ބޮލީވުޑްގެ ތަރި ރިއާ ޗަކްރަބޯޓީ މިހާރު މުމްބާއީން ގެއެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހޭދަކުރި، ރިއާ އާއި ކޮއްކޮ ޝޮވިކް ދަނީ މުމްބާއީން އާ ގެއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު އެ މީހުން ވަނީ މުމްބާއީގެ އެކި ތަންތަނަށް ގޮސްފައެވެ.

ސުޝަންތް ސިންގ ރާޖްޕުތްގެ މަރަށްފަހު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައެއްގައި ރިއާ ހައްޔަރުކޮށް، އޮކްޓޯބަރު މަސް ތެރޭގައި ވަނީ ދޫކޮށްލާފައެވެ.

އޭނާ އާއި ޝޮވިކް ފެނިފައި ވަނީ މާސްކް އަޅައިގެން ތިބެ މަގުމަތިންނެވެ. އެ މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެނިގެން ދަނީ ރިއާ ޕިންކް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ތަނެވެ. އަދި ދެ މީހުންވެސް ފޮޓޯ ނެގުމަށް އެއްވެސް ވަރަކަށް ދެކޮޅު ހަދާފައެއް ނުވެ އެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ޝޮވިކްވެސް ހައްޔަރު ކުރިއެވެ. ނަމަވެސް ކަފާލާތުގެ ދަށުން ޑިސެމްބަރު ދެ ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ރިއާ އާއި ޝޮވިކްއަށް ތުހުމަތު ކުރެވެނީ، މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ތަކެތި ގެންގުޅުމުގެ ތުހުމަތެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ސުޝަންތްގެ މަރަށް ފަހު އެންސީބީން ތަހުގީގު ކުރަމުން ދިޔަ މަސްތުވާތަކެތީގެ މައްސަލައިގެ ތެރެއިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އަހަރު ތެރޭގައި ރިއާ ރޫމީ ޖެފެރީގެ ފިލްމަކުން ފެނުގެން ދާނެެ އެވެ. އެއީ އޭނާގެ ފިލްމް ޗެހްރޭއިންނެވެ.