ބޮލީވުޑުގެ މަޝްހޫރު ފަންނާނު ކެޓްރީނާ ކެއިފްގެ އިންސްޓަގުރާމު ސްޓޯރީއަށް ފޮޓޯއެއް ލައި މާގިނައިރު ތަކެއް ނުވަނީސް އެ ފޮޓޯ ޑިލީޓް ކޮށްލައިފިއެވެ.
ކެޓްރީނާގެ ކޮއްކޮ އިސަބެއްލާއާއި އެކު ނަގާފައިވާ މި ފޮޓޯގައި ކެޓްރީނާގެ ފަހަތުގައި ހުރި ބިއްލޫރި ގަނޑުން ވިކީ ކޯޝަލް ފެނެއެވެ. މި ފޮޓޯ ޑިލީޓް ކުރުމުން ގިނަ ފަރާތްތަކަކުން ބުނަމުން ދަނީ އެއީ އެ ފޮޓޯގައި ވިކީ ކޯޝަލް ފެންނަން ހުރުމުން ކަމަށެވެ.
ކެޓްރީނާއާއި ވިކީ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދިޔަ ނަމަވެސް އެ ދެފަންނާނުން މިކަމަށް އެއްބަސް ވެފައެއް ނުވެއެވެ.
މި ފެށުނު އައު އަހަރު ވެސް ވިކީއާއި ކެޓްރީނާ ފާހަގަ ކޮށްފައިވަނީ އެއްކޮށް ކަމުގައި ގިނަ ބަޔަކު ބުނެއެވެ. އަދި އެ ދެ ފަންނާނުން އެކުގައި ފެނިގެންދާ ފޮޓޯތަކެއް ވެސް އެ ދުވަސްވަރު މީސް މީޑިޔާގައި އާއްމު ވެފައިވެއެވެ. މީގެ އިތުރުން ވެސް މި ދެ ފަންނާނުން ވަރަށް ގިނައިން އެކުގައި އެކި ތަންތަނުން ފެނިފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.
''ސީކުއަލް މާފިޔާ'' ލިޔެފައިވާ މި ފޮޓޯގައި ކެޓްރީނާއާއި އިސަބެއްލާ ތިބީ ސްވެޓަރ ލައިގެންނެވެ.
ކެޓްރީނާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ އިޝާން ޚައްތަރުއާއި ސިދާންތު ޗަތުރަވޭދީއާއި އެކު ''ފޯނު ބޫތު'' ފިލުމުގައެވެ.
ކެޓްރީނާގެ ފިލުމުތަކުން އެންމެ އަވަހަށް ރިލީޒް ކުރެވިގެންދާނީ ރޯހިތު ޝެޓީގެ ''ސޫރިޔަވަންސް''އެވެ. މި ފިލުމުގައި ކެޓްރީނާގެ އިތުރުން އަކްޝޭ ކުމާރު ވެސް ފެނިގެންދާނެއެވެ.
ވިކީ ކޯޝަލް މިހާރު ތައްޔާރުވަމުން ދަނީ ސެމް މަނިކްޝާގެ ބަޔޯޕިކްއެވެ.