އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިއުންތެރިޔާ އެޑް ޝީރަންގެ ކުރީގެ ލޯބިވެރިޔާ އަތީނާ އެންޑްރެލޮސް އަށް އެޑް ކާމިޔާބު ނުވުމުން އެޑް އާއި ވައްތަރު މީހަކާއި ކައިވެނި ކުރަން ނިންމައިފި އެވެ.

މި މީހުން ފުރަތަމަ މިދިޔަ އަހަރު ކައިވެނި ކުރަން ރޭވި ނަމަވެސް އެ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުން އެ ކައިވެނި ފަސްކުރި އެވެ. އަދި މި އަހަރު ކައިވެނި ކުރަން ނިންމާފައިވާކަން މިހާރު ވަނީ ހާމަކޮށްފަ އެވެ.

'ދަ ޝޭޕް އޮފް ޔޫ' ލަވަ ކިޔާފައިވާ 29 އަހަރުގެ އެޑް އާއި ޕްރޮޖެކްޓު ޑައިރެކްޓާ އާއި ލޯބީގެ ގޮތުން ގުޅުނީ 2014 ވަނަ އަހަރުގައި އެވެ. އަދި އަހަރެއް ވަންދެން ރައްޓެހިވެގެން ތިބުމަށްފަހު ދެމީހުން ވަނީ ވަކިވެފަ އެވެ. އޭގެ ފަހުން އަތިނާ ލޯބީގެ ގޮތުން ގުޅިފައި ވަނީ އެޑް އާއި ވައްތަރު ނިކް އާއި އެވެ.

އަތިނާ އާއި ނިކް ކައިވެނި ކުރަން ކުރީން ނިންމީ 2020 ގެ ސެޕްޓެމްބަރު 5 ގައި އެވެ. ނަމަވެސް ކޮވިޑުގެ ނުރައްކަލުގެ ސަބަބުން އެ ކައިވެނި ފަސްކުރަން މަޖުބޫރު ވެގެން ދިޔައެވެ. އަދި އެފަހަރު އެމީހުން ކައިވެނި ކުރަން ނިންމައި ހަނީމޫންއަށް ދާނެ ތަނެއްވެސް ކަނޑައެޅި އެވެ.

ފޮޓޯ: ގޫގުލް

އެޑް އާއި ނިކް ގެ ވަރަށް ވައްތަރު ކަންކަން ހުންނަކަން ގިނަ ފަރާތްތަކުންވެސް ފާހަގަ ކުރެއެވެ. އެގޮތުން ދެމީހުންގެ ވެސް ތުނބުޅި އާއި ބޮލުގެ ކުލަ ވަރަށް އެއްވަތްތަރެވެ.

އެޑް ވަނީ ފާއިތުވި އަހަރު ޗެލީ ހީލީ އާއި ކައިވެނި ކޮށްފަ އެވެ. އެމީހުންނަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަންހެން ކުއްޖަކުވެސް ވަނީ ލިބިފައެވެ. އެޑް ވަނީ ދަރިއަކު ލިބުމުން މިއުޒިކް ދާއިރާ ހުއްޓާލާނެ ކަމަށްވެސް ބުނެފަ އެވެ. ނަމަވެސް ފަހުންވެސް އެޑް ގެ ލަވަ އަލްބަމެއް ނެރެން ނިންމާފައިވާކަން ވަނީ އިއުލާން ކޮށްފަ އެވެ.