އިންޑިޔާގެ އުއްތަ ޕްރަދޭޝްގައި މީހެއްގެ ކާރެއް ގެއްލުނުތާ ދެ އަހަރު ފަހުން ކާރު ފެނުނީ ފުލުސް އޮފިސަރަކު އެ ކާރު ދުއްވަނިކޮށެވެ.

ކާންޕޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މި މީހާގެ ކާރާއި ބެހޭގޮތުން އޮޓޯ ސަރވިސް ސެންޓަރއެއްގެ މުވައްޒަފަކު ދިން ޚަބަރުން އޭނާއަށް ހައިރާންކަން ގެނުވިއެވެ.

އޮޓޯ ސަރވިސް ސެންޓަރގެ މުވައްޒަފަކު މި މީހާއަށް ގުޅާފައި އޭނާގެ ކާރު ސަރވިސް ކުރުމަށް ފަހު ބިތޫރު ޕޮލިސް ސްޓޭޝަންގެ ފުލުސް އޮފިސަރ ކޮޝެލެންޑްރާ ޕްރަތާބް ސިންގއާއި ކާރު ހަވާލު ކުރި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްގެ ރިޕޯޓެއްގައިވާ ގޮތުން މި ފުލުސް އޮފިސަރަކީ މިދިޔަ އަހަރު ޖުލައި މަހު ގޭންގްސްޓަރ ވިކާޝް ޑުބޭ ހައްޔަރު ކުރުމުގެ ތެރޭގައި ބިކްރް އަމްބްޝްގައި އަނިޔާވި ފުލުސް އޮފިސަރެއް ކަމަށެވެ. މި ހާދިސާގައި އިތުރު 8 ފުލުހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

ސަރވިސް ސެންޓަރއިން މި ކާރުގެ ވާހަކަ އޭގެ ވެރިފަރާތަށް ނޭނގި ނަމަވެސް އަދި ވެސް މި ކާރު ފުލުސް އޮފިސަރ ގެންގުޅޭނެ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މި ކާރު ގެއްލިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބެރާ ސަރަހައްދުގެ ކާރު ދޮންނަ ސެންޓަރއެއްގެ ކައިރިން ކަމަށް ކާރުގެ ވެރިފަރާތް ކަމުގައިވާ އޮމެންދުރަ ސޯނީ ބުނެފައިވެއެވެ. އަދި ކާރު ގެއްލުމުން އެ މައްސަލަ ބެރާ ފުލުސް އޮފީހަށް ހުށަހެޅި ކަމަށާއި ނަމަވެސް ކާރު ނުފެންނަ ކަމަށް އޭނާ ބުނެފައިވެއެވެ.

ފުލުސް އޮފިސަރ ބުނެފައިވަނީ އޭނާއަށް އެ ކާރު ފެނިފައިވަނީ އެއްލާލައިފައިވަނިކޮށް ކަމަށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު