'ބާބީ ޓިންޒް' ގެ ރެޕާ، ނިކީ މިނާޖު ފުރަތަމަ ފަހަރަށް އޭނާގެ ދަރިފުޅުގެ ފުރިމަހަ ފޮޓޯ އެއް ދައްކާލައިފި އެވެ.

މިހާރު ތިން މަސް ވެފައިވާ އެ ކުއްޖާގެ ފޮޓޯ ޢާންމު ކޮށްފައިވާއިރު އަދިވެސް އެ ކުއްޖާގެ ނަމެއް ޢާންމު ނުކުރެ އެވެ. އުމުރުން 38 އަހަރުގެ މަޝްހޫރު ލަވަކިއުންތެރިޔާ ނިކީ މިނާޖު ވަނީ އޭނާގެ ވީޑިއޯ ލަވަ 'ބެސްޓް އޮފް 2020' ގައި ދަރިފުޅާއި ވާހަކަ ދައްކާ ތަންކޮޅެއް ހިމަނާފަ އެވެ.

ނިކީ މިނާޖު ބުނީ މަންމަ އަކަށް ވުމަކީ އޭނާ މިހާރު އަދާކުރެވުނު އެންމެ ހިންހަމަ ޖެހޭ ވަޒީފާ ކަމަށެވެ. އޭނާ ވަނީ މި ދަނޑިވަޅުގައި ބަނޑުބޮޑުވި ހުރިހާ މައިންނަށް ޝުކުރު އަދާކޮށްފަ އެވެ. ނިކީ މިނާޖު އާއި އޭނާގެ ފިރިމީހާ ކެނެތު ޕެޓީ ގެ ފުރަތަމަ ދަރިފުޅު އުފަންވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

މަޝްހޫރު ރެޕާ ނިކީ މިނާޖު އޭނާގެ ދަރިއަކަށް ބަލިވެއިންކަން ހާމަކުރިތާ 2 މަސްފަހުން އޭނާ ވަނީ ބަނޑުގެ ފޮޓޯއެއް އިންސްޓަގްރާމުގައިވެސް ހިއްސާ ކޮށްފަ އެވެ. އޮކްޓޯބަރު މަހު ނިކީ މިނާޖު ވަނީ އޭނާގެ ދަރިފުޅުގެ ފައިގެ ފޯޓޯއެއްވެސް ހިއްސާ ކޮށްފަ އެވެ.

ފޮޓޯ: ގޫގުލް

ދަރިފުޅަށް ކިޔާނެ ނަމެއް ނިކީ އަދި ހާމަނުކުރި ކަމުގައި ވިޔަސް އޭނާ ވަނީ ދަރިފުޅަށް އޭނާ ކިޔަން ބޭނުންވާ ނަންތައް އޭނާގެ ފޭނުންނަށް އަންގާފަ އެވެ. އޭނާ ދަރިފުޅަށް ކިޔަން ބޭނުންވާ ނަންތަކުގެ ތެރޭގައި ނިންޖާ ވެސް ހިމެނެއެވެ.

އޮނިކާ ތަންޔާ މަރާޖް-ޕެޓީ ގެ ޢާންމު ނަމަކީ ނިކީ މިނާޖު އެވެ. އެމެރިކާއަށް ނިސްބަތްވާ އެ އާޓިސްޓަކީ ލަވަކިއުމުގެ އިތުރުން ލަވަ ލިއުމާއި އެކްޓު ކުރުމާއި މޮޑެލް ކުރުމުގެ ދާއިރާގައިވެސް ފާހަގަ ކޮށްލެވޭ ތަރިއެކެވެ. އޭނާ އުފަންވެފައި ވަނީ 1982 ވަނަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހުގައި އެވެ.