ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަޤްބޫލް ސާރޗް އިންޖިން ކަމަށްވާ ގޫގަލްއިން 17 އަހަރުގެ ކުއްޖަކަށް 36،000 ޑޮލަރު ދީފިއެވެ.

ގޫގަލްއިން މިފަދަ ބޮޑު އިނާމެއް ދީފައިވަނީ އުުރުގުއާންއަށް އުފަން އެޒީގަލް ޕެރިއަރ އަށެވެ. މިކުއްޖާއަށް ގޫގަލްއިން މިފަދަ އިނާމެއް ދީފައިވަނީ ގޫގަލްގެ ކްރިޓިކަލް ސެކުއިރިޓީ ހޯލްއެއް ހޯދައިދިނުމުންނެވެ. މިހޯލް ރަނގަޅު ނުކޮށް ހުރެއްޖެނަމަ މިހޯލްގެ ޒަރިއްޔާއިން ގޫގަލްގެ އިންޓަރނަލް ސާރވަރތަކާ ހަމައަށް ބާރުފޯރުވޭނެ ކަމަށް ގޫގަލްއިން ބުނެއެވެ.

އެޒީގަލްއަކީ އުމުރުން 10 އަހަރުގައި ފުރަތަމަ ފަހަރަށް ކޮންޕިއުޓަރެއް ލިބުނީއްސުރެ ކޯޑިންގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުއްޖެކެވެ. އަމިއްލައަށް ގިނަ ޕޮރޮގްރާމިން ލޭންގްއޭޖްތަކެއް މީނާ ދަސްކޮށްފައިވާއިރު ކެލިފޯނިއާގަރ ހުންނަ ގޫގަލް ހެޓްކުއާޓަރއަށް 2016 ވަނަ އަހަރު މީނާ ވަނީ ގޮސްފައެވެ.

މިއީ މިގޮތަށް އެޒީގަލްއަށް ގޫގަލްއިން އިނާމް ދިން ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން އެޒީގަލް ވަނީ ގޫގަލްގައި ހިމެނޭ ދެ ބަގްއެއް ހޯދާފައެވެ. އެދެފަހަރުވެސް ގޫގަލްއިންވަނީ އެޒީގަލް އަށް 1،000 ޑޮލަރުގެ ނަގުދު ފައިސާ ދީފައެވެ.