ބޮޑު ކާމިޔާބެއް ލިބުނު "ސްޓޫޑެންޓް އޮފް ދަ އިޔަރ" އިން ބޮޑު މަޤުބޫލުކަމެއް ލިބުނު ސިދާތު މަލޯތްރާ އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ކާމިޔާބު އެއް ބަޠަލެވެ. ފުރަތަމަ ފިލްމަށް ލިބުނުހާ ބޮޑު ކާމިޔާބެއް އެހެން ފިލްމުތަކަށް ނުލިބުނުކަމުގައިވިޔަސް، އޭނާގެ ތަރި ދަނީ އުހުގައި ފިޔަޖަހަމުންނެވެ.

ގިނަ ބެލުންތެރިންނާއި ފިލްމީ ކަންކަން ބަލާ ފަރާތްތަކުންވެސް ބުނާ ގޮތުގައި، ސިދާތުގެ މޫނަކީ، ބޮލީވުޑުގެ ފިރިހެން ފަންނާނުންގެ ތެރެއިން އެންމެ ތާޒާ އެއް މޫނެވެ. މިކަމާ ގުޅޭގޮތުން އެތައް ބަހުސެއް، މީގެކުރިން ކޮށްފައިވާއިރު، މިކަން އޭނާވަނީ ފޭނުންނަށް ކިޔައިދީފައެވެ.

ސިދާތު ބުނެފައިވާގޮތުގައި، އޭނާގެ ތާޒާ މޫނުގެ ފަހަތުގައިވާ ފަރާތަކީ އޭނާގެ މަންމައެވެ. ސަބަބަކީ، އެންމެ ކުޑައިރުންސުރެ ގިނައިން ފެން ބުއިމަށާއި ނިދުމަށް ނަސޭހަތްތެރިވި ފަރާތަކީ މަންމައެވެ. އެހެންކަމުން، މިއަދުވެސް އޭނާގެ މޫނު ތާޒާކަންމަތީ ހުރުމުގެ އެންމެ ބޮޑު ސިއްރަކީ އެއީކަމަށްވުން އެކަށީގެންވާކަމަށް އޭނާ ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިތުރަށް އޭނާ ބުނެފައިވަނީ މިހާރު މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން، އެންމެ ހަމައަށް ނިދި ލިބުމަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ.

ސިދާތު މިހެން ބުނެފައިވާއިރު، އެންމެ ފަހުން ނިކުމެފައިވާ އޭނާގެ ފިލްމަކީ "އައިޔާރީ" އެވެ. އެފިލްމަށް، އެންމެ ހީކުރިވަރުގެ ކާމިޔާބެއް ލިބިފއިނުވާއިރު، "އިއްތިފާޤު" އަކީވެސް މި ފަހުން ނިކުތް ސިދާތުގެ ފިލްމެކެވެ.