ޑައިރެކްޓަރ އަނޫރާގޫ ބާސޫގެ މިޔުޒިކަލް ފިލުމު ''ޖައްގާ ޖާސޫސް''އިން ގޯވިންދާ ބޭރު ކޮށްލަން ޖެހުނު ސަބަބު އަނޫރާގު ބާސޫ ހާމަކޮށްފިއެވެ.

ރަންބީރު ކަޕޫރާައި ކެޓްރީނާ ކެއިފުގެ މޮޅު ހުނަރު ދައްކައިލި ނަމަވެސް ފްލޮޕް ވެގެން ދިޔަ މި ފިލުމަކީ އެކްޓަރ ރަންބީރު ކަޕޫރު ޕްރޮޑިއުސްކުރި ފިލުމެކެވެ. ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވަނީ މި ފިލުމަށް އޭނާގެ ފައިސާ ޚަރަދު ކުރުން ވެގެން ދިޔައީ އޭނާއަށް ކުރެވުނު އެންމެ ތާކުންތާކު ނުޖެހޭ ވިޔަފާރި ކަމަށެވެ.

މި ފިލުމު އެއްކޮށް ނިންމައި ފުރިހަމަ ކުރުމަށް ހަތަރު އަހަރު ނެގި ފިލުމުން ގޯވިންދާ ބޭރުކޮށްލުމުން ތަފާތު ފާޑުކިޔުންތައް ޑައިރެކްޓަރަށް ކުރިމަތިވިއެވެ. އެ ފާޑުކިޔުންތަކަށް މިއަދު އަނޫރާގު މިވަނީ ޖަވާބުދާރީވެފައެވެ.

''ފިލުމުގެ ޝޫޓިންތައް އެތައް ކަމަކުން ދިޔައީ ލަސްވަމުން. އޭގެ ތެރެއަށް އިތުރުވެގެން ދިޔައީ ވާނުވާ ނޭނގުނު ކަމަކީ ގޯވިންދާ މި ފިލުމުގެ ސެޓަށް އަންނާނެބާ؟ އޭނާގެ ފްލައިޓް ކެންސަލް ކުރީބާ؟ ފިލުމު ޝޫޓިން އޮތް ގައުމަށް އައުމަށް ފްލައިޓަށް އަރައިފިބާ؟ ނުވަތަ އަހަރެމެން އަނެއްކާ ވެސް ޝޫޓިން ކެންސަލް ކުރަންވީބާ؟ ގޯވިންދާ ފިލުމުގައި ބައިވެރިވޭތޯ ނުވަތަ ނޫންތޯ އޮތީ އަހަރެމެންނަށް ވެސް އޮޅުމެއްގެ ތެރޭގައި. އަހަރެންނަށް މި ބޮލުގަ ރިހުމަށް އިތުރަށް ކެތެއް ނުކުރެވުނު. ސައުތު އެފްރިކާގައި ޝޫޓް ކުރަމުން ދިޔަ މި ފިލުމުގެ ސީންތައް ވަނީ ތާވަލު ކުރެވިފަ. އެހެންކަމުން އަހަރެންނަށް ޖެހުނީ ގޯވިންދާ މި ފިލުމުން ދޫކޮށްލަން'' މިޑް ޑޭ ނޫހަށް ދިން އިންޓަވިއުއެއްގައި އަނޫރާގު ބުނެފައިިވެއެވެ.

މިކަމާއި ގުޅިގެން 2017 ވަނަ އަހަރު ގޯވިންދާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ކުރަން ޖެހުނު ކަންތައް ކުރި ނަމަވެސް ޑައިރެކްޓަރ ހިތްހަމަ ނުޖެހުނުނު ނަމަ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު