ބޮލީވުޑުގެ ބްލޮކްބަސްޓާ ފިލުމުތަކުގެ ތެރެއޮން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލުމްގެ ތެރޭގައި ހިމެނޭ 2001 ވަނަ އަހަރު ރިލީޒް ކުރެވުނު ކަރަން ޖޯހަރުގެ ކަބީ ހުޝީ ކަބީ ޣަމް އެޅުވުނުތާ މިއަޑަށް 19 އަހަރު ފުރުނީއެވެ.

ކަރަންގެ މި ފިލުމަށް 19 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިންސްޓަގުރާމުގައި ކަރަން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިއަދާ ހަމައަށް ވެސް ފިލުމަށް ދިން ސަޕޯޓާއި ލޯތްބަށް ސަޕޯޓަރުންނަށް ޝުކުރު އަދާ ކޮށްފައެވެ.

ފިލުމުގެ ބައެއް ސީންތަކުން ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ މި ފިލުމަށް މިއަދަށް 19 އަހަރު ފުރުނު ކަމަށާއި މި ފިލުމަށް ދިން ލޯތްބާއި ސަޕޯޓަށް ޝުކުރުވެރިވާ ކަމަށާއި މި ފިލުމަކީ އަބަދުވެސް އޭނާގެ ކެރިއަރގައި އެންމެ ހާއްސަ އެއް ފިލުމަށް ވާނެ ކަމަށާއި އަދި 19 އަހަރުގެ ތެރޭގައި މި ފިލުމަށް ހަދާފައިވާ މީމްސްތަކާއި ހަނދާންތަކަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކޮށްފައިވާ އާއިލީ ލޯބި ދައްކުވައިދޭ މި ފިލުމުން ފެނިގެން ގޮސްފައިވަނީ އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ޝާހުރުކް ޚާން، ކާޖޮލް، ރިތިކް ރޯޝަން އަދި ކަރީނާ ކަޕޫރު ޚާން، އަދި ހާއްސަ ފެނިލުމަކުން ރާނީ މުކަރުޖީއެވެ.

މި ފިލުމަކީ މިއަދު ވެސް ގިނަ ބަޔަކަށް އެންމެ ކަމުދާ އަދި މިހާރު ވެސް ފޫހިކަމެއް ނެތި ބަލަމުންދާ ފިލުމެކެވެ. މި ފިލުމުގެ ލަވަތަކަކީ މިހާރު ވެސް ބައެއް ފިލުމުތަކާއި އަދި އިންޑިޔާގެ ބައެއް ބޮޑެތި ފެސްޓިވަލްތަކުގައި ބޭނުންކުރާ އަޑު އަހައިލަން ފަސޭހަ ރީތި ލަވަތަކެކެވެ.