ސީއެންއެންގެ މަޝްހޫރު ޓީވީ ހޯސްޓު ލެރީ ކިންގް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ފައްސި ވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ. އުމުރުން 87 އަހަރުގެ ލެރީ ވަނީ މީގެ ކުރިންވެސް ސިއްހީ މައްސަލަތަކެއް ދިމާވެގެން އެޑްމިޓް ކޮށްފަ އެވެ. އޭނާ އަށް ވަނީ އެއްފަހަރެއްގައި ކެންސަރު ބަލި ޖެހުމުން އެބައްޔަށް ވެސް ފަރުވާ ދީފަ އެވެ.

ލެރީ ކިންގް ކޮވިޑަށް ފައްސިވުމާއި ގުޅިގެން އޭނާ އެޑްމިޓްކޮށް ފަރުވާދެމުން ދަނީ ލޮސް އެންޖެލިސް ހޮސްޕިޓަލުގައި އެވެ. ކުރިން ސީއެންއެން އިން ގެނެސްދިން ލެރީ ކިންގް ލައިވްގެ ހޯސްޓަކަށް އުޅުނު ލެރީ ވަނީ ކުރިން ހިތުގެ ބައްޔެއް ޖެހުމުގެ ސަބަބުން ހޮސްޕިޓަލުންވެސް ފަރުވާ ހޯދާފައި އެވެ. ލެރީ ކޮވިޑަށް ފައްސިވެފައި ވަނީ މީގެ 10 ދުވަސް ކުރީންނެވެ.

ފޮޓޯ: ގޫގުލް

ކޮވިޑް-19 އަށް ލެރީ ފައްސިވިކަން ފުރަތަމަ ހާމަކޮށްފައި ވަނީ ރޮޖާ ފްރައިޑްމެންސް ހޮލީވުޑް 411 ވެބްސައިޓުންނެވެ. ލެރީގެ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ ފަރާތަކާއި ހަވާލަދީ މީޑިޔާ ތަކުން ބުނަނީ ލެރީ އަކީ ސިއްހީ އެތައް ބައްޔަކަށް މީގެ އަހަރުތަކެއް ކުރީން ފަރުވާ ހޯދާފައިވާ މީހެއް ކަމަށާއި މިހާރުވެސް އޭނާ ދަނީ ބޮޑު ބައްޔަކާއި ކުރިމަތިލައި ފަރުވާ ހޯދަމުން ކަމަށެވެ.

ހޮލީވުޑް 411 ނޫހުން ހާމަކުރާ ގޮތުގައި ލެރީގެ އަންހެނުން ޝޯން ކިންގް އާއި އެމީހުންގެ ދެ ކުދީން، ޗާންސް ކިންގް 21 އާއި ކެނޮން ކިންގް 20 އަށް ބައްޕަ ބަލާލުމަށް ނުދެވޭ ކަމަށެވެ. ނަމަވެސް ބައްޕަގެ ހާލަތު ވަރަށް ތަފްސީލުކޮށް އެމީހުންނަށް އަޕްޑޭޓް ކުރަމުން ދާކަމަށް އެނޫހުން ބުނެއެވެ.

އެމެރިކާގެ ގިނަ ހޮސްޕިޓަލް ތަކުގައި ވަނީ ހޮސްޕިޓަލަށް ވަނުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެޤައުމުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރުގެ ސަބަބުންނާއި ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކަށް ފަރުވާދެމުންދާތީ ގިނަ ހޮސްޕިޓަލްތައް ވަނީ ފުރި ބާރު ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު