ބައެއް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ ޝަކުވާތައް، އަވަށްޓެރި އިންޑިޔާއިން ދަނީ ވަރަށް ގިނައިން އިވެމުންނެވެ. އެފަދަ ބައެއް މައްސަލަތައް މީޑިޔާތަކުގެ ފަލަ ސުރުޚީތަކުންވެސް ޖާގަ ހޯދާ ފަހަރު މަދެއް ނޫނެވެ.

އެގޮތުން، މިއީވެސް ދާދިފަހުން ހިނގި މިފަދަ ކަމެކެވެ.

އިންޑިޔާގެ މަޝްހޫރު ނޫހެއްކަމުގައިވާ "އޭޝިޔަން ނިއުސް އިންޓަނޭޝަނަލް" އިން ބުނެފައިވާގޮތުގައި، ފަޤީރު ދަނޑުވެރިއެއްގެ ދަރިއަކު މަރުވުމުން، އެކުއްޖާގެ ހަށިގަނޑު އުފުލުމަށް އެމްބިއުލާންސެއް ފޯރުކޮށްދިނުމަށް އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ހޮސްޕިޓަލަކުންވަނީ ދެކޮޅު ހަދާފައެވެ. ހަމައެހެންމެ، އިންސާނިއްޔަތުކަމުގެ މިންގަނޑުތަކުން ބަލާ، ހަށިގަނޑު ގޭޓާ ހަމައަށް ސްޓްރެޗާއެއްހާ ހިސާބުވެސް ފޯރުކޮށްދީފައެއް ނުވެއެވެ.

އޭއެންއައި އިން ބުނެފައިވާގޮތުގައި، މިގޮތަށް ކަންތައް ކޮށްފައިވަނީވެސް، ސަރުކާރުގެ ޚަރަދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލަކުންނެވެ.

މަރުވި ކުއްޖާގެ އާއިލާގެ މީހުން މީޑިޔާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކުއްޖާ މަރުވީ ކުއްކާގެ ބައްޕަގެ ދަނޑުގައި މަސައްކަތެއް ކުރަން އުޅަނިކޮށް ދިމާވި ކަމެއްގެ ތެރެއިންކަމަށެވެ. އަދި، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ކުއްޖާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން އެންގިކަމަށާއި އަދި ހަށިގަނޑު ގެންދަންވެސް އެންގިކަމަށް ބުނެފައިވެއެވެ.

ހަށިގަނޑު ގެންދަން އެންގުމުން، ސްޓްރެޗާއެއް ހިސާބުވެސް ހޮސްޕިޓަލުން ފޯރުކޮށް ނުދިންކަމަށާއި، އޭގެ ބަދަލުގައި މަރުވެފައިވާ ކުއްޖާގެ ހަށިގަނޑު ގެންދަން ޖެހުނީ ކޮނޑުގައި އަދި ފަހުން ގެއާ ހަމައަށް ސައިކަލުގައިކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުން މީޑިޔާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ހޮސްޕިޓަލުން އެމްބިއުލާންސްގެ ޚިދުމަތް ދިނީސްކަމަށާއި އެހެންނަމަވެސް، އެފަރާތްތައް ދިޔައީ ޑޮކްޓަރުންނަށް ނޭނގިކަމަށެވެ.

މިފަދަ އެތައް ކަމެއް، އިންޑިޔާގެ އެކި ހިސާބުތަކުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޑީ

    ގެރިއެއް މަރުވިނަމަ މޮޓަކޭޑު ގާ ގެންދާނެ. މިހާރުވެސް ގެރިތަކައް ޑިޖިޓަލް އައިޑީ އެބަހަދާ.