ހަނދާން ނެތުމަކީ ވަރަށް ގިނަ ކަންކަމުން ސަލާމަތް ވުމަށް ބޭނުން ކުރެވޭ އުކުޅެކެވެ. ނަމަވެސް ހަޤީޤަތުގައި ކަންކަން މާފަސޭހައިން ހަނދާން ނެތުމަކީ އެތައް އުނދަގުލަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.

އޮސްޓްރޭލިއާގެ ދެމަފިރިން ކަމަށްވާ ހިލްޑާ ފާމާ އާއި އެމަނުއެލް އެލޮއިޓް އަށް ވެސް ހަނދާން ބަލިވުމުގެ ސަަބަބުން ދިމާވީ ބޮޑު ކަމެކެވެ. ދެމަފިރިންގެ ކާރު ޕާކު ކުރެވުނު ތަނެއް ހަނދާން ނެތިގެން ދެމަފިރިން ވަނީ ހަފްތާއެއް ވަންދެން ކާރު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އާއިލާ މީހުންނާއި ރަހުމަތްތެރިންގެ އެހީ ހޯދައިގެން ވެސް ދެމަފިރިން ކާރު ހޯދުމުގެ މަސައްކަތް ކުރިއެވެ. އާއިލާ މެންބަރެއް ކައިރިއަށް ޒިޔާރަތް ކުރަން ހޮސްޕިޓަލަށް ގޮސް ކާރު ޕާކް ކުރުމަށް ފަހު ނިކުމެ ކާރު ނުފެނުމުން ފުލުހުންނަށް ވެސް ދެމަފިރިން ކާރު ގެއްލުނު ކަން ރިޕޯޓް ކުރިއެވެ.

ކާރުގެ ރިމޯޓްގައި އެލާމެއް ހަރުކޮށްފައި އިން ނަމަވެސް ކާރު ޕާކް ކުރެވުނު ތަންކަމަށް ލަފާކުރެވޭ ތަނަށް ގޮސް އެލާމް ޖައްސައިގެން ވެސް ކާރުގެ އަޑެއް ނީވުނެވެ.

ކާރު ގެއްލުމުގެ ހިތާމައިގައި ދެމަފިރިންނަށް ރަނގަޅަށް ނުވެސް ނިދި އުޅެނިކޮށް އެންމެ ފަހުން ކާރު ހޯދައިދިނީ ފުލުހުންނެވެ. ކާރު ފެނުނީ ދެމަފިރިން ކާރު ޕާކް ކުރިކަމަށް ބުނާ ސަރަހައްދާއި މާދުރުގައި ކާރު ޕާކްކޮށްފައި އޮއްވައެވެ.

އެސަރަހައްދަކީ ކާރު ޕާކް ކުރިކަމަށް ބުނާ ސަރަހައްދުން ފެށިގެން ހިނގާފައި ބައިގަޑިއެއްހާއިރު ދެވޭހާ ދުރު ހިސާބެކެވެ.

ކިޔުންތެރިންގެ ހިޔާލު