އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ އަށް އެންމެ މުއްސަނދި އެއްގައުމުގެ ޝާހީ އާއިލާގެ ބެލެހެއްޓުމުގެތެރޭގައި، ޝާހީ އާއިލާގެ ހުރިހާ އިމްތިޔާޒެއް ލިބިގެން ތުއްޕުޅު އިރުއްސުރެ ބޮޑުވެ ޒުވާން ފުރައަށް އެރުމުގެ ނަސީބު ލިބުނު ނަމަވެސް މަންމަގެ ލޯބިން މަހްރޫމްވުމުގެ ބަދުނަސީބު ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ.

ޕްރިންސަސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވަހާރަވިއިރު ވިލިއަމްގެ އުމުރަކީ 15 އަހަރެވެ. އޭރު ހެރީގެ އުމުރަކީ 12 އަހަރެވެ. ނަމަވެސް މިފަހަރު މިއޮތީ ޑަޔާނާ އަވަހާރަވުމާއި ގުޅޭ ވާހަކައެއް ނޫނެވެ.

މިފަހަރު މިއޮތީ 1985 ވަނަ އަހަރު އާއިލާގެ ފޮޓޯޝޫޓަކަށް ތައްޔާރުވަމުން ދިޔަ އިރު އޭރު އުމުރުން އެންމެ ތިން އަހަރުގެ ޕްރިންސް ވިލިއަމް މަންމަ ޕްރިންސަސް ޑަޔާނާގެ "މޭކަޕް ކުރަން" އުޅުނު މަންޒަރުގެ ވީޑިއޯއެއްގެ ވާހަކައެވެ. މީގެ ކުރިން އާއްމު ކުރެވިފައި ނުވާ ވީޑިއޯ އިން ފެންނަނީ މަންމަގެ މޫނުގައި ފުއްޖަހަން ތުއްޕުޅު ޕްރިންސް ވިލިއަމް އުޅުއްވި މަންޒަރެވެ.

ވީޑިއޯ މިހާރު ވައިރަލްވެ ގިނަ ބަޔަކު ގެންދަނީ މިލޯބި ވީޑިއޯ ޝެއާ ކުރަމުންނެވެ. އަދި ޕްރިންސަސް ޑަޔާނާ އަވަހާރަވެގެން ދިއުމުގެ ހިތާމަ އާއި ހިތްދަތިކަން މިވީޑިއޯ އާއިއެކު އަނެއްކާ ވަނީ އާވެސް ވެފައެވެ.

ކޮންމެ ރީތި ދިރިއުޅުމަކަށް އުފާވެރި ނިމުމެއް ނާދެއެވެ. ޕްރިންސަސް ޑަޔާނާގެ ދިރިއުޅުމުގެ ވާހަކަ ކިތަންމެ ލޯބި ނަމަވެސް އެންމެންގެ ހިތްތައް ރޮއްވާލުމަށް ފަހު ޕްރިންސަސް ޑަޔާނާ ވަކިވެގެން ދިޔަ ހިތާމަވެރި އެކްސިޑެންޓަކީ ވަރަށް ހިތާމަވެރި ވާހަކައެއްގެ ނިމުމެވެ.