ކޮވިޑް-19 ޕެންޑަމިކްގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކުޑަކުދިންނަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ދެކުނު ކޮރެޔާގެ ހުނަރުވެރި އެކްޓަރ ލީ މިން ހޯ 50 މިލިއަން ކޮރެޔަން ވޮން ހަދިޔާ ކޮށްފިއެވެ.

ޑިސެމްބަރ 28 ވަނަ ދުވަހު ލީ މިން ހޯއާއި އެމްވައިއެމް އެންޓަޓެއިންމަންޓުން ވަނީ ކުޑަކުދިންގެ ތިން އޯގަނައިޒޭޝަނަކަށް 50 މިލިއަން ވޮން ހަދިޔާ ކޮށްފައެވެ. އޭގެތެރޭގައި ހޯލްޓް ޗިލްރަން ސަރވިސަސް އިންކް، ގުޑް ނެއިބަރސް އިންޓަނެޝަނަލް އަދި ސޭވް ދަ ޗިލްރަން ހިމެނެއެވެ.

މި ތިން އޯގަނައިޒޭޝަނަކީ ވެސް ކުޑަކުދިން ބަލަހައްޓާ އެކުދިންނަށް ހިމާޔަތްދޭ ތަނެކެވެ. ލީ މިން ހަދިޔާ ކޮށްފައިވާ މި ފައިސާ ޚަރަދު ކުރާނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ ކުދިންނަށް ތެރަޕީއާއި ފަރުވާ ހޯދައިދިނުމަށް ކަމަށް މި އޯގަނައިޒޭޝަންތަކުން ބުނެފައިވެއެވެ.

ކުޑަކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ލީ މިން ހޯ ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފެތުރެން ފެށި ވައިރަސް ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ލީ މިން ހޯ ވަނީ 300 މިލިއަން ވޮން ހަދިޔާކޮށްފައެވެ. އެ ފައިސާ ބޭނުން ކޮށްފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށާއި ދިފާއީ ބާރު ދަށް ކުޑަކުދިންނާއި ފަގީރުންނަށް އެހީތެރިވުމަށެވެ.

ފިލުމީ މަސައްކަތްތަކަށް ބަލާއިރު ލީ މިން ހޯގެ ފަހުގެ އެންމެ ކާމިޔާބު ޑްރާމާއަކީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ދައްކާފައިވާ ''ކިންގް: އެޓާނަލް މޮނާކް''އެވެ.

ކިޔުންތެރިންގެ ހިޔާލު