ދިވެހިރާއްޖެ އުފެދިފައި ވަނީ ޖަޒީރާ ރަށްތަކެއްގެ މައްޗަށެވެ. އާބާދީ ބޮޑެތި ރަށްތަކާއި އާބާދީގެ ގޮތުން ވަރަށް މަދު ބަޔަކު ދިރިއުޅެމުން ދާ ރަށްތަކުގެ މައްޗަށެވެ. ތަރައްގީ ވިދުވަރުން ދިއްލަމުން ދާ ރަށްތަކާއި ތަރައްގީގެ ކުލަވަރެއް ނެތް ރަށްތަަކުގެ މައްޗަށެވެ. ދުނިޔޭގެ ޗާޓުގައި ތިކިތިކި ތަކެއްގެ ގޮތައް އަހަރެމެންގެ ވަޒަން އުކައިލެވިފައި ވީނަމަވެސް މި ފަސްގަނޑުގައި ދިރިއުޅެމުންދާ ދިވެހިންނަކީ ހުނަރުވެރި ގާބިލް ބައެކެވެ.

ނަމަވެސް ހިތާމައަކީ އެ ހުނަރުވެރިކަމުން ގައުމު އާރާސްތުކޮށް ކުރިއެރުވުމަށް ސިޔާސީ އެއްވެސް ފަރާތެއްގެ ވިސްނުން ނެތް ކަމެވެ. އަބަދުވެސް ބަރޯސާވެވެނީ ބިދޭސީންނަށެވެ. އަމިއްލަ ފަސްގަނޑުގައި ތިބި ހުނަރާއި ގާބިލްކަމާއި މެދު ޝައްކުކޮށް ސުވާލު އުފައްދައެވެ.

ޖޯއަކީ ކާކު؟

ފުވައްމުލަކުގެ ރީތި ވާހަކަ އާއި އެ ރަށުގެ ޗާލު ކަމުގެ ވާހަކަތައް އަބަދުވެސް އަޑު އަހަމެވެ. އެ ރަށަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ރަށެއްކަމަށް އަޑު އަހަމެވެ. އެގޮތުން ދިވެހިންގެ ހުނަރާއި ގާބިލްކަމަށް ގޮންޖަހާލި ވެރިންނަށް ބަހާއި އަމަލުން ރައްދެއް ދީފައި މިވަނީ އެ ފަސްގަނޑަށް އުފަން ވައިލެޓް ވިލާ އިބްރާހިމް މުސްތޮފާ (ޖޯ) އެވެ.

ޖޯ ވަނީ މީގެ އަހަރު ތަކެއް ކުރިން ފުވައްމުލަކު ކޯޓުގެ ކާތިބުކަން ކޮށްފައެވެ. އަދި އުމުރުން 35 އަހަރުން ފެށިގެން ހަތަރު ފަސް އަހަރު ކޮންސްޓްރަކްޝަން މަސައްކަތުގައި މަސްއޫލުވެ އުޅުފައިވެއެވެ.

ޖޯއަކީ ފުވައްމުލަކު ރައްޔިތުންނަށް އާ ނަމެއް ނޫނެވެ. ރަށުތެރޭގައި ގިނަ ބަޔެއްގެ ލޯތްބާއި އަޅާލުން ހޯދާފައިވާ މީހެކެވެ. އެކުވެރި އަދި މަޖާ މިޖާޒެއްގެ މީހެކެވެ.

ޖޯގެ ކާމިޔާބީ

ޖޯގެ ނަން ރާއްޖޭގެ ތާރީހުގައި ފަވާލެވިގެން ދިޔައީ އޭނާގެ ހުވަފެނުގައި ކުލަޖެހުމާއި އެކުއެވެ. ތަފާތު އިޖާދުތައް ކުރުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ޖޯ، އޭނާގެ ދަތުރު ފެށީ މީގެ 2 އަހަރު ކުރިންނެވެ. ޖޯ ވަނީ ދެއަހަރު ތެރޭގައި އޭނާގެ އަމިއްލަ މަސައްކަތުން ސައިކަލެއް އީޖާދުކޮށްފައެވެ.

މި ކާމިޔާބީއާއި ގުލޭ ގޮތުން އޭނާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެ މަސައްކަތަށް ގިނަ ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.

2 އަހަރުގެ މަސައްކަތާއި ގުޅޭ ގޮތުން އޭނާ ބުނީ މި މަސައްކަތް ފެށުނީ ހަލާކުވެފައިވާ ބާ ޕަލްސާއެއް މީހަކު އެއްލާލާން ނެރެފައި ހުއްޓާ އޭނާއަށް ލިބުނު ހިސާބުން ކަމަށެވެ. އެވަގުތުން ފެށިގެން އެކި ޑިޒައިންތަކުގެ ސައިކަލްތައް އޭނާގެ ވިސްނުމަށް އައި ކަމަށާއި އެ ބާސައިކަލް މަރާމާތުކޮށް އަމިއްލަ ޑިޒައިނަކަށް ބަދަލުކުރުމުގެ ހިޔާލު އައި ކަމަށް އޭނާ ބުންޏެވެ.

މި މަސައްކަތައް ކޮށްފައިވަނީ ދެގަރާޖެއްގައި މަސައްކަތް ކުރަމުންދާ މެކޭނިކުންގެ އެހީތެރިކަމާއި އެކު ސައިކަލުގެ މޮޑީފިކޭޝަންއަށް ބޭނުންވާ އެއްޗިއްސާއި އެކި ވަރުގެ ބަދަލުތައް ގެނެސްގެން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެދެ ގަރާޖުން އަޅުގަނޑަށް މަސައްކަތްކޮށްދިނީ. އެމީހުން ހަމަ އެމީހުންގެ މެކޭނިކުން ލައްވާ އަޅުގަނޑު ބުނާ އެއްޗެއް ހައްދާދިނީ" ޖޯ ކިޔައިދިނެވެ.

ޖޯ ބުނި ގޮތުގައި މި ސައިކަލްގެ މަސައްކަތް ލަސްވެގެން ދިޔައީ ގަރާޖްގެ މަސައްކަތްތައް ގިނަކަމުންނެވެ. އޭނާ އިޖާދުކުރި ސައިކަލަށް ބޭނުންވާ ބައިތައް ތައްޔާރު ކުރީ އޭނާގެ ތަސައްވުރުގައިވާ ފަދައިން ކުރެހުންތަކެއް ކުރަހާގެން މެކޭނިކުންނާއި ހިއްސާކޮށްގެން ކަމަށް އޭނާ ބުންޏެވެ.

ވިސްނުން އައި ގޮތް

އަމިއްލަ ޑިޒައިނެއްގެ ސައިކަލެއް އުފެއްދުމުގެ ހިޔާލު އައީ މީހުން ތަފާތު ވައްތަރުގެ ސައިކަލުތައް ދުއްވާތަން ފެނިފައި ކަމަށް ޖޯ ބުންޏެވެ. އޭނާވެސް ބޭނުންވީ އަމިއްލަ ބްރޭންޑެއްގެ އާ ޑިޒައިނެއް ތައާރަފްކުރަން ކަމަށާއި އެހެން ހުއްޓާ މީހަކު އެއްލާލަން އުޅުނު ޕަލްސާއެއް ލިބުމުން ދެކުނު ހުވަފެނުގައި ކުލަޖެއްސުމަށް މަސައްކަތް ފެށި ކަމުގައި އޭނާ ބުންޏެވެ.

"ހިޔާލު އައި އެކިމީހުން އެކި ވައްތަރުގެ ސައިކަލް ދަުއްވާތަން ފެނިފައި. އަޅުުގަނޑުވެސް ބޭނުންވި އަމިއްލަ ޑިޒައިނެެއްގެ ސައިލެއް ތައާރަފް ކުރަން. އެހެން އެ ވިސްނުމުގައި ހުއްޓާ ހަލާކުވެގެން އެއްލާލަން އުޅުނު ބާ ޕަލްސާ ގަނޑެއް ލިބުނީ" ޖޯ ބުންޏެވެ.

މި މަސައްކަތް ކުރަމުން ދިޔައިރު ގިނަ ބަޔެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެގެން ދިޔަ ކަމުގައި ޖޯ ބުންޏެވެ. އޭނާ ބުނި ގޮތުގައި މިއީ ވާނެ ކަމެއް ނޫން ކަމަށް ގިނަ ފަރާތްތަކެއް ބުނަމުން ދިޔައިރު ހިއްވަރު އެލުވާނުލާ މަސައްކަތް ކުރި ގެންދިޔަ ކަމަށާއި ނުވާނެ ކަމަށް ދެކުނުފަރާތްތަކަށް ވާނެ ކަމެއް ކަމެއްގެ ގޮތުގައި ސާބިތުކޮށްދިން ކަމަށް އޭނާ ބުންޏެވެ.

ޖޯގެ ސައިކަލު

ޖޯ އުފެއްދި ސައިކަލަކީ ފުވައްުލަކުގެ ތަސްވީރުތައްވެސް ސައިކަލުން ފެނިގެންދާނެ ފަދަ ގޮތަކަށް ޑިޒައިިންކޮށްފައިވާ ސައިކަލެކެވެ. އެގޮތުން ފުވައްމުލަކަކީ ރާއްޖޭގެ އެންމެ މަގުބޫލު "ޝާކް ޑެސްޓިނޭޝަން" ކަމުން ސައިކަލުގެ ޕެޓްރޯލް ޓެންކްގައި އޭނާވަނީ އެ ތަސްވީރު ކުރަހާފައެވެ. ފެންނަ ފެނުމަށް ސައިކަލް އެންމެ ވައްތަރީ ޖީއެންގެ ޑިޒައިނާއެވެ. ނަމަވެސް އެ ޑިޒައިން ވަރަށް ބޮޑަށް މޮޑިފައިކޮށްފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ޖޯގެ ސައިކަލު

ޖޯގެ އިއުތިމާސް އަދި ތަސައްވުރު

ޖޯ ބުނީ އަގުބޮޑެތިކޮށް ބޭރު ގައުމުތަކުން ސައިކަލް ގަތުމުގެ ބަދަލުގައި ސައިކަލް އީޖާދުކުރުމަކީ ދިވެހިންނަށް ވާނެ ކަމެއް ކަމަށެވެ. ސައިކަލް ބާވެގެން ނުވަތަ ހަލާކުވެގެން އެއްލާލުމުގެ ބަަދަލުގައި އެ ސައިކަލު ރީބްރޭންޑް ކޮށްގެން ބޭނުން ކުރުމަކީ ނުވަތަ ވިޔަފާރީގެ ބާޒާރުގައި ވިއްކާލުމަކީ އާމްދަނީ ހޯދޭނެ އިތުރު މަގެއް ކަމަށް އޭނާ ދެކެއެވެ.

"އަޅުގަނޑު ބޭނުންވަނީ ބާވެފައި ހުންނަ ސައިކަލްތައް ރީބްރޭންޑްކުރުމަށްފަހު ރާއްޖޭގެ މާކެޓުގައި ވިއްކޭނެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުން. އޭރުން ރާއްޖެއިން ބޭރުން އަގުބޮޑުކޮށް ގެނަން ސައިކަލުތައް މަދުވެގެން ދާނެ" ޖޯ ބުންޏެވެ.

ރާއްޖޭގައި މިހެން ހަލާކުވެފައި ހުންނަ އެއްޗެހި ހަދައިގެން ވިޔަފާރީގެ ބާޒާރަށް ނެރޭ ދުވަހަކީ ޖޯ އެންމެ ދެކެން ބޭނުންވާ ދުވަސްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޖޯ މިވަނީ ދިވެހިންނަކީ ހުނަރުވެރި އަދި ގާބިލް ބައެއްކަން ސާބިތުކޮށްދީފައެވެ. އަދި ރާއްޖެއަށް އާމްދަނީ ހޯދިދާނެ އިތުރު ގޮތެއްގެ ވިސްނުން ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހިކަންޖެއް

    އެއްގަމުގަދުއްވާ އުޅަނދުފަހަރު ބަދަލުތައް ގެނެސްގެން މޮޑިފައިކޮށްގެން ދުއްވުމަކީ އެއްގަމުގެ އުޅަނދުފަހަރުގެ ގަވައިދުގައި ކަނޑައެޅިގެން މަނާކޮށްފައޮތް ކަމެއް.

    96
    13
  2. ދެރަ

    ޖޯގެ މަސައްކަތް ސަޅި އެކަމަކު، ވަގަށްނަގައިގެން ސައިކަލް މޮޑިފައިކޮށް ވިއްކުމަކީ މަނާކަމެއް އަދި ގިނަބަޔަކަށް ގެއްލުންލިބޭ ވަގުވިޔަފާރީއެއްކަމުން އިންތިހާއަށް ދެރަވޭ!

    44
    1
  3. Anonymous

    ދެން ތި މޮޑިފައިކޮށްގެން ދުއްވަން އިންދާ އިންޖީނު ހުއްޓި އެކްސިޑެންޓެއްވެއްްޖެޔާ ތިޔަ ޖޯ އެއް އަންނާނެތަ
    ފައިސާއެއްކޮށްގެން ނޫނީ ލޯނެއް ނަގައިގެން އާ ސައިކަލު ގަތިއްޔާ މާ ރަނގަޅު

    43
    7
  4. މުހައްމަދު ބިން އިއްލެ

    ސައިކަލައް ވުރެ މީހާގެ ހެދުމުގެ މޮޑިފިކޭޝަން މާ ގަދަ ސަޅި

    35
    6
  5. ފާންތޭ

    ޖޯގެ މިސައިކަކީ އޮޅުވާލުމެއް

    33
    4
  6. ޫހަސަން

    ކިތަންމެ މޮޑިފައި ކުރިޔަސް އަސްލަކީ ޖީއެން. ޔަގީން 90 ޕަސެންޓް މިގޮތަށް ބުނާނެ. ޖީއެން ނޫނީ އެނޫން ސައިކަލެއްގެ ބައިތައް ހިމެނިޔަސް އަސްލު އަމިއްލަ ޑިޒައިން ބޮޑީ އެއް ހެދީމަ އެ އަމިއްލަ ވަންތަ ވާނި.

    18
    2
  7. ބޮސް

    ތިޔަ ސައިކަލަށްވުރެ އަރައިގެން އިން ބޫޓުގެ ޑިޒައިން މާ ސަޅި. ޢަޅެ ތިޔަބޫޓްގެ މައުލޫމާތުވެސް ހޮމަނާލިނަމަ.

    14
    1
  8. ނާޒިމާ

    މީ ތަ ވަގުން ނަގާ ސައިކަލުތައް ނުފެންނަ ސަބަބު 🥺 މީނަ މޮޑިފައި ކޮށްގެން ވިއްކަނީ ؟ ޕަކާސް

    11
    8
  9. ޢަލީ

    ޖޯކަރެއް

    12
    7
  10. ސެޤީ

    މީކީ އަމިއްލަ އުފެއްދުމެއް ނޫން ... އެހެން ބައެެއްގެ ޢުފެއްދުން ވަގައްނަފައިގެން އަމިއްލަ މޮޑިފިކޭޝަންތަކެއް ގެނަސް ގެން ތިޔައުޅެނީ ... ތިޔަކަހަލަގެ ކިތަންމެ މޮޑިފިކޭޝަންތަކެއް އެބަ ހުރި ރާއްޖޭގަ ..”ކަސްޓަމް ޗޮޕަރ“ ބައިކް ތައް ރާއްޖޭގަ ވަރަށް ގިނަ

    11
    5
  11. ކަޅުމަރިޔަނބު

    ކޮއްކޯ އިއުތިމާސެއް ނޫން! އިލްތިމާސް.

    10
    2
  12. ޖޯޖޯ

    ޖޯޖޯ އެކްޝަން ސެޓިސްފެކްޝަން ކެންޑީ އެޕަލް ޓްރީ

    3
    1
  13. ޖޯ ބޭބޭ

    ތިކަމެއް ރާއްޖެއަކު ނުވާނެ ބޮޑު ވަގެއްގެ ގޮތުގަ ލޭބަލް ވާން ތިޔާ އުޅެނީ

    7
    2
  14. ސަލަމް

    ދަތް ކޮށްޓާ އިލޮށި ނު އުފެއްދޭ ޤައުމެއްގެ ވާހަކަ މިތާ ތި ދައްކަނީ.

    12
    1
  15. ޕަލްސް

    ޤާނޫނު ގަ އެބުނާ މޮޑިފައި ގެ މާނައަކީ އަމިއްލަ ނަމެއްގެ ގޮތުގަ އެއްޗެއްގެ އަސްލު ބަދަލު ކުރުން ކަމަށް ވެދާނެ . މީގަ އަސްލަކީ އަދިވެސް ޕަލްސާ ކަމުގައި ބަލާނަމަ ގޯހެއް ނެތް. ދެން ސައިކަލަށް ބަދަލު ގެނައުމަކީ އެމީހެއްގެ އަމިއްލަ ކަމެއް. އަމިއްލަ މުދަލެއް ވީމަ. ޚިޔާލެއް. ޤާނޫނުގަ އޮތީ ކީކޭ ކަން ނުބަލަން.

    2
    1