ކޮވިޑް-19 އާ ހެދި އެތައް ކަމެއް ހުއްޓިއްޖެއެވެ. ބައެއް ގައުމުތަކުގެ އިގްތިސާދު އިދަޖެހިއްޖެއެވެ. އަޅާފައިިވާ ރައްކާތެރި ފިޔަވާޅުތަކާއެކުވެސް މަސައްކަތައް އެތައް ބަޔަކު ނުކުންނަން ޖެހިފަައިވާއިރު، މަސައްކަތުގައި އުޅުމުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދާ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ދާދި ފަހުން މަސައްކަތުގައި އުޅުމުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވި މީހުން ހިމެނެއެވެ.

އެގޮތުން ރާޖް މެހެތާގެ ޖުގް ޖުއްގް ޖޭޔޯގެ މަސައްކަތުގައި އުޅުނު ބަޔަކު މި ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ފިލްމަކީ އަނިލް ކަޕޫރާއި، ނީތޫ ކަޕޫރް އަދި ވަރުން ދަވަން އާއި ކިއާރާ އަޑްވާނީގެ އިތުރުން، ޕްރަޖަކްޓާ ކޮލީ ފެނިގެންދާ ފިލްމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރައްކާތެރި ފިޔަވަޅުތަކާއެކު ކުރިއަށްގެންދިޔަ އެ ފިލްމްގެ މަސައްކަތުގައި އުޅެނިކޮށް އެ ފިލްމްގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެން ދިޔަ ބައެއް ތަރިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތުގައި ވަރަށް ކައިރީގައި ހަރަކާތްތެރިވި ފަރާތަކުން ބުނީ، ނީތޫ ކަޕޫރް އާއި ވަރުން ދަވަންގެ އިތުރުން، ޑައިރެކްޓަރ ރާޖް މެހެތާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ނަމަވެސް އަނިލް ކަޕޫރް ކޮވިޑް-19 އަށް ނައްސިވެފައެވެ.

އެހެންކަމުން މިހާރު އެ ފިލްމްގެ މަސައްްކަތް ވަނީ މަޑު ޖައްސާލާފައެވެ. އަދި މިހާރު ހުރިހާ ތަރިން ވަނީ އަމިއްލައަށް އެކަހެރިވެފައެވެ.