ބޮލީވުޑުގެ މަޝްހޫރު ފަންނާނު ކަރީނާ ކަޕޫރު ޚާން ހުށަހަަޅައިދޭ ރޭޑިޔޯ ޝޯ، ''ވަޓް ވުމެން ވޯންޓް'' ގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވި އަނިލް ކަޕޫރު، ކަރީނާގެ އަނގަ ބަންދު ކޮށްލައިފިއެވެ.

ފިލުމު އިންޑަސްޓްރީގައި އަންހެން ފަންނާނުންނަށްވުރެ ގިނަ ފައިސާ ފިރިހެން ފަންނާނުންނަށް ލިބޭ މައްސަލައާއި ގުޅިގެން ވާހަކަ ދެއްކުނު މި ޝޯގައި ކަރީނާއަށް އަނިލް ކަޕޫރު ދިން ރައްދުން އޭނާއަށް ދެން އިތުރަށް އެކަމާއި ގުޅޭގޮތުން ބުނާނެ އެއްޗެއް ނޭނގިފައި ވެސް އިންނަން ޖެހުނެވެ.

މިކަމާއި އަނިލް ކަޕޫރުގެ ޚިޔާލެއް ހޯދުމަށް ބުނުމުން އެއްވެސް ކަމަކާއި ވިސްނުމެއް ނެތި ވަރަށް އަވަހަށް އަނިލް އެއަށް ޖަވާބުދާރީވިއެވެ.

''ކަރީނާ އަހަރެން އަތުން ވަރަށް ބައިވަރު ފައިސާ ނެގި'' އަނިލް ކަޕޫރު ބުނެފައިވެއެވެ. އަނިލް ކަޕޫރުގެ މި ބުނުމަށް ކަރީނާ ބުނާނެ އެއްޗެއް ނޭނގިފައި ލަދުރަކި ހިނިތުންވުމެއްގައި އިނެވެ.

މިކަމުގެ އެއް ހާދިސާ ހިއްސާ ކުރަމުން އަނިލް ބުނެފައިވަނީ އޭނާއާއި ކަރީނާ އެކުގައި މަސައްކަތް ކުރި އެއް ފިލުމު ކަމުގައިވާ ''ވީރޭ ދި ވެޑިން''ގެ ފިލުމަށް ބަތަލްއަށްވުރެ ގިނަ ފައިސާ ކަރީނާ ބޭނުންވާ ކަމަށް ފިލުުގެ ޑައިރެކްޓަރ ބުނެފައިވެއެވެ. އަދި ކަރީނާ އެބުނާ ވަރަކަށް ފައިސާ ދިނުމަށް އަނިލް ކަޕޫރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.

''ވަރަށް ގިނަ ފިލުމުތަކުގައި އަހަރެންނަށްވުރެ ގިނަ ފައިސާ ލީޑް އެކްޓްރެސްއަށް ދިނުމަށް އަހަރެން ވާނީ އުފަލާއިއެކު ހިތުން ރުހުމުން އެއްބަސްވެފަ'' އަނިލް ކަޕޫރު ބުނެފައިވެއެވެ.