ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ އެތައް ފަރާތްތަކެއް އެބަތިއްބެވެ. ކެއުމުގެ ސަބަބުން ބަރުދަން އިތުރުވެފައިވާ ފަރާތްތަކާއި ބައްޔެއްގެ ސަބަބުން ބަރުދަން ލުއިކުރުމަށް އުނދަގޫވެފައިވާ އެތައް ފަރާތްތައް ތިބި އިރު ގިނަ ފަރާތްތަކަށް ބަރުދަން ލުއިކުރުމަށް އެންމެ އެދެވޭ މަސައްކަތެއްވެސް ކުރެވޭ ތަނެއް ނާދެއެވެ. ވަޒީފާގެ ގޮތުންނާއި އެހެނިހެން ސަބަބުތަކާއި ހެދި ކަސްރަތުކުރުމަށް ވަގުތު ނުދެވޭ އެތައް ފަރާތްތަކެއް ތިބި އިރު ބަރުދަން ލުއި ކުރުމުގައި އެމީހަކު ކާ ކެއުމަށް ބަދަލުތަކެއް ގެނެސްގެން ހަށިގަނޑަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ އެތަކެއް ފަރާތެއްވެސް އެބަ ތިއްބެވެ.

މި ހިމަނާލަކީ ބަރުދަން ލުއި ކުރުމަށް ކެއުމުގައި ހިމަނާލެވިދާނެ ބައެއް ކާއެއްޗެހީގެ މަޢުލޫމާތެވެ.
ބިހާއި ސްޕިނެޗް

ބިހާއި ސްޕިނެޗް އަކީ އަތްފޯރާފަށުގައި ރާއްޖެއިން ވެސް ލިބޭ އަދި އެއްޗެއްސެވެ. ބިހަކީ އޭގައި ގިނަ ޢަދަދަކަށް ޕްރޮޓީން ހިމެނޭ އެއްޗެކެވެ. އަވަހަށް ބަރުދަން ލުއިކުރުމަށް އެހީވެދޭ ބިހާއި އެކު ސްޕިނެޗް އެކުލެޗޭ ބިސްގަނޑެއް ކެއުމުގައި ބޭނުންކޮށްލުމުން ހަށިގަނޑުން ހެޔޮ ބަދަލުތަކެއް ފެނިގެން ދާނެ އެވެ.

އޯޓްސް އަައި ފޮނިތޮށި

އޯޓްސް އާއި ފޮނިތޮށި ހިމަނައިގެން ހެނދުނުގެ ރަނގަޅު ނާސްތާއެއް ތައްޔާރުކޮށްލެވޭނެ އެވެ. މި ކެއުމުގައި ގިނަ ޢަދަދަކަށް ފައިވާ ހިމެނޭއިރު އެއް ކެއުމުން ގިނަ ޢަދަދެއްގެ ފައިދާ ލިބިގެން ދާނެ އެވެ. ފޮނިތޮއްޓަކީ އޭގައި ގިނަ ޢަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ. މިއިން ލޭގައި ހަކުރު ހުންނަ މިންވަރު އެއްމިނެއްގައި ހިފަހައްޓަދީ އިންސުލިންގެ ކަންކަން ރަނގަޅުކޮށްދެއެވެ.

އާފަލާއި ޕީނަޓް

އާފަލަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ކޮށްދޭ މޭވާއެކެވެ. އާފަލު ޖޫހާއި ކެއުމުގެ ފަހުން ފޮނި ކާއެއްޗެއްގެ ގޮތުގައި ވެސް އާފަލު ބޭނުންކުރާއިރު ފޮނި ކާއެއްޗެސް ތައްޔާރުކުރުމުގައި ވެސް އާފަލު ބޭނުން ކުރެއެވެ. އާފަލާއި ޕީނަޓަކީ ބަރުދަން ލުއި ކުރުމުގައި ވަރަށް ބޭނުންތެރި ދެ ބާވަތެވެ. ޕީނަޓުގައި ހިމެނޭ ބާއްވަތްތަކުގެ ސަބަބުން ކާއެއްޗެސް ހަޖަމް ކުރުމަށް ފަސޭހަވެދެ އެވެ.

ފެހި ފަތްތަކާއި އޮލިވް އޮއިލް

ފެހިފަތުގެ ސެލެޓް އަކީ ކެއުމުގައި ކޮންމެހެންވެސް ބޭނުންކުރަންޖެހޭ ބާވްތެކެވެ. ފެހިފަތުގެ ސެލެޑުގެ ތެރެއަށް އޮލިވް އޮއިލް އަޅައިގެން ކެއުމުން ސިއްހަތަށް އެތައް ފައިދާއެއް ވާއިރު އޭގެ ސަބަބުން ބަނޑުހައި ވުމުންވެސް ދުރުކޮށްދެ އެވެ. އަދި އޮލިވް އޮއިލްގެ ސަބަބުން ސެލެޑުގައި ހުންނަ ނިއުޓްރިއެންޓްސް ވެސް ދަމައިގަންނަން ފަސޭހަ ވެއެވެ.

ގްރީން ޓީ އާއި ލުނބޯ

ގްރީން ޓީ އަކީ ބަރުދަން ލުއި ކުރުމަށާއި ބަނޑު ހަމަޖައްސާލަން ބޭނުން ކުރާ އެންމެ ރަނގަޅު އެއް ބުއިމެވެ. ގްރީން ޓީ އަކީ ކެލޮރީ އޭގައި އެކުލެވޭ މިންވަރު ދަށް އެންޓި އޮކްސިޑެންޓް އޭގައި ހުންނަ މިންވަރު އިތުރު ބުއިމެކެވެ. މީގެ ސަބަބުން ސަރުބީ ވިރުވާ މިންވަރު އަވަސްވެއެވެ. ދުވާލެއްގެ މައްޗަށް 2 ނުވަތަ 3 ތަށި ގްރީން ޓީ ބުއިމުން ހަފްތާއެއް ތެރޭގައި ގަށިގަނޑަށް ބޮޑު ބަދަލެއް އަންނަކަން ފެންނާނެ އެވެ. އަދި ގްރީން ޓީ އަށް އިތުރު ފުރިހަމަކަމެއް ގެންނާނީ އޭގެ ތެރެއަށް ލުނބޯ އެޅުމުންނެވެ. ލުނބޯގައި އެކުލެވޭ ވިޓަމިން ސީ އަކީ ގްރީން ޓީ ގައި ހިމެނޭ ނިއުޓްރިއެންޓްސް އެއްކުރުމަށް އަވަސްކޮށްދޭ އެއްޗެކެވެ.