އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ އުމުރުން 22 އަހަރުގެ މެފާރާ ނަގުވީ އޮކްޓޯބަރ މަހު ހޮސްޕިޓަލަށް ދިޔައީ ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވާން ފެށުމުންނެވެ. އޭނާގެ ބަނޑަށް ހަތް މަސް ފުރިއްޖެއެވެ. އެހެންކަމުން ނޭވާ ކުރުވުން އެއީ މާބޮޑު މައްސަލައެއް ކަމަކަށް ފުރަތަމަ ހިއެއް ނުކުރެވުނެވެ.

ނަމަވެސް ކެއްސުމާއި ބޮލުގައި ރިއްސުމާއި، ރަހަ ނުލުން ފަދަ ކަންކަން ވެސް ކުރިމަތިވާން ފެށުމުން ކޮވިޑް-19 އަށް ފައްސިވެއްޖެހެން ހީވާން ފެށިއެވެ. އަވަހަށް ޑޮކްޓަރަށް ދެއްކީ އިތުރު ސިއްހީ މައްސަލައެއް ކުރިމަތިވުމުގެ ކުރިން ފަރުވާ ފަށާށެވެ.

މެފާރާގެ ހާލަތު ބެލުމަށްފަހު ޑޮކްޓަރުން ފުރަތަމަ ދުވަހު ވެސް އޭނާ އަށް ފަރުވާ ދޭން ފެށީ އައިސީޔޫގައެވެ. އަދި ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. ސަބަބަކީ ދުވަހުން ދުވަހަށް މެފާރަގެ ހާލަތު ދަށަށް ދަމުން ދާތީއެވެ.

ދަރިފުޅަށް އޮކްސިޖަން ލިބޭ މިންވަރު ދަށް ވާން ފެށުމުން ޑޮކްޓަރުންނަށް މަޖުބޫރުވީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާށެވެ. އޭރު މެފާރާ އޮތީ ކޯމާއެއްގައެވެ. އެހެންކަމުން ވީގޮތެއް އޭނާއަކަށް ނޭންގެއެވެ.

"ޢަހަރެން އޮތީ ނުވަތަ ދުވަސް ވަންދެން ކޯމާގައި. އަހަރެންނަކަށް ނޭންގޭ އަހަރެންނަށް ދަރިއަކު ލިބުނުކަމެއް. ވެގެން ދިޔަ އެއްވެސް ކަމެއް އަހަރެންނަކަށް ނޭންގޭ." މެފާރާ ބުންޏެވެ.

މެފާރާގެ ސިޒޭރިއަން ހެދިފަހުން އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިސް ނޮވެމްބަރ 03 ވަނަ ދުވަހު އައިސީޔޫ އިން ދޫކޮށްލިއެވެ. އެއާއިއެކު އޭނާ އަށް އޭނާގެ ތުއްތު ދަރިފުޅާއި ބައްދަލު ކުރެވުނެވެ.

މިހާރު ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

ކޮވިޑް-19 އަށް ފައްސިވާ މާބަނޑު މީހުންނަށް ވަކި އިތުރު ސިއްހީ މައްސަލައެއް ދިމާނުވި ނަމަވެސް އެހެން ބައެއް ގައުމުތަކުގައި ވެސް ވަނީ ކޮވިޑް-19 އަށް ފައްސި އަންހެނުންގެ ހާލު ދެރަވުމުން ކޯމާގައި އޮއްވާ ސިޒޭރިއަން ހަދައިގެން ކުދިން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނާ

    އެކަމަކު ބުނެ އެންނު ކޯމާ ގަ އޮންނަ އިރުވެސް އަދު އިވޭނޭ. ދެން އޭނާޔަށް ދަރިޔަކު ލިބުނުކަން ނޭނގެންވީ ސަބަބެއްނެތް ދޯ.

    1
    3