މިދިޔަ އަހަރު ޖޫން 14 ވަނަ ދުވަހު މަރުވެފައިވާ ސުޝާންތު ސިންގް ރާޖުޕޫތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭގެ އިންސްޓަގުރާމުގެ ފޮލޯވަރުންގެ އަދަދު 3 މިލިއަނަށް އެރުމުން އެކަމުގެ އުފަލުގައި އޭނާ ކުރި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އަންކިތާގެ އިންސްޓަގުރާމު އެކައުންޓުގައި އޭނާގެ ފޮޓޯއެއް ހިއްސާކޮށް އައު އަހަރުގެ ތަހުނިޔާއާއި އެކު 3 މިލިއަން ފޮލޯވަރުން ހަމަވުމުން އެކަމަށް ޝުކުރު އަދާކޮށްފައިވާ ޕޯސްޓަށް ބައެއް ފަރާތްތަކުން ތަހުނިޔާ ކިޔައިފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔައިފައެވެ.

އަންކިތާގެ ފޮލޯވަރުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ސުޝާންތުގެ ސަޕޯޓަރުންކަމަށް ބައެއް މީހުން ކޮމެންޓް ކޮށްފައިވެއެވެ. 3 މިލިއަން ފޮލޯވަރުން ހަމަވީ ސުޝާންތުގެ ސަބަބުން ކަމަށް ވެސް ބައެއް މީހުން ލިޔެފައިވެއެވެ. 3 މިލިއަންގެ ތެރެއިން 2 މިލިއަން ފޮލޯވަރުންނަކީ ސުޝާންތުގެ ސަޕޯޓަރުންކަން ހަނދާން ނައްތާނުލުމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އަންކިތާއާއި ސުޝާންތު ލޯބީގެ ގޮތުން ގުޅިފައިފައިވަނީ ޓީވީ ޑްރާމާ ''ޕަވިތުރަ ރިޝްތާ''ގެ ދުވަސްވަރުއެވެ. އަދި 2016 ވަނަ އަހަރު އެ ދެމީހުންގެ ގުޅުން ނިމުނެވެ.

ދާދިފަހުން އަންކިތާގެ އުފަންދުވަސް އޭނާގެ ލޯބިވެރިޔާއާއި އެކު ފާހަގަކޮށް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ވީޑިއޯ ތަކަކަށް ވެސް ބައެއް މީހުން ވަނީ ފާޑުކިޔައިފައެވެ. އަންކިތާ ''މޫވް އޮން'' ކުރީ ކަމަށާއި ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް އެއްވެސް ޝައުގުވެރިކަމެއް މިހާރު ނެތްކަމަށް ގިނަ ފަރާތްތަކަކުން ބުނެފައިވެއެވެ.

އަންކިތާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ''ބާޣީ 3''، ''މަރްކާނިކާ'' ފަދަ ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.