ހިންދީ ފިލުމު އިންޑަސްޓަރީގެ ހުނަރުވެރި އެކްޓަރ އިރްފާން ޚާން އެންމެ ފަހުން ކުޅެފައިވާ އިންޓަނެޝަނަލް ފިލުމު ''ދަ ސޯންގް ސްކޯޕިއަން'' ތިއޭޓަރތަކުގައި އަންނަ އަހަރު އެޅުވުމަށް ހަމަޖެހިއްޖެއެެވެ.

ފެދާ ލައިޓްއާއި ކޭއެންއެމް ޕްރޮޑަކްޝަން ޕްރޮޑިއުސްކޮށް ޕެނަރޮމާއާއި 70އެމްއެމްއިން ހުށަހަޅައިދޭ މި ފިލުމު އަންނަ އަހަރުގެ ކުރީކޮޅު އިންޑިޔާގެ ސިނަމާތަކުގައި އަޅުވާނެ އެވެ.

މި އަހަރުގެ އޭޕްރީލް މަހު އުމުރުން 53 އަހަރުގައި މަރުވި އިރުފާން ޚާންގެ މި ފިލުމު ޕްރިމިއަރ ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސްވިޒަލޭންޑުގެ 70ވަނަ ލޮކާނޯ ފިލުމު ފެސްޓިވަލްގައެވެ.

އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް މި ފިލުމު ތިއޭޓަރުތަކުގައި އަޅުވާފައެއް ނުވެއެވެ. އަނޫޕް ސިންގ ޑައިރެކްޓްކޮށްފައިވާ މި ފިލުމު އިންޑިޔާގެ ތިއޭޓަރުތަކުގައި އަންނަ އަހަރު ކުރީކޮޅު އަޅުވާ ގޮތަށް ހަމަޖެހުމުން އިރުފާން ޚާންގެ ގިނަ ސަޕޯޓަރުން ތިބީ އެކަމާއި ވަރަށް ހިތްހަމަޖެހިފައެވެ.

ޖަމަލު ވިއްކާ މީހެއްގެ ރޯލުން އިރުފާން ފެނިގެން ދިޔަ މި ފިލުމުުން ދެން ފެނިގެން ގޮސްފައިވަނީ އިރާނުގެ ބަތަލާ ގޮލްޝިފްޓެ ފަރަހާނީއާއި ބޮލީވުޑުގެ ބަތަލާ ވަހީދާ ރެހެމާންއެވެ.

އިރުފާން ޚާނަކީ އިންޓަނެޝަނަލް ފިލުމުތަކުގައި ވެސް މަސައްކަތް ކުރި ފަންނާނެކެވެ. އޭގެތެރޭގައި ''ލައިފް އޮފް ޕައި''، ''ދި އެމޭޒިން ސްޕައިޑަރ މޭން'' ފަދަ ފިލުމުތައް ހިމެނެއެވެ.

ބޮލީވުޑުގައި 30 އަހަރު ހޭދަކުރި އިރުފާން ޚާންގެ މި ފިލުމު ތިއޭޓަރ ތަކުގައި އެޅުވުމަށް ނިންމާފައިވަނީ ސަޕޯޓަރުންނަށް އޭނާގެ ''ޓްރިބިއުޓް''އެއް ދިނުމަށް ކަމަށް ވެސް ފިލުމު އުފެއްދި ފަރާތުން ބުނެފައިވެއެވެ.