އަހަރެން މީހަކާ އިނީ މީގެ ފަސްވަރަކަށް އަހަރު ކުރިންނެވެ. އަހަރެންގެ ފިރިމީހާއަކީ މަސްވެރިޔެކެވެ. އަހަރެމެން ކައިވެނިކޮށްގެން މާކަގިނަ ދުވަހެއް ނުވަނީސް އަހަރެމެންގެ ފުރަތަމަ ދަރިފުޅު ލިބުނެވެ. ދަރިފުޅު ލިބުމުން އަހަރެމެން ބަދަލުވީ ވިއާމްގެ ބޭބެ އެއްގެ ގެއަށެވެ. ވިއާމްގެ ބޭބެމެން އުޅެނީ މާލޭގައި ކަމުން އެގެ މިހާރު ފަޅަށް ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. އަހަރެމެންގެ ރަށުގެ ވަރަށް މަދުން ގެތަށް އަޅާފައި މީހުން އާބާދުނުވާ ހިސާބެއްގައި ހުންނަ އެގެއާ ޖެހިގެން މީހުން އުޅޭ ދެ ގެއެއް ހުރެއެވެ. އެގެއަށް ބަދަލުވުމުގެ ކުރިން އަހަރެންނާއި ވިއާމް މުޅި އެގެ ސާފުކޮށް ރީތިކުރީމެވެ. ބޮޑު ތިންކޮޓަރިއާއި ސިޓިންގްރޫމްއަކާއި ބޮޑު ބަދިގެއެއް ހުންނަ އެގެ އަހަރެމެން ކުޑަ ޢާއިލާއަށް މާބޮޑުވެސް ވާނެއެވެ. ނަމަވެސް އަހަރެމެން ދެމަފިރިންގެ އަމިއްލަ ގެ ރާނައި ނުނިމެނީސް އެތަނަށް ދެވެން ނެތުމުން އެވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް އަހަރެމެން ނިންމީމެވެ. އެގެއަށް އަހަރެމެން ބަދަލުވިއިރު ދަރިފުޅުގެ އުމުރުން ފަސްމަސް ވެއްޖެއެވެ.

ރަށުގެ ބައެއް މީހުން އަހަރެމެން އެގެއަށް ބަދަލުވުމުން އެކަމާ އެކި ފާޑުފާޑުގެ ވާހަކަ ދެއްކިއެވެ. އަތިރިމައްޗާއި ކައިރީގައި ހުންނަ އެގެއަކީ ރުޙާނީ ބައެއް ކަންތައް ހުންނަ ގެއެއްކަމަށް އަވަށްޓެރިންވެސް ދިޔައީ ބުނަމުންނެވެ. އެމީހުންނަށްވެސް އަހަރެމެންގެ ކައިރިން ތަފާތު އެއްޗެހި ފެންނަވާހަކައާއި އަޑުތައް އިވޭވާހަކަ ދައްކައެވެ. ނަމަވެސް އަހަރެންނާއި ވިއާމް އެކަމަކާ މާބޮޑަށް އަޅައެއްނުލަމެވެ. މިގެ ފަޅަށް ހުންނަތާ ދުވަސް ވިޔަސް ކުނިކަހައި ސާފުކުރުން ފަދަ ކަންތައްކުރަން މީގެ ކުރިންވެސް އަހަރެން މިގެއަށް އައިސް އުޅުނީމެވެ. ދުވަހަކުވެސް މީހުން އެބުނާފަދަ ކަމެއް އަހަރެންނަކަށް ނުފެނެއެވެ. ވިއާމްއަށްވެސް އެކަހަލަ ކަމެއް ފެނިފައިނުވާއިރު ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ ވިއާމްއަށް މަހުން އާދެވޭއިރު ދަންވެފައި ހުންނަ ދުވަސްތަކު އަހަރެން މަސްތައް ކައްކާކަށް ނޫޅެމެވެ. ހުރިހާ މަހެއް ވިއާމް އަންނަނީ ސާފުކޮށްގެން ކަމުން ހަމަ އަންނަ ގޮތަށް އައިސް އެ އެއްޗެހި ފްރިޖްއަށް ލުމަށްފަހު ފެންވަރައިގެން ކައިގެން، ވިއާމް ނިދާނެއެވެ.

އަހަރެމެން އެގެއަށް ބަދަލުވިތާ ހަތަރުވަނައަށްވީ ދުވަހުގެ ރޭގަނޑުގެ ވަގުތެކެވެ. ވިއާމް މަހަސްގޮސްފައި ނާންނާތީ އަހަރެން އޮތީ ދަރިފުޅު ގޮވައިގެން ކޮޓަރީގައެވެ. ދަރިފުޅަށް ބުށްދިނުމަށްފަހު ކުޑަކޮށް ފެންވަރުވަލާފައި އެސޮރު ނިންދަވަން އަހަރެން އޮއްވާ އަހަރެންނަށްވެސް ނިދުނެވެ. މިހެން އޮއްވާ ކުއްލިއަކަށް އަހަރެންނަށް ހޭލެވުނީ ވަޔާއެކު ކޮންމެވެސް ދޮރެއް ވަރަށް ބާރަށް ޖެހުނު އަޑަށެވެ. ބޫން އަޑު ލައްވާފައި ކޮޓަރީގެ ކުޑަދޮރުތަކުގައި ވައިއެޅޭ އަޑުވެސް އޭރު އިވިއިވި ހުއްޓެވެ. ހީވާގޮތުން ވިއްސާރަވީއެވެ. ވިއްސާރައިރު ވިއާމް މަހަށް ދަންޏާ އަހަރެން ވަރަށް ހާސްވެ ކަންބޮޑުވެއެވެ. އޭރު ދޮރެއް ލެއްޕުނު އަޑަށް އަހަރެންގެ ކުޑަ ދަރިފުޅުވެސް ސިއްސައިގެން ގޮސް ދެލޯ ހުޅުވާލިއެވެ. އަހަރެން އެސޮރު ނަގައިގެން އުނގުމަތީގައި ބާއްވާލީމެވެ. ނާނާ ކިޔަމުން ދިޔައިރު އަހަރެންގެ ވިސްނުންހުރީ ކުރިން އިވުނު އެއަޑާމެދުގައެވެ. ގައިމުވެސް އަހަރެން އެއްވެސް ދޮރެއް ތަންޑު ނާޅުވައި ނުހުންނާނެއެވެ. ބޭރު ދޮރުގަވެސް ހުންނާނީ ތަޅުލާފައެވެ. ދެން ވަޔާއެކު އެހެން އެއްވެސް ދޮރެއް ޖެހިގެން ނުވާނެއެވެ.

ކުޑައިރުކޮޅެއްފަހުން ދަރިފުޅު އަނެއްކާވެސް ނިދާލިއެވެ. ގަޑިން ރޭގަނޑު ބާރަ ޖެހުމަކާ ގާތްވެއްޖެއެވެ. އަހަރެންނަށް ނުނިދިފައިއިނީ ވިއާމް އަންނާނެ އިރަކަށް އިންތިޒާރުކުރެވޭތީއެވެ. އެހެން އިންދާ ކުއްލިއަކަށް ބޭރުތެރެއިން ވައިބާރުވިކަމުގެ ހިލަމެއް ވެއްޖެއެވެ. ހަމަ އިސާހިތަކު ބޯކޮށް ވާރޭވެހެން ފެށިއެވެ. ފާއިތުވަމުންދިޔަ ކޮންމެ މިނެޓްއަކާއެކު އަހަރެންގެ ހިތަށް ދިޔައީ ބިރުވެރިކަން ވަންނަމުންނެވެ. ކޮޓަރިން ނުކުންނަން މިރޭ އަހަރެންނަށް ނުކެރިގެން މިއުޅޭ ސަބަބެއްވެސް ހަމަ ނޭނގުނެވެ. އަވަށްޓެރިންނާއި ރަށުގެ އެކި އެކި މީހުން ކިޔާފައިހުރި އެއްޗެހިތައް އެއްފަހަރަކާ ބޮލަށް ވަންނަން ފެށިއެވެ. މިހެން އިންދާ ގޭގެ މަގަށްވާގޮތަށް ހުންނަ ފޭރުގަހެއްގައި ހަރުކޮށްފައިހުރި ލައިޓް ނިވިފައި ދިއްލެން ފެށިކަން އަހަރެންނަށް ފާހަނގަވިއެވެ. އަހަރެމެންގެ ކޮޓަރި ހުންނަނީ މަގުގެ އެފަރާތަށެވެ. އަދި ކޮޓަރީގައި ހުންނަ ބިއްލޫރި ކުޑަދޮރޮތައް ފޮރުވަން ދަމާފައި ހުންނަ ތުނި ދޮރުފޮތިތަކުން އަހަރެންނަށް އެލައިޓްއަށް ވަމުންދާގޮތް ކޮންމެވެސް ވަރަކަށް ދިޔައީ ފެންނަމުންނެވެ. އަހަރެން އަހަރެންގެ ހިތަށް ވިސްނުވައިދިނީ ވާރޭވެހި ވިއްސާރަވީތީ ކަރަންޓުގައި މައްސަލައެއް އުޅެނީ ކަމަށެވެ. އެބޮތްކަށް އެކި ވަރު އަރަމުންގޮސް އެންމެ ފަހުން އެބޮކި އެއްކޮށް ނިވިއްޖެއެވެ. އަހަރެން ބިރުގަތީ އެހިސާބުންނެވެ. މިހާރު މަގުގައި އެއްވެސް އަލިކަމެއް ނުހުންނާނެކަން ގައިމެވެ. ވިއާމް އަވަހަށް އަންނާނެނަމައެވެ. މިހެން ހިތަށް އެރިކަމެއްވެސް ނޭނގެއެވެ. ގޭގެ މައިދޮރު ހުޅުވުނު އަޑު އަހަރެންނަށް އިވުނެވެ. ދެކަންފަތް ކޮޅަށް ޖެހިގެން ދިޔައީ އެއީ އަސްލުވެސް ވިއާމްބާއޭ ހިތަށް އެރި ވަރުންނެވެ.

އިރުކޮޅެއްފަހެވެ. ގެތެރެއަށްވަދެގެން އައީ ވިއާމްއެވެ. ގެނައި މަސްތައް ފްރިޖްއަށް ލުމަށްފަހު ކޮޓަރިއަށް އައިސް ވަތްއިރު އަހަރެން އިނީ އެނދުމަތީގައި ދެލޯ ބޮޑުކޮށްގެން ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"ބޭރު ލައިޓަށް ކިހިނެއްވީ؟" ވިއާމް ސުވާލުކޮށްލީ ހާސްވެފައިއިން އަހަރެންނާ ދިމާލަށް ބަލަމުންނެވެ.

އަހަރެން ވަރަށް ނޫންކަމަށް ހަދާފައި ފޯނު ނަގައިގެން ޤްރްއާން ޖެހުމަށްފަހު ދަރިފުޅު ކައިރީގައި ފޯނު ބާއްވަމުން ވިއާމްއާ ދިމާލަށް ބަލާލީމެވެ. އެއްވެސް ތަފާތުކަމެއް ވިއާމްގެ މޫނުމަތިން ނުފެނުމުން އަހަރެންނަށް ހިތްހަމަޖެހުގެ ނޭވާއެއް ލެވުނެވެ.

"ނޭނގޭ. ވިއްސާރަވެފައި ފާޑެއްގެ ގޮތެއްވެގެން އެގޮވީ ކަންނޭނގޭ" އަހަރެން އެނދުން ތެދުވަމުން ބުނެލީމެވެ.

"ވިއްސާރައޭ؟ ކޮން އިރަކުވި ވިއްސާރައެއް؟" ވިއާމް ހައިރާންކަމާއެކު އަހަރެންނަށް ބަލާލިއެވެ.

"ވިއްސާރައެއް ނުވޭތަ؟ އެކަމަކު ދެންމެ ވާރޭވެސް ވެހުނޭ"

"ނިދާފަދޯ އޮތީ؟ ނުވޭ ވިއްސާރައެއް. ވާރޭ ވެހޭނީ މޫސުންވެސް ބަނަވެގެންނު. މަމިއައިއިރުވެސް އެއްވެސް ވިއްސާރައެއްނޫން. ހިނގާބަ ކާން"

ވިއްސާރަނުވެޔޭ ވިޔާމް ބުންޏަސް އަހަރެން ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނުލާހިކު ބޯކޮށް ވާރޭވެހުނު އަޑު އަހަރެންނަށް އިވުނު ވިއްޔާއެވެ. ނަމަވެސް އެވަގުތު އެވާހަކަ ދައްކަން އަހަރެން ޖެހިލުންވެފައިހުރުމުން އަވަހަށްގޮސް ވިއާމްއާއެކު ކައިގެން ކޮޓަރިއަށްވަނީމެވެ. އެރޭ އަހަރެންނަށް ކިރިޔާވެސް ނިދުނީ ޤްރްއާން ޖަހާފައި ހުރުމުން ކަމަށްވެދާނެއެވެ.

އޭގެ އަނެއްދުވަހު އަހަރެން ފޭރުގަސް ކައިރީގައިހުރި ބޮކި ބަދަލުކުރަން އުޅުނު ވިއާމް ކައިރީގައި ކުރިންރޭ ވިހުރިހާ ކަމެއް ކިޔައިދިނީމެވެ. ނަމަވެސް ވިއާމް ގަބޫލެއް ނުކުރިއެވެ. ވިއާމް ހީކުރީ ރަށު އެހެން މީހުންގެ ބަހަށް އަހަރެންވެސް ހެއްލުނީ ކަމަށެވެ. ހަމަ އެދުވަހުގެ ރެއެވެ. އަހަރެނަށް އެރޭ ވަރަށް އަވަހަށް ނިދުނެވެ. ވިއާމްވެސް އެރޭގައި ގޭގައި އުޅޭތީ ކުރިން ރޭގައި ވިކަންތައް އަހަރެންގެ ހަނދާނުގައިވެސް ފަހުން ނެތެވެ. އަހަރެންނަށް ހޭލެވުނީ އޭގެ އަނެއްދުވަހު ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ވަގުތުން ފުންމައިގެން ތެދުވެވުނު އިރު ވިއާމް އިނީ ދަރިފުޅު އަތަށް ލައިގެން ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

"ކިހިނެއްވީ؟" އަހަރެން މޫނު ކުނިކޮށްލަމުން ވިއާމްއާ ދިމާލަށް ބަލާލީމެވެ.

"ކަމެއްނުވޭ. ދޭ ނަމާދުކުރަން" ވަރަށް ފާޑަކަށްހުރެ ވިއާމް އެހެން ބުނުމުން އަހަރެންނަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފަތިސް ނަމާދުކޮށްގެން އަހަރެން ދަރިފުޅުގެ ނެޕީ ބަދަލުކޮށްގެން އައި ގަޑީގައި ވިއާމް އަހަރެން އޭނަ ކައިރިއަށް ގެންގޮސް ދައްކަން ފެށިވާހަކަ އަކުން އަހަރެން އަނެއްކާވެސް ބިރުގަންނަންފެށިއެވެ.

"ރޭގައި ކިހިނެއްވެފަތަ އޮތީ ސަރާ؟ މަ ގޮވާ ގޮވާ ހަމަ ހިތަކަށްވެސް ނޭރި ހޭލާކަށް. އެސޮރުވެސް ހާދަ ބާރަކަށޭ ރުއީ؟"

"އޭނ. މަ އެހާ ނިދި ގަދަ ނޫންކަން ވިއާމްއަށްދޯ އިނގޭނީވެސް"

"ދެން އަދި އިނގޭތަ. މަށަށް ހޭލެވުނީ މިސޮރު ދެއަތާއި ދެފައި މައްޗަށް ނަގައިގެން އޮވެ ހޭއަޑަށް. މަގޭ މެޔަށްވި ގޮތެއްވެސް ނޭނގޭ ބުނާކަށް. މަ އެއޮތްގޮތަށް އޮވެ ބެލިއިރު ހީވަނީ މަތީގައި މީނައާ ސަކަރާތްޖަހަން މީހަކު ހުރިހެން. މަ ސީލިންގް އަށް ބެލިއިރަކު ނެތް ދެން އެއްވެސް ކަމެއް ފެންނާކަށް. މަ ހަމަ ހޭލާއިރަށް މީނަ ދެން ރޯން ފެށިގޮތަށް ހުއްޓާލީ ފަތިސް ނަމާދު ބަންގީގެ އަޑަށް" ވިއާމް އެހާ ފާޑަކަށް އިން ސަބަބު އަހަރެންނަށް ކިޔައިދިނެވެ.

"ދެންވެސް ބުނޭ ސަރާއަށް މިއުޅޭ މީހުން ކިޔާ އެއްޗެހި ޤަބޫލުކުރެވެނީޔޭ"

އަހަރެން ރުޅި އަންނަ ކަމަށް ހަދާލަމުން ވިއާމްއާ ވާހަކަ ދެއްކިއަސް އަހަރެންނަށްވެސް އެއީ ވިއާމް ހަދަހަދައިގެން ދެއްކި ވާހަކަތަކެއް ނޫންކަން އެނގުނެވެ.

ވިއާމް މަހަށް ނުގޮސް ހަފްތާއެއްވަންދެން ގޭގައި މަޑުކުރަން ބޭނުންވީ އަހަރެންނާއި ދަރިފުޅު އެކަނި ނުކުރަން ވެގެން ކަމަށް ބުންޏެވެ. އަހަރެންނަށް ވިއްސާރަވިހެން ހީވި ރޭގައި އަނދައިގެން ދިޔަ ބޮކި މިހާރު ކޮންމެ ރެއަކުވެސް އެބަ އަނދައެވެ. ހަމަ އެތާނގަ އާ ބޮތްކެއް ހަރުކޮށް އެހިސާބަށް އަލިކުރެވޭނެ ގޮތެއް އަހަރެމެންނަކަށް ނުވިއެވެ.

ޖެހިގެން އައިދުވަހުގެ ރެއެވެ. އަހަރެންނާއި ވިއާމް ކައިގެން ކޮޓަރިއަށްވަނީ އެހެން ރޭތަކާ ޚިލާފަށް ތަންކޮޅެއް ލަސްވި ފަހުންނެވެ. ކޮޓަރިއަށްވަދެ ދެމީހުންވެސް ޓީވީ ހުޅުވާލުމަށްފަހު އެއަށް ބަލަހައްޓައިގެން ތިއްބާ ދަރިފުޅު ހޭލައިގެން ރޯން ފެށިއެވެ. އަހަރެން އޭނަ މަސަލަސް ކުރަން ވެގެން ބުށްދޭން ފެށިތަނާ ކޮޓަރި ކުޑަދޮރުގެ ކައިރިން އަހަރެންނަށް ވިއާމް ފެންނަން ފެށިއެވެ. ސުބުޙާނަﷲއެވެ. އެކަމަކު ވިއާމް މިއޮތީ އަހަރެންގެ ކައިރީގައި އަހަރެންގެ ފައިގައި ބޯ ބާއްވައިގެން ޓީވީ ބަލާށެވެ. އަހަރެންނާ ދިމާލަށް ކުޑަދޮރު ކައިރިން ފެންނަން ހުރި ވިއާމް ބަލަހައްޓައިގެން ހުއްޓެވެ. މުޅި ފައިން ފެށިގެން ބޮލާ ހަމައަށް ހީބިހި ނަގައިގެން ދިޔައީ މިވަނީ ކޮންފަދަ ކަންތައްގަނޑެއްބާއޭ ހިތަށް އަރާފައެވެ. ދޮރުފޮތިތައް ކައިރީގައި ކޮޅަށް ހުއްޓިގެން ހުރި ވިއާމްއާ ދިމާލަށް ނޫނީ އަހަރެންނަށް ނުވެސް ބެލެއެވެ. ބޯ އަނބުރާލަން މަސައްކަތްކުރީމެވެ. ފައިމަތިގައި އޮތް ވިއާމް އަށް ގޮވަން އުޅުނީމެވެ. އޭނަ ގައިގަ ކޮށްޓާލަން އުޅުނީމެވެ. ނަމަވެސް އެއްވެސް ކަމެއް ނުވިއެވެ. ބިރުންގޮސް ލޮލުން ކަރުނައައީ ކުރިމަތީގައި ހުރީ ފިރިމީހާ ނޫންކަން އެނގޭތީއެވެ. ފަނަރަވަރަކަށް ސިކުންތުފަހުން އަހަރެންގެ ދަރިފުޅު ބުށްބުއިން ހުއްޓާލާފައި ކަރުން އަޑު ނަގައި ރޯން ފެށިއެވެ. ދެން އަހަރެންނަށް ހަރަކާތްކޮށްލެވުނެވެ. ދަރިފުޅަށް ބަލާފައި ކުރިމައްޗަށް ބެލިއިރު އެތާކު އެއްވެސް މީހެއްނެތެވެ. ވިއާމް އަހަރެންގެ ކައިރިން ތެދުވެލާފައި ފާޚާނަ ދޮރާ ދިމާލަށް ބަލަން ފެށުމުން އަހަރެންގެ މެއަށް ފިނިވެގެން ދިޔައީ ވިއާމްއަށް އަނެއްކާ ފެނުނީ ކޯއްޗެއްބާއޭ ހިތަށް އަރާފައެވެ. އަހަރެމެން ދެމީހުން ސިއްސައިގެން ދިޔައީ ކައިރިއަށް ބިއްލޫރި ތަށިތަކެއް ވައްޓައި ތަޅާލިފަދަ އަޑެއް އިވުމުންނެވެ.

އަހަރެމެންނަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ނިދަން ލާނެ ހެދުމަކާއި ދަރިފުޅަށް ކޮންމެހެންވެސް ބޭނުންވާނެ ސާމާނުތައް ނަގައިގެން ދަބަހަކަށް އަޅާލައިގެން ހަމަ ވަގުތުން ވަގުތަށް އެގެއިން ނުކުމެގެން ވިއާމްގެ މަންމަގެ ގެއަށް އަހަރެމެން އެރޭ ދިޔައީމެވެ. ވިއާމް ބުނީ އަހަރެން ދަރިފުޅަށް ބުށްދޭން އުޅުނުގަޑީގައި އަހަރެންގެފައި މަތީގައި ބޯ ބާއްވައިގެން ފާޚާނަ ދޮރާ ދިމާލަށް ބެލުނީ އެތާ މީހަކު ހުރިހެން ވިއާމްއަށް ހީވެގެންނެވެ. ބެލިއިރު ވިއާމްއާ ދިމާލަށް ބަލަހައްޓައިގެން ހުރީ އަހަރެންގެ ސިފަޖެހިގެން ހުރި އެއްޗެއްކަމަށާއި އަހަރެންގެ ފައިގައި ކޮށްޓަން އުޅުމުންވެސް އެކަމެއްނުވި ކަމަށާއި، ބަހެއްވެސް ނުބުނެވުނު ކަމަށެވެ. އަހަރެންވެސް އަހަރެންނަށް ފެނުނު ކަންތައް ވިއާމްއަށް ކިޔައިދިނީމެވެ. އަހަރެމެންނަށް ވިސްނުނުގޮތުން އަހަރެމެންނަށް އެކަކު އަނެކަކުގެ ސިފައިގައި އެހެން އެއްޗެއް ފެނުނީވެސް އެއްވަގުތެއްގައެވެ.

ކުރިންވެސް ރަށުގެ މީހުން ދެއްކިވާހަކަތައް އަހަރެމެންނަށް ޤަބޫލުކުރެވުނު ނަމައެވެ. އަހަރެމެންގެ ކުޑަ ދަރިފުޅާއި އަހަރެމެން ދެމަފިރިން ސަލާމަތްމިވީ ކިހާ ހަނި ދޭތެރެއަކުން ކަމެއް ބުނާކަށްވެސް އަހަރެންނަށް ނޭނގެއެވެ. އިނގޭހާވެސް ކަމަކީ އެތަށް ދުވަހެއްފަހުން ބޭބެގެ ގެއަށް ދިޔައިރު އެގެ ވެރިކޮށްގެން އިންސާނުން ނޫން އެހެން ބަޔަކު އޭރުވެސް އުޅޭކަމެވެ. އެގެއަށް އަހަރެމެން ބަދަލުވުމުން ބިރުދައްކައިގެންވެސް އަހަރެމެން އެގެއިން ނެރެލައިފިކަމެވެ. އަހަރެން އޭގެ ފަހުން ދުވަހަކުވެސް އެގެއަކަށް ނުދަމެވެ. ވިއާމްވެސް ނުދެއެވެ. އެހެންކަމުން އޭރުއްސުރެން އެގެ އެހުންނަނީ ހަމަ އެގޮތަށް ފަޅަށެވެ.

ނިމުނީ