އިނގިރޭސިވިލާތުގެ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ޖޯން ލޭ ކާރޭ އުމުރުން 89 އަހަރުގައި މަރުވެއްޖެ އެވެ.

ފިނި ހަނގުރާމައިގައި ލޭ ކާރޭ ލިއުނު "ޓިންކާ ޓެއިލާ ސޮލްޖާ ސްޕައި" އާއި "ދަ ސްޕައި ހޫ ކޭމް އިން ފްރޮމް ދަ ކޮލްޑް" އަދި "ދަ ނައިޓް މެނޭޖާ"، މި ތިން ފޮތަކީ ލޭ ކާރޭ ލިއުނު ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފޮތްތަކެވެ. އަދި މި ފޮތްތަކުގެ ސަބަބުން އޭނާ ވަނީ މުޅި ދުނިޔެއަށް މަޝްހޫރު ވެފަ އެވެ.

ލޭ ކާރޭ މަރުވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އާއިލާއިން ބުނީ ލޭ ކާރޭ މަރުވީ ނިއުމޯނިޔާ ޖެހިގެން ރޯޔަލް ކޯންވޯލް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ގެންދަނިކޮށް ކަމަށެވެ.

ލޭ ކާރޭގެ އެންމެ ދުވަސްވީ އެކުވެރިޔާ އަދި އޭނާގެ އެޖެންޓު ޖޯނީ ގެލާ ބުނީ ލޭ ކާރޭ އަކީ އިނގިރޭސި ލިއުންތެރިކަމަށް ޝައްކެއް ނުވާ މިންވަރަށް މޮޅު މީހެއް ކަމަށެވެ. ލޭ ކާރޭ ވަނީ ފިނި ހަނގުރާމައިގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް އެއްވެސް އުނިއިތުރެއް ނުގެނެސް ގެނެސްދީފައި ކަމަށް ޖޯނީ ގެލާ ބުނެފައި ވެއެވެ.

ފޮޓޯ: ޕިކްޗާ ލައިބްރަރީ

"އަހަންނަށް ވަނީ ތަޖުރިބާ ހުރި އިރުޝާދުދޭ މީހެއް ގެއްލިފައި، ހިތްވަރުދޭ އަދި އެންމެ މުހިންމު އެކުވެރިއެއް. އޭނާ އާއި އެވަރުގެ މީހެއް ދެނެއް ނުފެންނާނެ" ޖޯނީ ގެލާ ބުނެފައި ވެއެވެ.

ލޭ ކާރޭގެ މަރާއި ގުޅިގެން މަޝްހޫރު އެތައް ލިއުންތެރިންނެއް ދަނީ އޭނާއަށް ތައުޒިޔާގެ މެސެޖު ފޮނުވަމުންނެވެ. އެގޮތުން ސްޓެފެން ކިންގްގެ ތައުޒިޔާގެ މެސެޖުގައި ބުނީ މި އަހަރު ވެގެންދިޔައީ ލިއުންތެރިންނާއި އިންސާނިއްޔަތައް މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ދެރައެއް ކަމަށެވެ. ރޮބާޓް ހެރިސް ބުނީ މި ހަބަރަކީ އޭނާއަށް ވަރަށް ކަންބޮޑުވުން ކުރިމަތިކުރުވި ކަމަކަށް ވި ކަމަށެވެ.

1931 ވަނަ އަހަރު އުފަންވި ޑޭވިޑް ކޯންވެލް، ފަހުން އޭނާގެ ނަން ލޭ ކާރޭގެ ނަމަށް ބަދަލުކުރެވުނު އިރު އޭނާ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ސީކްރެޓް ސާވިސް ގައި އެވެ. އޭނާ އަކީ އެތައް ބަޔަކު ގަދަރު ކުރާ އަދި ސަރުކާރުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ.