މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލޯނެއް ނަގަން ތައްޔާރުވެފައެވެ.

ދެ ދަނޑު ގެންގުޅޭ ވަހީދު ބުނީ، ކޮވިޑް-19 އައުމުގެ ކުރިން އޭނާއަށް މަހެއްގެ މައްޗަށް އާއްމްދަނީގެ ގޮތުގައި 30،000 އާއި 40،000 ރުފިޔާ ލިބޭ ކަމަށެވެ.

ވަހީދުގެ ދަނޑުގައި އެންމެ ތަފާތު އެއްޗަކަށް ފެނިގެން ދިޔައީ ހިކި ފަސްތަންތާގައި އޮޅު އަލަ ހައްދާފައިވާ މަންޒަރެވެ.

މީދޫ ދަނޑުވެރިކަން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ދިވެހި ރާއްޖޭގެ ހުރިހާ ތަނެއްގައި އޮޅުތަކުގައި އަލަ ނުހެދި މަރުވެގެން އެ ދަނީ، އެއީ ފެންގިނަވެފައި، ހޫނު ގަދަވެފައި ފަންގަސް މައްސަލައެއް މި ދިމާވަނީ، އެހެންވެ އަހަރުމެން އަމިއްލައަށް ދެން ވިސްނައިގެން ހިކި ފަސް، ފެން ނެތްތަންތާގައި މަސައްކަތް ފެށީ. އެގޮތުން ފުރަތަމަ ފުޅިމަދު ފޮށީގައި، އޭގައި ކާމިޔާބުވީމަ، އަޅުގަނޑުމެންނަށް ކަށަވަރުވެގެން ދިޔައީ ހިކި ފަސް ބިމެއްގައިވެސް މި އެއްޗެސް ހެއްދޭނެ ކަން، ހަމަ ރަނގަޅު ވަރަށް ކާމިޔާބު ކަމެއް ތީ"،

މީދޫ ގައި ހުރި އެންމެ ދުވަސްވީ ދަނޑުވެރިޔާ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އޭނާ ބުނީ، އެތަނުގައި ވަރަށް ރަނގަޅަށް އަލަ ހެއްދޭ ކަމަށާއި، ރަނގަޅަށް އަލަވެސް ލިބޭ ކަމަށެވެ.

ވަހީދަކީ ގިނަ ދަނޑުވެރިންނަށް ނަމޫނާއެކެވެ. ދަނޑުވެރިކަމަށް އޭނާގެ ހިތުން ހާއްސަ މަގާމެއް ވަނީ ދެވިފައެވެ. އޭނާގެ ވިސްނުން ހުރީ ދަނޑުވެރިކަން މިހާރަށް ވުރެ ބޮޑަށް ފުޅާކުރާށެވެ. ރައްޔިތުން ބޭނުންވާ ފަދަ ތަފާތު އުފެއްދުންތަކެއް އުފެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓުކުރި ޝޭޚު

    ޙީވަނީ 61 އަހަރު ހެން އަސްލު!

    2
    4
  2. ޓުކުރި ޝޭޚު

    51 އަހަރޯ އެކަމަކު 1990 ގަ ޔޯ ރަށަށް ރިސޯޓް ފަހަރު ދޫކޮށްފަ ދަޑުވެރިކަންފެށީ! 51 އަހަރު ވިއްޔާ 1990 ގަ ވާނީ އެއްމެ 21 އަހަރު! ޢަދި އޭ ތި ކަހަލަ މަސައްކަތެއް ފަށަން ވިސްނަން ވ ޅަ އުމްރެއް! 60 އަހަރު ގެ މީހަކާ ވައްރަރީ

    2
    3
    • ފަޅޯ

      ބައެއްމީހުން އެއުމުރުގަވެސް ހަމަބުއްދި ހުރޭ.

      8
      1
  3. ޥައްޖީ

    ޥަހީދު ދަނޑުވެރިކަން ކުރަން ފެށީ 2002 _2003 ގައި. ޥަހިދު އަކީ ރަށު ބޮޑުކަތީބުގެ ދޯސްތީއެއް. އެނާ އެެކު ވަހީދު ހިންގީ ފިހާރަ. 2006 ގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކު ނިޔާ ވުމުން ހަައްޔަރު ކުރެވުނު. ޖަލުން ސަލާމަތް ވެެގެން ރަަށް ދެެވުނީ 2010 ވަނަ އަހަރު. ގޮސް ދަނޑުވެރިކަން ކުރަން ފެށީ.

    3
    1
    • މަރުމޯލު

      ޥައްޖީ ގެ ކޮމެންޓްގައި ކިތައް ވަހީދު އެބައުޅޭތޯ؟ ވަހީދު ދަނޑުވެރިކަން ކުރަން ފެށީ 2002-2003ގަޔޯ. ފަހުން މިއޮތީ 2010ވަނަ އަހަރު ގޮސް ދަނޑުވެރިކަން ކުރަން ފެށި ވާހަކަ. ލިޔާ އެއްޗެއް ދެކޮޅު ޖެހުނުތޯވެސް ބަލާނުލާ.

      1
      1
      • ޟަޒް

        2006 ކުން 2010 އަކަށް ފުރިޒަން ލައިފް ނިންމާފަ އަލުން ފެށި

  4. ގެރި އަބޫޖަހުލު

    ބަލާދީބަލަ ކޮންމެ ގެއެއްގައި އިންޑިޔާ ބޮޑުވަޒީރު “ހިލޭ އެހީގެ “ ދަށުން އެޅި މަސް ފެކްޓަރީ! އެއްވެސް ގެއަކުން މަސް އެބަ ވިއްކާތަ؟