އެމެރިކާގެ އެންމެ ނުރައްކާތެރި ''ސީރިއަލް ކިލާ'' ސެމިއުލް ލިޓްލް އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. އޭނާ ވަނީ 93 މީހުން މަރާލައިފައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސެމިއުލް މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހު ކެލްފޯނިޔާ ހޮސްޕިޓަލުގައި ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އޮފް ކަރެކްޝަން އެންޑް ރިހެބިލިޓޭޝަނުން ބުނެފައިވެއެވެ.

ސެމިއުލްއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ތިން އަންހެނަކު މަރައިލުމުގެ މައްސަލައިގައެވެ. ނަމަވެސް 1970 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު 93 މީހުން މަރާފައިވާނެ ކަމަށް ސެމިއުލް މަރުވުމުގެ ކުރިން އެއްބަސް ވެފައިވެއެވެ.

ކުށެއް ނެތް އެތައް އަންހެނުންނެއްގެ ކަރުގައި ހިފައިގެން އެ މީހުން މަރާލާފައިވާ ކަމަށް ވެސް ސެމިއުލް މަރުވުމުގެ ކުރިން ބުނެފައިވެއެވެ.

ކުރީގެ ބޮކްސިން ކުޅުންތެރިޔާ ސެމިއުލް އެންމެ ފުރަތަމަ މީހާ ހޭނައްތާލަނީ އެއް ''ޕަންޖުން'' ކަމަށާއި އޭގެފަހުން އެ މީހެއްގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން މަރައިލަނީ ކަމަށް ވެސް ސެމިއުލް ބުނެފައިވެއެވެ.

ފަހުން ސެމިއުލް ވަނީ ފުލުހުންގެ ތަހުގީގަށް އޭނާ މަރާލައިފައިވާ މީހުންގެ މަޢުލޫމާތު ދީފައެވެ. އެ މީހުންނަކީ ކޮންބައެއް ކަމާއި އެމީހުން ތިބޭ ގޮތް ކިޔައިދިނުމަށް އޭނާ މަސައްކަތް ކޮށްފައިވެއެވެ.

ސެމިއުލް މަރާފައިވާ ގިނަ މީހުންގެ މަރުތައް ވަނީ އެކްސިޑެންޓެއްގެ ގޮތުގައި، ނުވަތަ އޯވަޑޯޒްވެގެން މަރުވުން ކަމުގައި ނުވަތަ ބައެއް މަރުތައް ވަނީ ތަހުގީގުނުކޮށް ކަމަށް ވެސް ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޓުން ބުނެފައިވެއެވެ.

ސެމިއުލް މަރާފައިވާ ބައެއް މީހުންގެ ފޮޓޯ އޭނާ ވަނީ ޖަލުގައި ހުރެގެން ކުރަހާފައެވެ. އޭގެތެރެއިން ބައެއް ފޮޓޯތައް ވަނީ އާއްމު ވެސް ކޮށްފައި ކަމަށް އެފްބީއައި އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީރު

    އެހާ ގިނަ މީހުން މަރާފައި ދުނިޔޭގައި ހުރެވޭތަ ތަބީއީ މަރަކުން މަރުވަންދެން. ތިއީ އިންސާފުތޯ.. މީހން މެރުމާ ދެކޮޅު އެކަމަކު އިސްލާން ދީނުގައި އޮންނަގޮތް މާ ރަނގަޅު ކަންނޭގެ ދޯ. އޭރުން އެހާ ގިނަ މިހުން ނުމަރަނިސް އޭނަވެސް ދާނެ. މީ މަގޭ ހިޔާލަ

    14