ބޮލީވުޑް ފިލުމު އިންޑަސްޓްރީއާއި ޓީވީ އިންޑަސްޓްރީގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޝިވް ކުމާރު ވަރުމާގެ ހާލު ވަރަށް ދެރަވެ ފައިސާގެ އެހީއަށް ބޭނުންވެއްޖެ އެވެ.

ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް (ސީއޯޕީޑީ) ބަލީގައި ހާލު ދެރަވެފައިވުމުގެ އިތުރަށް ޝިވް ކުމާރަށް ކޯވިޑް ޖެހިފައިވާ ކަމަށް ވެސް ޝައްކު ކުރެވޭ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި ހިތްދަތި ވަގުތުގައި ޝިވް ކުމާރުގެ ސަޕޯޓަރުންނަށާއި ފިލުމު އިންޑަސްޓްރީގެ ފަންނާނުންގެ ފަރާތުން އޭނާ އެދެނީ ފައިސާގެ އެހީއަށެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއެއްގައި ޓީވީ އެސޯސިއޭޝަންގެ މެމްބަރެއް ކަމަށްވާ އަމިތު ބެލް ބުނެފައިވަނީ އެމީހުންނަށް ޝިވް ކުމާރުގެ ބަލީގެ ޚަބަރު ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަދި ވަގުތުން 50،000 ރުޕީސް އާއިލާއާއި ހަވާލު ކުރި ކަމަށެވެ.

އަމިތު ބެލް، އަކްޝޭ ކުމާރު، ވިދްޔާ ބާލަން އަދި ސަލްމާން ޚާނަށް ޓެގްކޮށް ޓީވީ އެސޯޝިއޭޝަންއިން ކުރި ޓުވީޓެއްގައި ލިޔެފައިވަނީ ޓީވީ އެސޯސިއޭޝަންގެ މެމްބަރެއް ކަމަށްވާ ޝިވް ކުމާރަށް ސީއޯޕީޑީ ޖެހިފައިވާ ކަމަށާއި ކޯވިޑްއަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި ޝިވްއަށް ފައިސާގެ އެހީ ބޭނުންވާ ކަމަށް ވެސް މި ޓުވީޓުގައިވެއެވެ.

ޓީވީ އެސޯސިއޭޝަނުން މި ޓުވީޓު ވަނީ ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި 3 ފަހަރަށް ޝެއަރ ކޮށްފައެވެ. އަދި އަމީތާބު ބައްޗަން، އަނިލް ކަޕޫރު، ސަނީ ޑިއޯލް، މަނީޖް ޖޯޝީ ފަދަ އިތުރު އެކްޓަރުން ވެސް ޓުވީޓުގައި ޓެގް ކޮށްފައިވެއެވެ.

ހައްލާ ބޯލް، ބާޒީ ޒިންދަގީކީ ފަދަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ ޝިވް ކުމާރު މިހާރު އޮތީ ވެންޓިލޭޓަރގައި ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަލީ

    މިމީހުންގެ ހާލަކީވެސް މާލޭގައި އުޅޭ ދިވެހިންގެ ހާލު ، ކަމެއްދަމެއް ދިނާވާއިރަށް ސަލާންޖަހާގެން ނޫނީ އެއްވެސް ކަމެއްނުވޭ ،

    11
    1