ހުކުރު ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. އެހެންކަމުން ހުކުރު ދުވަހު ގޭގެ ސުފުރާމަތިން ވެސް އެތަފާތު ފެނެއެވެ. ތިރީގައި މިވަނީ ހުކުރު ދުވަހާއި އަދި އެނޫން ދުވަސްތަކުގައި ވެސް ދިވެހިންގެ މެދުގައި މަގުބޫލް ކުކުޅު ބިރިޔާނި ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

• 1 ކުކުޅު (1400ގ) ބޮޑެތިކޮށް ކޮށާފައި ބައިސަމުސާ އަސޭމިރުސް އަދި ލޮނުކޮޅަކާ އެއްކޮށް ލާފަ ބަހައްޓާ
• 10 ކުކުޅުބިސް (ފެނުކައްކާ މެދުން ފަޅާފައި)
• 3 ޖޯޑު ހަނޑޫ ( ދޮވެފަ ހަލަންޏަށް އަޅާފައި)
• 70ގ ކަޖޫނަޓް (ދެފަޅި ކޮށްފަ ތެލުލާފައި)
• 50ގ ހިކިމޭބިސް ކަދުރު (ތެލުލާފައި)
• 3 ބޮޑުފިޔާ (އަރިމަތިން ތުނިކޮށް ކޮށާ ތެލުލާފައި)
• 3 ބޮޑު ފިޔާ (އަރިމަތިން ތުނިކޮށް ކޮށާފައި، )
• 3 މޭޒުމަތީ ސަމުސާ ހަވާދު (ފުއްލާ ޖެހި ރިނދޫ ދަޅު، އެހެން ވައްތަރެއްވެސް ބޭނުން ކުރެވިދާނެ)
• 1 މޭސުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
• 1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
• 1 މޭޒުމަތީ ސަމުސާ އިނގުރު ، ލޮނުމެދު ގާނާފައި
• 1 ސައިސަމުސާ މުގުރި އަސޭ މިރުސް
• ބައި ސަމުސާ މުގުރި ދިރި
• ބައި ސަމުސާ ރީނދޫ
• ބައިސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
• ސެފްރޮން ( ދެއިނގިލި ކުރިން ހިފޭހާ އެތިކޮޅެއް ބައިޖޯޑު ފެނަށް އަޅާފައި)
• ގިތެޔޮމިރުސް ހިކަނދިފަތް ރާނބާފަތް
• 4 ޗިކަން ކިއުބް
• ބައިޖޯޑު ކާށިކިރު

ބަތް ތައްޔާރުކުރާނެ ގޮތް

ފިޔާ ހިކިމޭބިސް ކަދުރު އަދި ކަޖޫ ނަޓް ތެލުލި ތެޔޮގަނޑުން ތެޔޮފޮދެއްގައި ކޮށާފައި ހުރި ފިޔާގެ ދެބައި ކުޅަ އެއްބައި މީރުކުރުމަށްފަހު ދޮވެފައި ހުރި ހަނޑޫ ކޮޅު އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް ހާކާލުމަށްފަހު ސެފްރޮން، ރާނބާފަތް، ލޮނު އަދި ރީނދޫ އެޅުމަށްފަހު ހަނޑޫ އެތި ކެކޭ ވަރަށް ފެން އަޅާށެވެ. ބަތް އެތި ކެކެން ފެށުމުން 2 ޗިކަން ކިއުބް ބަތް އެއްޗަށް ވައްޓާލާށެވެ.

ހިކިރިހަ ތައްޔާރުކުރާނެ ގޮތް

ބާކީހުރި ފިޔާ ކޮޅު މީރުކުރުމަށް އުދުމަށްފަހު އޭގެތެރެއަށް ލޮނުމެދު އިނގުރު ހިކަނދިފަތް އަޅާ ފިޔާ ގަނޑު ރަނގަޅަށް މޯޅިވީމާ އޭގެން އެއްބައި ވަކިން އެއްޗެއްގައި ބަހައްޓާށެވެ. ވަކިން ނެގި ފިޔާކޮޅު ކާށި ކިރު ކޮލުގެ ތެރެއަށް އެޅުމަށްފަހު އޭގެތެރއަށް ގިތެޔޮ މިރުސް، އަސޭމިރުސް ދިރި ފޮނިތޮށި ކާފޫރުތޮޅި އަޅާފައި ބަހައްޓާށެވެ.

ބާކީ ހުރި ފިޔާކޮޅުގެ ތެރެއަށް ކުކުޅު އަޅާ މަޑޫގިނީގައި ބަހައްޓާށެވެ. ކުކުޅުކޮޅު ރޯފިލަން ފެށުމުން އޭގެތެރެއަށް ޓޯމާޓޯ ޕޭސްޓް، ހަވާދު މަސްޓަޑް ކުރީމް ކުޑަ ހިކަނދި ރާނބާ ފަތް ކޮޅެއް ލުމަށްފަހު ކައްކާށެވެ. އެއަށްފަހު ކާށިކިރު ޖޯޑު (ކުރިންބުނިހެން މީރުކުރި ފިޔާކޮލާއި ގިތެޔޮ މިރުސް ދިރި އަސޭމިރުސް ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްފައި ހުރި) ކުކުޅު ތަކުގެ ތެރެއަށް އެޅުމަށްފަހު 2 ކިއުބް އޭގެތެރެއަށް ލާށެވެ. ރަނގަޅަށް ކެކުމުން އުނދުން ނިއްވާލާށެވެ. މި ރިހަ ހުންނާނީ ހިކިކޮށެވެ.

އެއްކުރާގޮތް

ވަކި ތެއްޔެއްގައި ފުލަށް ކުދަކޮށް ހޫނުކޮށްފައި، ކައްކާފައި ހުރި ބަތުގެ ދެބައިކުޅަ އެއްބައި އަޅާށެވެ. އެއަށްފަހު ހިކިރިހައިގެ އެއްބައި އޭގެ ތެރެއަށް އަޅާށެވެ. އޭގެމަތީ ފަޅާފައި ހުރި 5 ކުކުޅުބިސް އަތުރާށެވެ. ބިސްކޮޅުގެ މައްޗަށް ތެލުލާފައި ހުރި ފިޔާކޮޅު ކަޖޫނަޓް ހިކިމޭބިސްކަދުރު ކޮޅުގެ އެއްބައި އަޅާލުމަށްފަހު ބާކީ ހުރި ބަތް ކޮލު އޭގެ މައްޗަށް އަޅާލާށެވެ. ދެން ކުރިން ތަކުރާރު ކުރިހެން ބާކީ ހުރި ހިކިރިހަ ކޮޅު އަޅާ ބާކީ ހުރި ބިސް އެތުރުމަށް ފަހު ތެލުލާފައި ހުރި ފިޔާ ކަޖޫނަޓް އަދި ހިކިމޭބިސް ކަދުރު ކޮޅު މައްޗަށް އަޅާލާށެވެ.

މައުލޫމާތު: ބްރިޓް.ކޯ