އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިއުންތެރިޔާ އެޑް ޝީރަން ފާއިތުވި 2019 ވަނަ އަހަރު ލަވަކިއުމުން ދުވަސްކޮޅަކަށް ދުރަށް ދިޔަ ނަމަވެސް އެ އަހަރު އެކަނިވެސް 70 މިލިއަން ޕައުންޑުގެ ޢާމްދަނީއެއް ހޯދައިފި އެވެ. 29 އަހަރުގެ އެޑް ޝީރަން ވަނީ ފާއިތުވި އަހަރު ކޮންމެ ދުވަހެއްގައި 200،000 ޕައުންޑު ޢާމްދަނީއެއްގެ ގޮތުގައި ހޯދައިފި އެވެ. ފާއިތުވި އަހަރު އެޑް އަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފަ އެވެ.

އެޑް ގެ ކުންފުނި ނަތާން ކޭބަލް ޓުއަރިން އާއި ހަވާލަދީ ބޭރުގެ ނޫސްތަކުން މަޢުލޫމާތު ދޭގޮތުގައި އެޑް އަށް 2019 ވަނަ އަހަރު 70 މިލިއަން ޕައުންޑު ލިބުނު އިރު އޭގެ ތެރެއިން 37 މިލިއަން ޕައުންޑު ފައިދާގެ ގޮތުގައި އޭނާއަށް ލިބިފައި ވެއެވެ. އެޑް ޝީރަން ލިމިޓެޑް އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ލަވަ ލިޔެ، ރިކޯޑުކޮށް، އޭނާގެ ލަވަތައް ޕްރޮޑިއުސް ކޮށްގެން ވަނީ ފާއިތުވި އަހަރު 29 މިލިއަން ޕައުންޑު ލިބިފަ އެވެ.

އެޑް ޑިވައިޑް ޓުއާރ ގައި 255 ޝޯރ ހުށައްޅާފައިވާއިރު އެ ޝޯ ހިމެނިފައި ވަނީ އެންމެ ކާމިޔާބު މިއުޒިކް ޝޯގެ ގޮތުގައި އެވެ. އެގޮތުން އެ ޓުއާ ގައި މުޅިއެކު 607 މިލިއަން ޕައުންޑު ލިބިފައި ވެއެވެ. އެޑް ގެ މިލްކިއްޔާތުގައި މިހާރުވެސް 200 މިލިއަން ޕައުންޑު ހުރިއިރު އޭނާ ވަނީ ދާދިފަހުންވެސް އާ އަލްބަމެއް ނެރެން ތައްޔާރުވެފައިވާކަމަށް ބުނެފަ އެވެ. އަފްޓާގްލޯ ގެ ނަމުގައި ނެރޭ އެ އަލްބަމުގެ އެއް ލަވަ އެޑް ގެ އިންސްޓަގްރާމުގައިވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

ލޯބީގެ އެތައް ލަވައެއް އަޑުއެހުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ އެޑް އަކީ އެ ދާއިރާއިގައި ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ލަވައިގެ ދުނިޔޭގެ ކުރިއަރާފައިވާ އެޑް އަށް މިހާތަނަށް އެތައް އެވޯޑެއްވެސް ލިބިފައިވާއިރު އޭނާގެ ލަވަ އަލްބަމްތައްވެސް ވަނީ މިލިއަނުން މައްޗަށް ވިކިފައެވެ. ލަވަކިއުމުގެ ދާއިރާގެ އިތުރުން ލަވަ ލިއުމާއި، ޕްރޮޑިއުސް ކުރުމާއި އެކްޓު ކުރުމުގެ ދާއިރާގައިވެސް އެޑް މަސައްކަތް ކުރެއެވެ.

އެޑް ކައިވެންޏެއް ކޮށްފައި ވަނީ 2019 ވަނަ އަހަރުގައި އެވެ. އެ ކައިވެންޏަަށް އަންހެން ކުއްޖަކުވެސް ލިބިފައިވާއިރު އޭގެ ފަހުން އޭނާ ވަނީ ލަވަކިއުމުގެ ދާއިރާއިން ކުޑަ ދުވަސްކޮޅަކަށް ދުރަށްވެސް ގޮސްފަ އެވެ. އަދި މިހާރު އޭނާ އެނބުރި އެ ދާއިރާއަށް ގޮސްފައިވާއިރު އޭނާ އަށް ސަޕޯޓު ދުވަހުން ދުވަހަށް އިރުތު ވަމުން އަންނަ ކަންވެސް ފާހަގަ ކޮށްލަމެވެ.