ވޮން ޝޯވާޒް އާއި އޭނާގެ އަނބިމީހާ ޕިއާ އެންޖެލާ ވަރަށް އުއްމީދާއި އެކު ދިރިއުޅުން ބިނާ ކުރަން ގަތް ގެއަކީ "ޖިންނި ދިރިއުޅޭ ގެއެއް" ކަމަށް ބުނެ އެންމެ ފަހުން އެގެ ވިއްކި މީހުންގެ އަތުން ބަދަލު ހޯދަން ކޯޓުގައި ދައުވާ ކޮށްފިއެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނަ މިގެއަކީ "މަރުގެ ގެ" ނަމުން މަޝްހޫރު ވެފައިވާ ގެއެކެވެ. އެއީ އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް "އެމެރިކަން ހޮރާ ސްޓޯރީ" ގެ ފުރަތަމަ ސީޒަން ވެސް ކުޅުނު ގެއެވެ. މިގޭގައި މީގެ ކުރިން އާދަޔާއި ހިލާފު ގޮތްގޮތައް މީހުން މަރުވެފައިވާ ކަމަށް ވެއެވެ. ނަމަވެސް ވޮން އާއި އެންޖެލާ ބުނާ ގޮތުގައި އެފަދަ އެއްވެސް މައުލޫމާތެއް ގެ ވިއްކި މީހުން އެދެމަފިރިންނަށް ދީފައެއް ނުވެއެވެ.

ވޮން އާއި އެންޖެލާ މިގެ ގަތީ 2015 ވަނަ އަހަރު 3.2 މިލިއަން އެމެރިކާ ޑޮލަރަށެވެ. ވޮން އާއި އެންޖެލާ ބުނާ ގޮތުގައި ގެ ވިއްކި މީހުން ވަނީ އެދެމަފިރިންނަށް މަކަރު ހަދާ އޮޅުވާލާފައެވެ. އެކަމުގެ ސަބަބުން ދެމަފިރިން އެތައް ދުވަހެއް ވަންދެން އެއްކޮށްފައިވާ ހުރިހާ ފައިސާއެއް ގެއްލި ދިރިއުޅޭނެ ރަނގަޅު ތަނެއް ވެސް ނުލިބިފައިވާ ކަމަށް ދެމަފިރިން ބުނެއެވެ.

ދެމަފިރިން ދައުވާ ކޮށްފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަ މިލިއަން ޑޮލަރު ހޯދާށެވެ.

މިއީ 1902 ވަނަ އަހަރު އިމާރާތް ކޮށްފައިވާ ގެއެކެވެ. "އެމެރިކަން ހޮރާ ސްޓޯރީ" ގެ އިތުރުން ވެސް ވަރަށް ގިނަ ތަފާތު ފިލްމްތަކާއި ސީރީޒްތައް މިގޭގައި ކުޅެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު