ބޮލީވުޑުގެ 2000ގެ ކުރީގެ އަހަރުތަކުގައި އެންމެ ފާހަގަ ކޮށްލެވުނު އެކްޓްރެސް ކަމުގައިވާ ދިއާ މިރުޒާ ފިލުމަކުން ރޯލެއް ހޯދުމަށް ރަހުމަތްތެރިކަން ބޭނުން ކޮށްފައި ނުވާނެ ކަމަށް ބުނެފިއެވެ.

އެތައް އަހަރުތަކެއް ވަންދެން އިންޑަސްޓްރީގައި ރަނގަޅު މިސްރާބު ހޯދުމަށް މަސައްކަތް ކޮށްފައިވާ ދިއާ މިރުޒާ ބުނެފައިވަނީ އޭނާ ހިތްހަމަޖެހޭ އަދި އޭނާ ބޭނުންވާ ފަދަ ރޯލުތައް ލިބެނީ މިހާރު ކަމަށެވެ.

ފިލުމު ''ސަންޖޫ'' އަދި ''ތައްޕަޅު''ގައި މަސައްކަތް ކޮށްފައިވާ ދިއާ ބުނެފައިވަނީ މިއީ އޭނާގެ ކެރިއަރުގެ ''2.0'' ވާޝަން ކަމަށެވެ.

ވިހި އަހަރަށްވުރެ ގިނަ ދުވަސްވަންދެން ބޮލީވުޑު އިންޑަސްޓްރީގައި މަސައްކަތް ކޮސްފައިވާ ދިއާގެ ވަރަށް ގިނަ ރަހުމަތްތެރިން އިންޑަސްޓްރީގައި ތިބޭނެ ކަމަށާއި ފިލުމަކުން ރޯލެއް ހޯދުމަށް އެއިން އެއްވެސް ރަހުމަތްތެރިއެއްގެ ރަހުމަތްތެރިކަން ބޭނުން ކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ފިލުމުތަކުގައި ކުރާ މަސައްކަތާއި އޭނާގެ ރަހުމަތްތެރިކަމަކީ ވަކި ކުރެވިފައިވާ ދެ އެއްޗެއްކަމަށް ދިއާ މިރުޒާ ބުނެފައިވެއެވެ.

ދިއާ މިރުޒާ ކުޅެން ބޭނުންވާ ފަދަ ރޯލެއް ނުލިބިގެން އޭނާ ދެރަވެ މާޔޫސްވެފައިވާކަން އޭނާގެ ފިލުމު އިންޑަސްޓްރީގެ ގިނަ ރަހުމަތްތެރިންނަށް އެނގޭނެ ކަމަށާއި އެމީހުން އެ ފުރުސަތު އޭނާއަށް ހޯދައިދެން ބޭނުންވި ކަމަށާއި ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް އަމިއްލަ މަސައްކަތުން ފިލުމުތަކުން ޖާގަ ހޯދައިފައިވާ ކަމަށް ވެސް ދިއާ ފާހަގަ ކޮށްފައިވެއެވެ.

އަދި ކުރިއަށް އޮތްތާނގައި ވެސް އޭނާގެ ކެރިއަރުގެ މަސައްކަތްތައް ކުރިއަށްދާނީ އޭނާގެ އަމިއްލަ މަސައްކަތާއި ހުނަރުން ކަމަށް ވެސް ދިއާ ބުނެފައިވެއެވެ.