ސުޝާންތު ސިންގު ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި ބޮލީވުޑުގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާ ވެސް އަރުޖުން ރާމްޕަލް އެންސީބީއަށް ހާޟިރުވާން އަންގައިފިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އަރުޖުންގެ ގެ ބަލައި ފާސް ކުރުމަށް ފަހު އަރުޖުންއާއި އޭނާގެ ލޯބިވެރިޔާ ގެބްރިއެއްލާ ވަނީ އެންސީބީއަށް ހާޟިރު ކުރުވާ ހަތްގަޑިއިރު ވަންދެން ސުވާލު ކޮށްފައެވެ. އަނެއްކާ ވެސް އަރުޖުން އެންސީބީއަށް ހާޟިރުވުމަށް މިވަނީ އަންގާފައެވެ.

އޭޝިއަން ނިއުސް އިންޓަނެޝަނަލް (އޭއެންއައި)އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މުމްބާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ޑިސެމްބަރ 16 ވަނަ ދުވަހު އަރުޖުން ރާމްޕަލް ހާަޟިރުވުމަށް އަންގާފައިވާ ކަމަށެވެ.

އަރުޖުން ރާމްޕަލްގެ އިތުރުން ވެސް ޑުރަގު މައްސަލައާއި ގުޅލިގެން އިންޑަސްޓްރީގެ އެތައް ފަންނާނުންނެއް ވަނީ އެންސީބީއަށް ހާޟިރުކުރުވާ ސުވާލުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުގެ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަރުޖުން، ރާމްޕަލް، ދީޕިކާ ޕަޑުކޯން، ޝްރަދާ ކަޕޫރު، އަދި ސާރާ އަލީ ޚާންގެ ފޯނު ވެސް ވަނީ ގާންދީނަގަރުގެ ޑައިރެކްޓަރޭޓް އޮފް ފޮރެންސިކް ސައިންސްއިން (ޑީއެފްއެސް)އިން ބަލައި ޗެކްކޮށް، ޑާޓާތައް ރިކަވާ ކޮށްފައި ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ މުމްބާއީ މިރާގައިވެއެވެ.

ޑީއެފްއެސްއިން ވަނީ 30 މޯބައިލް ފޯނެއްގެ ޑާޓާ ރިކަވާކޮށް އެންސީބީއަށް ފޮނުވާފައި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ބޮލީވުޑުގައި ޑްުރަގުގެ މައްސަލަ ފެންމަތިވެފައިވަނީ ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީގެ ފޯނުން ފެނުނު މެސެޖުތަކަކުންނެވެ.

ޑުރަގުގެ މައްސަލަތަކުގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އަރުޖުން ވަނީ މައުލޫމާތު ދީފައެވެ.